14 ޑިސެމްބަރ 2021 - 08:25

އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުގެ ގިނަ ކުޅުންތެރިންތަކަކަށް ކޮވިޑް-19 ޖެހުމާ ގުޅިގެން، ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ލީގުގެ ބޯޑުން ނިންމައިފި އެވެ.
ޔުނައިޓެޑުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި މޮޅުވެފަ އެވެ. އެ މެޗްގެ ކުރިން ޓީމުގެ ހުރިހާ ޕީސީއާރު ނަތީޖާއެއް ނެގެޓިވް ނަމަވެސް، މެޗަށް ފަހު ޖެހިގެން އައި ދުވަހު ޓީމުގެ ފަރިތަކުރުންތަކުގެ ކުރިން ނެގި ޓެސްޓުތަކުން ވަނީ ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނިފަ އެވެ.
މިގެ ސަބަބުން ކުޅުންތެރިންނާއި ސްޓާފުންގެ ސިއްހަތު އިސްކޮށް، ޔުނައިޓެޑުން ވަނީ އެ ކުލަބުގެ ޓްރޭނިން ސެންޓަރު ވެސް ވަގުތީ ގޮތުން ބަންދު ކޮށްފަ އެވެ.
ޕްރިމިއާ ލީގުން ހާމަކުރާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ ތެރޭ ވަނީ ލީގުގައި ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސް ފެނިފަ އެވެ. މިދިޔަ ހަފްތާގައި އެކަނިވެސް 42 ޓެސްޓް ޕޮޒިޓިވްވި އިރު، މިއީ މިދިޔަ އަހަރު މެއި މަހު ޓެސްޓް ކުރަން ފެށި ފަހުން ހަފްތާއެއްގެ ތެރޭ އެންމެ ގިނައިން ޕޮޒިޓިވް ކޭސް ފެނުނު ފަހަރެވެ.
އިނގިރޭސި ވިލާތުގެ ސަރުކާރުން އެ ގައުމުގައި ކޮވިޑުގެ އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެން ފެށުމުން އެގައުމުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ކޮށްފަ އެވެ. އަދި ޕްރިމިއާ ލީގުގެ ބޯޑުން ވެސް ވަނީ، ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރަން ކޮވިޑުގެ ކުއްލި ހާލަތަށް އަންނަން ކްލަބްތަކަށް އަންގައިފަ އެވެ.
ޓޮޓެންހަމް ހޮޓްސްޕާ އާއި ބްރައިޓަން އާއި ލެސްޓާ ސިޓީގެ އިތުރުން އެސްޓަން ވިލާ އާއި ނޯވިޗް ސިޓީން ވެސް ވަނީ ޓީމުގައި ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް އުޅޭކަން ޔަގީން ކޮށްދީފަ އެވެ. އަދި ޓޮޓެންހަމް ލީގުގައި އެންމެ ފަހުން ބްރައިޓަންއާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހު ކުޅެން އޮތް މެޗު ވަނީ ފަސް ކޮށްފަ އެވެ.