13 ޑިސެމްބަރ 2021 - 21:57

އަލުން ގުރުނަގަން ޖެހުމުން، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގަދަ 16 ޓީމު ވާދަކުރާ ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގައި ފްރާންސްގެ ޕީއެސްޖީ އާއި 13 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑާ ވާދަކުރަން ޖެހިއްޖެ އެވެ.

މި ބުރު ވާނީ މި ސީޒަނުގައި ރެއާލްގެ ވާދަވެރި ބާސެލޯނާ ދޫކޮށް، ޕީއެސްޖީ އަށް ބަދަލުވި ލިއޮނެލް މެސީ، ބާސާ ނޫން ޓީމަކާއެކު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރަށެވެ. އަދި ރެއާލާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ވަނީ މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލު ވެފަ އެވެ.

މިއަދު ގުރު ނަގައިފައި ވަނިކޮށް، މި ބުރުގެ ގުރުއަތުލުން އަލުން ބާއްވަން ޔޫއެފާ އިން ނިންމީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑްގެ ގުރުއަތުލުންތައް ކަނޑައެޅުމުގައި ޔޫއެފާއިން ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ގިނަ ޓީމުތަކަކުން ވެސް ވަނީ އަލުން ގުރުއަތުލުން ބާއްވަން ގޮވާލައިފަ އެވެ.
މިއަދު ފުރަތަމަ ބޭއްވި ގުރުއަތުލުމުގައި ޔުނައިޓެޑަށް ޕީއެސްޖީ ދިމާވި އިރު، ވިޔަރެއާލަށް ދިމާވީ މެންޗެސްޓާ ސިޓީ އެވެ. އެތުލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހުނީ ބެޔާން މިއުނިކާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން ފްރާންސްގެ ލިލް އާ ދެކޮޅަށް ކުޅެން ޖެހުނުއިރު، ރެއާލް މެޑްރިޑާ ޖެހުނީ ޕޯޗުގަލްގެ ބެންފީކާ އެވެ. މީގެ އިތުރުން، އިންޓަ މިލާނާއި އަޔެކްސް ބައްދަލު ކުރަން ޖެހުނު އިރު ޔުވެންޓަސް އަށް ޖެހުނީ ޕޯޗުގަލްގެ ސްޕޯޓިން އެވެ. އަދި ލިވަޕޫލަށް ވާދަކުރަން ޖެހުނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ އެވެ.
ޔޫއެފާގެ ހެޑްކުއާޓާސްގައި މިއަދު ކުރިޔަށް ގެންދިޔަ ގުރު ނެގުމުގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ޔުނައިޓެޑް ވާދަކުރަން ޖެހޭނެ ޓީމަކަށް ހޮވުނީ، ގުރޫޕް ސްޓޭޖުގައި ވެސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ސްޕެއިންގެ ވިޔަރެއާލެވެ. ނަމަވެސް މުބާރާތުގެ ގަވާއިދުގައި ވާ ގޮތުން، އެއް ގައުމަކަށް ނިސްބަތްވާ ދެ ޓީމެއް، އަދި އެއް ގްރޫޕެއްގައި ވާދަކުރި ދެ ޓީމަކަށް ވެސް މި ބުރުގައި ނުކުޅެވޭނެ އެވެ.
މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑް ވާދަކުރަންޖެހޭ ޓީމުތަކުގެ ނަންތައް ހިމެނޭ ޕޮޓުގައި ލިވަޕޫލް ވެސް ވަނީ ހިމަނައިފަ އެވެ. ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރީ އެއް ގުރޫޕެއްގަ އެވެ. މި ޕޮޓުގައި ލިވަޕޫލް ހިމެނިއިރު، ޔުނައިޓެޑުގެ ނަމެއް ނެތެވެ.
ފުރަތަމަ އޮތް ގުރުއަތުލުން ބާތިލުކޮށް، އަލުން ނެގި ގުރުގައި ޕީއެސްޖީ އަށް ރެއާލް މެޑްރިޑާ ވާދަ ކުރަން ޖެހުނުއިރު، މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އަދި ހަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ލިވަޕޫލް ނުކުންނާނީ ތިން ފަހަރު މުބާރާތް ކާމިޔާބުކުރި އިންޓަ މިލާނާ ދެކޮޅަށެވެ.
ބެޔާން މިއުނިކް މި ބުރުގައި ރެޑްބުލް ސަލްޒްބާގާ ދެކޮޅަށް ނުކުންނައިރު، އަޔެކްސްއާ ދެކޮޅަށް ނުކުންނާނެ ޓީމަކަށް ހޮވުނީ ބެންފީކާ އެވެ. އަދި މެންޗެސްޓާ ސިޓީ ނުކުންނާނީ ސްޕޯޓިންއާ ދެކޮޅަށެވެ.
ގުރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ފަހަތަށް ޖައްސާލައި، ގުރޫޕުގެ އެއްވަނަ ހޯދި ޔުވެންޓަސް ވާދަ ކުރަން ޖެހެނީ ވިޔަރެއާލް އާއެވެ. ޗެލްސީ އަށް މި ފަހަރު ވެސް ދިމާވީ ފްރާންސްގެ ޗެމްޕިއަން ލިލް އެވެ.
ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގެ މެޗްތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި ދެވަނަ ލެގުގެ މެޗްތައް ކުޅޭނީ މާޗު މަހު އެވެ.