13 ޑިސެމްބަރ 2021 - 22:36

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅެން ޖެހިފައިވާ ސްޕެއިންގެ ބާސެލޯނާ، އިޓަލީގެ ނަޕޯލީއާ ވާދަކުރަން ޖެހިއްޖެ އެވެ.

ނަޕޯލީ އަކީ އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާ ޔޫރަޕްގައި ކުޅުނު ދެވަނަ ކްލަބެވެ. އޭނާ ބާސެލޯނާ އިން އިޓަލީގެ ނަޕޯލީ އަށް ބަދަލުވީ 1985 ގައި އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 6.9 މިލިއަން ޕައުންޑަށެވެ. މަރަޑޯނާ ވަނީ ނަޕޯލީއާއެކު 1989 ވަނަ އަހަރު ޔޫރޮޕާ ލީގު (އޭރުގެ ޔޫއެފާ ކަޕް) ކާމިޔާބު ކޮށްފަ އެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހު، ޗެމްޕިއަންސް ލީގު ގަދަ 16 ގަ އެވެ. އިޓަލީގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 1-1 އިން އެއްވަރު ވިއިރު، އޭގެ ފަސް މަސް ފަހުން ސްޕެއިންގައި ކުޅުނު ދެވަނަ ލެގު ބާސެލޯނާ ކާމިޔާބުކުރީ 3-1 އިންނެވެ.
ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފުގައި ވާދަ ކުރާނީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ތިންވަނަ ހޯދި ޓީމުތަކާއި، ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގެ ދެވަނައަށް ދިޔަ ޓީމުތަކެވެ. ޔޫރޮޕާ ލީގު ގުރޫޕް އެއްވަނަ ހޯދި އަށް ޓީމަށް ގަދަ 16 ޓީމު ވާދަކުރާ ބުރުން ސީދާ ޖާގައެއް ލިބޭނެ އެވެ.
ޕްލޭއޮފް ބުރުގެ ދެން ހުރި މެޗްތަކަށް ބަލައިލާ އިރު ޖަރުމަންގެ އާރުބީ ލައިޕްޒިގާއި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ވާދަކުރާއިރު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ގަދަ 16 އިން ޖާގަ ހޯދި އިޓަލީގެ އެޓަލާންޓާ ވާދަ ކުރާނީ ސްރީސްގެ އޮލިމްޕިއާކޯސް އާއެވެ. ސްޕެއިންގެ ރެއާލް ބެޓިސް މި ބުރުގައި ރަޝިއާގެ ޒެނިތާ ވާދަ ކުރާއިރު، ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ވާދަ ކުރާނީ ސްކޮޓްލެންޑުގެ ރޭންޖާސް އާއެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ރެއާލް މެޑްރިޑް ބަލިކުރި މޯލްޑޯވާގެ ޝެރިފް ޓިރާސްޕޯލް މި ބުރުގައި އޭއެސް ބްރާގާއާ ދެކޮޅަށް ނުކުންނައިރު، ޗެމްޕިއަންސް ލީގުގެ މަރުގެ ގުރޫޕުގެ ތިންވަނަ ހޯދި ޕޯޗުގަލްގެ ޕޯޓޯ ވާދަ ކުރާނީ އިޓަލީގެ ލާޒިއޯ އާއެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ސްޕެއިންގެ ސެވިއްޔާ މި ބުރުގައި ނުކުންނާނީ ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބާ ދެކޮޅަށެވެ.
ނަޕޯލީ ވެސް ވާދަކުރި ގުރޫޕުގެ ތިންވަނައާ އެކު، ޔޫރޮޕާ ކޮންފަރެންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފުގައި ވާދަ ކުރަން ޖެހުނު ލެސްޓާ ސިޓީ ނުކުންނާނީ ޑެންމާކުގެ ރޭންޑާސްއާ ދެކޮޅަށެވެ.
ކޮންފަރެންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ފާހަގަ ކޮށްލެވޭ އިތުރު މެޗްތަކަށް ބަލައިލާއިރު، ފްރާންސްގެ މާސޭ ވާދަކުރާނީ އަޒަރުބައިޖާންގެ ގަރަބާގެވެ. އަދި ސްކޮޓްލެންޑުގެ ސެލްޓިކުން ނުކުންނާނީ ނޯވޭގެ ބޯޑޯ/ގްލިމްޓް އާ ދެކޮޅަށެވެ.
ކޮވިޑް ގެ ސަބަބުން ޓޮޓެންހަމް އާއި ރެނެސް ވާދަކުރަން އޮތް ގުރޫޕް ސްޓޭޖުގެ ފަހު މެޗު ފަސް ކުރުމަށް ފަހު ދެން މެޗު ކުޅޭނެ ތާރީހެއް ކަނޑައަޅާފައި ނުވާއިރު، ޓޮޓެންހަމަށް މި ވަގުތު އޮތީ ގުރޫޕުގެ ތިންވަނައިގަ އެވެ.
އެއްވަނައިގައި އޮތް ރެނެސް އަތުން މޮޅު ވެއްޖެ ނަމަ ޓޮޓެންހަމަށް ގުރޫޕުގެ ދެވަނަ ލިބޭނެ އެވެ. ދެވަނަ އާއެކު ޕްލޭއޮފްގައި ވާދަ ކުރަން ޖެހޭނީ އޮސްޓްރިއާގެ ރެޕިޑް ވީން އާ ދެކޮޅަށެވެ. ރެނެސް އާ ދެކޮޅަށް ޓޮޓެންހަމަށް މޮޅެއް ނުހޯދިއްޖެ ނަމަ ރެޕިޑް ވީން އާ ދެކޮޅަށް ކުޅޭނީ މިހާރު ގުރޫޕުގެ ދެވަނައިގައި އޮތް ނެދަލެންޑްސްގެ ވިޓޭސޭ އެވެ.