13 ޑިސެމްބަރ 2021 - 23:03

ކުނި ނައްތައިލުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގަން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 14 މިލިއަން ޑޮލަރުގެ ލޯނެއް ދިވެހި ސަރުކާރުން ނަގައިފި އެވެ.
އެ ފަންޑުގެ ފަރާތުން ކުރި ޓްވީޓެއްގައިވާ ގޮތުން، ކުނިން ހަކަތަ އުފެއްދޭ ގޮތަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކުނި 10 ޕަސެންޓް މަދުކޮށްދީ 6،000 ގޭބީސީ އަށް ކަރަންޓް ފޯރުކޮށްދޭނެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ޕްރޮޖެކްޓާ އެކު ގާތްގަނޑަކަށް 100 އިތުރު ވަޒީފާ އުފެއްދޭނެ ކަމަށެވެ.
ސަރުކާރުން އަންނަނީ އެކި ޕްރޮޖެކްޓްތައް ހިންގަން ބޭރުގެ އެކި މާލީ އިދާރާތައް މެދުވެރިކޮށް، ލޯނު ނަގަމުންނެވެ. އޭގެ ތެރެއިން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިންޑިއާއިންނެވެ.
ދައުލަތުގެ ދަރަނި އަންނަ އަހަރު 100 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވެ އެވެ. މިހާ ބޮޑަށް ދަރަނި އުފުލިފައި ވުމުން މަރުކަޒީ ބޭންކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖޭގެ ދަރަނި ހުރީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު މިންގަނޑުތަކުގައި ހިފެހެއްޓިފައި ނޫން ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. އަންނަ އަހަރު ދަރަނި އިތުރުވަނީ މި އަހަރަށް ވުރެ 9.6 ޕަސެންޓް މަތިން ކަން މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.