"ހިޔާ" ސަރަހައްދު ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް
"ހިޔާ" ސަރަހައްދު ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތައް ހިމެނޭ ސަރަހައްދު ފުރިހަމަކުރުމަށް އެޗްޑީސީން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ވަގުތު ކުރަމުން އަންނަ މަސައްކަތްތަކަކީ އެތަނުގައި އުޅެމުން އަންނަ މީހުން ހުށަހަޅަމުން އަންނަ މައްސަލަތަކަށް ހައްލެއް ހޯދައި އެތަނަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރާ ކަންތައްތަކެކެވެ.

އޭގެ ތެރެއިން އެއް މަސައްކަތަކީ ފްލެޓްތަކުގެ ސަރަހައްދު އަލި ކުރުމުގެ މަސައްކަތެވެ. އެއް ފްލެޓާއި އަނެއް ފްލެޓާ ދޭތެރޭގައި އޮންނަ ހިސާބު އަލިކުރުމަށް އެޗްޑީސީން ކުރާ މި މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެތަނުގައި ވެދާ ގްރިލް ހަރުކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން ކުރަމުން އަންނައިރު އެ ކުންފުނިން ބުނީ ގްރިލް ހަރުކުރަނީ ވިއްސާރަ ދުވަސްތަކުގައި ޓަވަރުތަކުގެ ކޮރިޑޯތަކަށް ފެން ވަންނަ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. އަދި ފޯމިއުލޭޝަން މަސައްކަތް މުޅިން ނިމިފައިވާ ކަމަށް ބުންޏެވެ.

ޓަވަރުތަކަށް ވަންނަ އެންޓްރެންސް ސިޑި ބަރީގައި ރެއިލިންއެއް ހަރުކުރުމުގެ މަސައްކަތް ވެސް ކުރަން ހަމަޖެހިފައިވާއިރު ރެއިލިން ނެތުމުގެ ސަބަބުން މީހުންނަށް ދަތިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ލިފްޓް ލޮބީ ކުޑަކަމުގެ ޝަކުވާތައް ވެސް ލިބޭތީ އެތަން ބޮޑުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެޗްޑީސީން އެތަން ބޮޑުކުރާނީ މިހާރު ގްރައުންޑް ފްލޯގެ މެދުގައި ހުސް ޖާގައިގެ ގޮތުގައި ކަނޑައަޅާފައިވާ ސްޕޭސްގެ އެއްބައި ލޮބީއަށް އިތުރުކޮށްގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަނެއް ކަމަކީ އެ ޓަވަރުތަކުގެ ވަކިވަކި ފްލޯތައް ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާނެ ފެން ލިބުމުގެ ދަތިތަކެއް ހުރުމުން ކޮންމެ ފްލޯއެއްގައި ވެސް ފެން އިސްކުރު ހަރުކުރުމެވެ. މި މަސައްކަތްތައް ވަރަށް އަވަހަށް ފަށައި ދަތިތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.