13 ޑިސެމްބަރ 2021 - 14:46

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހިމް ޒާހިރު (ޔަންމާ ޒާހިރު) މިއަދު އަވަހާރަވެއްޖެ އެވެ. އިބްރާހިމް ޒާހިރަކީ އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރުގެ ބައްޕަ ވެސް މެ އެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އިބްރާހިމް ޒާހިރުގެ ކޮއްކޮ އަހުމަދު ޒުހައިރު، "މިހާރު" އަށް ވިދާޅުވީ، އޭނާގެ ބޭބެ އަވަހާރަވީ އިންޑިއާގެ ކޮޗިންގައި ހުންނަ ރަޖާގިރި ހޮސްޕިޓަލުގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށެވެ.
ސ. ހިތަދޫ ރޭއަލިވާގޭ އިބްރާހިމް ޒާހިރު 66، ފުއްޕާމޭގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، ދާދި ފަހުން ކޮވިޑް-19 ޖެހުމުން ބަލީގެ ހާލަތު އިތުރަށް ގޯސްވީ އެވެ.
"ކޮވިޑުން ރަނގަޅުވީމާ ރޫޓިން ޗެކަޕްތަކެއް ހަދަން އިންޑިއާ އަށް ދިޔައީ. ފުއްޕާމޭގެ ބައްޔަށް ފަރުވާ ހޯދާ މީހަކަށް ކޮވިޑް ޖެހުނީމާ އިތުރަށް ބަލަން ޖެހޭނެތީ މި ފަހަރު އިންޑިއާ އަށް ދިޔައީ،" ޒުހައިރު ވިދާޅުވި އެވެ.
ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގައި ވަޒީފާ އަދާކުރައްވާތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިބްރާހިމް ޒާހިރު އަވަހާރަވިއިރު އޭނާގެ އަނބިނބަލުން އައިޝާ ވެސް ހުންނެވީ އިންޑިއާގަ އެވެ.
އިބްރާހިމް ޒާހިރު އަވަހާރަވިއިރު، ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.