13 ޑިސެމްބަރ 2021 - 22:28

އަރަބިއްޔާ ސްކޫލްގެ އިމާރާތް ހަލާކުވެ، އެ ސްކޫލް ހިންގަން ދަތިވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން އެންމެ ރަނގަޅު ގޮތަކީ ސަރުކާރުގެ މުވައްޒަފުންގެ ނާދީ ކުރިން ހުރި، ހ. ބްލޫ ހެވަން ހަމަޖެއްސުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ، މިހާރު އަރަބިއްޔާ ސްކޫލު ހިންގަނީ އެ ސްކޫލަށް ބޭނުންވާ ޖާގައަށް ބަލާއިރު މާ ކުޑަ ބިމެއްގައި ކަމަށެވެ. އެއީ ކުރިން، އެންމެ ފުރަތަމަ އަރަބިއްޔާ ހިންގި ބިމަށް ވުރެ ވެސް ކުޑަތަނެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަރަބިއްޔާއަކީ މާލޭގައި ހުރި ސަރުކާރުގެ ހަމަ އެކަނި އަރަބި ތައުލީމީ ސްކޫލް. ސަކޭތަ ޕަސެންޓް މުސްލިމް ގައުމެއްގައި، މި ކަހަލަ ސްކޫލެއްގައި [ދަރިންނަށް] ކިޔަވައިދޭން ބޭނުންވާ ވަރަށް ގިނަ އާއިލާތައް އެބަތިބި. ނަަމަވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑު،" އަރަބިއްޔާ މިހާރު ހުރި ބިމުގައި އަލުން އިމާރާތް ކުރަން ކަމުނުދަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ
އޭނާ ވިދާޅުވިގޮތުގައި، އަރަބިއްޔާ ސްކޫލްގައި މިހާރު އޮތް ކޯޓްޔާޑް ވެސް ވަރަށް ކުޑަ އެވެ. މާލޭގެ ޓްރެފިކަށް ބަލާއިރުވެސް ރަނގަޅީ ބްލޫހެވަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިމާރާތްކުރިތާ އެންމެ 10 އަހަރުގެ ތެރޭގައި މުޅި އިމާރާތުގައި ރެނދުލައި، ބޭނުންކުރަން އެކަށީގެން ނުވާ ވަރަށް ހަލާކުވުމުން، ސަރުކާރުން މިހާރު ނިންމާފައި އޮތީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ގޮތުން، އިއްޒުއްދީން ސްކޫލްގައި ކިޔަވައިދިނުމަށެވެ. އެކަމަކު، އަރަބިއްޔާގެ ދަރިވަރުންގެ ބެލެނިވެރިން އެކަމާ ދެކޮޅެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި މުއިއްޒުވެސް ވިދާޅުވީ އިއްޒުއްދީން ސްކޫލްގައި އަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދިނުމަކީ "ޕްރެކްޓިކަލް ކަމެއް ނޫން ކަމަށެވެ. އަރަބިއްޔާ ސްކޫލާ މެދު ސަރުކާރުން ކަންތައް ކުރަނީ ހިތާމަހުރި ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާހެއްހާ ކުދިން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލްގެ ހަތް ބުރީގެ އިމާރާތުގައި 46 ކްލާސްރޫމުން ހުންނައިރު އެ ތަނުގައި ވެސް ޖާގައިގެ ދަތިކަން އޮވެ އެވެ. އިއްޒުއްދީނަކީ ހަތަރު ބުރީގެ އިމާރާތެއްގައި ހިންގާ، އެންމެ 20 ކްލާސްރޫމު ހުރި ތަނަކަށް ވާތީ އެ ތަނުގައި ދެ ސްކޫލުގެ ކުދިންނަށް ރަނގަޅަށް ކިޔަވައިދެވިދާނެ ކަމަށް ބެލެނިވެރިން ގަބޫލެއް ނުކުރެ އެވެ.