14 ޑިސެމްބަރ 2021 - 17:05

ޕްލޭނިންގެ ގަވައިދު ނެތް ރަށްރަށުގައި އެންމެ އުސްކޮށް އިމާރާތްކުރެވޭނީ 100 ފޫޓަށް ކަމަށް މިއަދު ކަނޑައަޅައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ ރަށުގެ ތަރައްގީގެ ގަވައިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހު ގެނެސް މިއަދު ގެޒެޓުކޮށްފަ އެވެ.
އެ ގަވައިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލުން، އެ ރަށެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 މީޓަރު (100 ފޫޓު) އުސްނުވާނެ ގޮތަށް ކަނޑައެޅިދާނެ ކަމަށެވެ.
އެގޮތަށް އެއްވެސް ރަށެއްގެ ރަށު ކައުންސިލުން ނިންމައިފިނަމަ، އެ ނިންމުމަކަށް އަމަލުކުރަން
ފަށާނެ ތާރީހު އެނގޭގޮތަށް ގެޒެޓުކުރަންޖެހެ އެވެ. އަދި އެ ނިންމުމެއް މިނިސްޓްރީއަށް
ހިއްސާކުރަންޖެހޭނެ ކަމަށް ވެސް ގަވައިދުގައި ވެ އެވެ.
އިދާރީ ދާއިރާތަކަށް މި ފަހުން ގެނައި ބަދަލުތަކުން ލޯކަލް ކައުންސިލް ތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑު ޔޫސް ޕްލޭން ހިމެނެ އެވެ. އެކަމަކު މުއްދަތު ހަމަވިއިރު ވެސް ބައެއް ރަށްރަށުގައި ތަރައްގީގެ ޕްލޭން ނިންމޭ ގޮތެއް ނުވި އެވެ.