15 ޑިސެމްބަރ 2021 - 07:56

ކައިވެނީގެ ހަފުލާތައް ރާއްޖޭގެ އެކި ހިސާބުގައި ބާއްވަނީ އެކި ގޮތްގޮތަށެވެ؛ ތަފާތު ފެންވަރުގަ އެވެ. އެކަމަކު ޒަމާން ބަދަލުވަމުން ދިޔަ ނަމަވެސް ތަފާތެއް ނުގެނެސް، އެކަން ކުރަމުން އަންނަ އެއް ހިސާބަކީ ލ. އަތޮޅުގެ ރަށްތަކެވެ. އެ ރަށްތަކުގެ ތެރެއިން ވެސް އެންމެ ސަގާފީ ގޮތުގައި މިކަން ދަމަހައްޓަމުން އަންނަ އެއް ރަށަކީ އެ އަތޮޅު ހިތަދު އެވެ.
އެ ރަށުގެ ތާރީހީ މައުލޫމާތު ވަރަށް ރަނގަޅަށް ދަންނަ އަލީ މޫސާ، 56، ބުނާގޮތުން، ކައިވެނި ކުރާ އަންހެން ކުއްޖާ ބަލާ ދިއުމަށް އެ ހިސާބުގައި ކިޔާ ކައިވެނި މައްޗަށް ދިއުމުގެ ކަންކަން ކުރާތާ މިހާރު ބައިގަރުނު ވެދާނެ އެވެ.
މޫސަ ބުނީ ކައިވެނި ކުރާ ތާރީހު ކަނޑައެޅުމުން އެންމެ ބޮޑަށް ތައްޔާރުވަނީ ފިރިހެން މީހާގެ އާއިލާއިން ކަމަށެވެ.
"ޒަމާނުއްސުރެ މި ރަށުގައި އޮންނާނީ ސަގާފީ ކަމެއްގެ ގޮތުގައި ބޮޑުކެއުން. އެ ބޮޑުކެއުމުގައި ހުންނާނީ ހަމަ އެންމެ ކުރީ ޒަމާނުގައި އޮންނަ ކަހަލަ ގޮތަކަށް...،" މޫސަ ބުންޏެވެ.
ހިތަދުގައި ކައިވެނީގެ ވަލީމާ ގިނައިން ބާއްވާނީ ކައިވެނި ކުރާ ތަނުގަ އެވެ. އެއަށްފަހު އަންހެން ކުއްޖާ، ފިރިހެން ކުއްޖާގެ ގެއަށް ގެންދިއުން އޮންނާނީ ސްކޫލު ބަންދު ދުވަހެއްގަ އެވެ.
އެގޮތަށް ދިއުމުގެ ކުރިން މުޅި ރަށަށް އިއުލާނުކޮށް، އެ އުފަލުގައި އެންމެން ވެސް ބައިވެރިވުމަށް ދައުވަތު ދެ އެވެ. ނަމަވެސް އެ ހުރިހާ ކަމެއްގައި ވެސް އިސް ނަގާނީ، މޫސަ ބުނިގޮތުގައި، ފިރިހެން މީހާގެ އާއިލާއިންނެވެ.
ކައިވެނި ކުރި އަންހެން ކުއްޖާ ބަލާ ދަނީ ބޮޑުބެރު ޖަހައި ނަށަމުންނެވެ. އޭރު އެ އަންހެން ކުއްޖާ ހުންނާނީ އެ ގޭގެ ދޮރުމަތީގައި މަޑުކޮށްގެންނެވެ. މާފަތީގެ ބަދަލުގައި ރުފިޔާ ފަތި އަޅުވަނީ އެ ހިސާބުންނެވެ.
"އެ އާއިލާ މަރުހަބާ ކިޔުމަށް އަންހެން ކުއްޖާގެ ގޭގައި ވެސް ވަރުގަދައަށް ކެއުން ތައްޔާރުކޮށްފައި އޮންނާނެ. ފިރިހެން ކުއްޖާގެ ގެއަށް ވެސް ދާނީ ބެރުޖަހައި ލަވަކިޔަމުން،" މޫސަ ބުނެ އެވެ.