"ރައީސް"ގެ ހިމާޔަތުގައި ޝާހްރުކް، ރާޖް ތާކަރީގެ ފައިބުޑަށް
"ރައީސް"ގެ ހިމާޔަތުގައި ޝާހްރުކް، ރާޖް ތާކަރީގެ ފައިބުޑަށް

އަންނަ މަހު ނެރޭ ޝާހްރުކް ޚާންގެ "ރައީސް" އަށް އެއްވެސް މައްސަލައެއް ކުރިމަތިވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ދާދި ފަހުން ދެއްކި ވާހަކައަކުންނާއި އެ ވާހަކައާ ވިއްދައިގެން ޝާހްރުކް ބުނި އެއްޗަކުން "ރައީސް" އާ ދެކޮޅަށް ޕާޓީތަކުން އަނެއްކާވެސް އަޑުއުފުލަން ފަށާފާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ.

ރިތޭޝް ބުނެފައިވަނީ ޕާކިސްތާނު އެކްޓަރުން އިންޑިއާ އަށް އައިސް ފިލްމީ މަސައްކަތްކުރުމުގައި އިންޑިއާ ސަރުކާރުގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ބޭނުންވެއްޖެ ނަމަ "ރައީސް"ގެ ޕްރޮމޯޝަަނަށް އެ ފިލްމުގެ ބަތަލާ ޕާކިސްތާނުގެ މާހިރާ ޚާން އިންޑިޔާއަށް ގެންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރައީސް"ގެ ޓްރެއިލާ ލޯންޗުކުރި ހަފުލާފައި ރިތޭޝްގެ އެ ވާހަކައަށް ޝާހްރުކް އެއްބަސްވި އެވެ. ނަމަވެސް އޭނާއަށް ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން ވަރަށް އަވަހަށް ޝާހްރުކަށް ވިސްނުނެވެ.

އެހެންވެ އިތުރު މައްސަލައެއް އުފެދުމުގެ ކުރިން ޝާހްރުކް ވަނީ މަހަރަޝްތުރާގައި އެންމެ ނުފޫޒު ގަދަ ސިޔާސީ ޕާޓީ އެމްއެންއެސްގެ ވެރިޔާ ރާޖް ތާކަރީގެ ގެއަށް ގޮސް އޭނާއާ ބައްދަލުކޮށްފަ އެވެ.

ގަޑިއެއްހާ އިރަށް ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި، ޕާކިސްތާނުގެ އެއްވެސް ފަންނާނަކާ އެކު ކުރިޔަށް އޮތް ތަނުގައި މަސައްކަތް ނުކުރާނެ ކަމަށް ޝާހުރުކް ވައުދުވި ކަމަށްވެ އެވެ. އަދި "ރައީސް" ޕްރޮމޯޓްކުރަން މާހިރާ އިންޑިއާ އަށް ގެންނަން ގަސްދުނުކުރާނެކަމުގެ ޔަގީންކަން ވެސް ދިނެވެ.

މީޑިއާގައި ފެތުރުނު އެ ވާހަކަތަކަކީ ތެދެއްކަން ޔަގީންކޮށްދެމުން އެމްއެންއެސްގެ އިސް ވެރިއެއް ކަމަށްވާ އަމޭ ކޯޕްކަރް ބުނީ މާހިރާ އިންޑިއާ އަށް ގެންނަކަމުގެ ވާހަކަ އަކީ ދޮގެއް ކަމަށް ޝާހުރުކް ބުނި ކަމަށެވެ. އަދި މީގެ ފަހުން ޕާކިސްތާނުގެ ފަންނާނަކު ފިލްމުތަކުގައި ބައިވެރިނުކުރާނެކަމުގެ ޔަގީންކަން ވެސް ޝާހްރުކް ދިން ކަމަށް ބުންޏެވެ.

އަމޭ ބުނީ "ރައީސް" އާ ދެކޮޅަށް އެ ޕާޓީން އެއްވެސް އިހުތިޖާޖެއް ނުކުރާނެ އެވެ. ސަބަބަކީ ކުރިން ވެސް އެއްބަސްވެފައި އޮތީ އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވުމުގެ ކުރިން ޕާކިސްތާނު ފަންނާނުން ލައިގެން ކުޅެފައިވާ ފިލްމުތައް ރިލީޒްކުރުމުގެ ފުރުސަތު ދޭ ގޮތަށް ކަމަށް ވާތީ އެވެ.