ކޮންމެ އަގެއްގައި ފިލްމު ކުޅުނަސް ނުބެހެވޭނެ: ކަންގަނާ
ކޮންމެ އަގެއްގައި ފިލްމު ކުޅުނަސް ނުބެހެވޭނެ: ކަންގަނާ

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކަންގަނާ ރަނާވަތު ފިލްމު ކުޅެދޭ އަގު 15 ކްރޯޑު (150 މިލިއަން) ރުޕީޒް އަށް ހަދައިފި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.

ކަންގަނާ ބުނީ ފިލްމު ކުޅެދޭ އަގު ކިތަންމެ ބޮޑު ކުރިޔަސް އެއީ މީހަކާ ބެހޭ ކަމެއް ނޫން ކަމަށެވެ.

ތިން ފަހަރަށް ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކަންގަނާ ފިލްމު ކުޅެދޭ އަގު ކުއްލިއަކަށް ބޮޑުކުރުމުން ގިނަ ޕްރޮޑިއުސަރުން ކަންބޮޑުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އޭގެ ތެދެއް ދޮގެއް ކަންގަނާ ޔަގީންކޮށެއް ނުދިނެވެ.

ކަންގަނާ، 29، ބުނީ އޭނާ ފިލްމު ކުޅެދޭ އަގު އެހެން މީހުން ކައިރީގައި ބުނަން ނުޖެހޭ ކަމަށެވެ. އެ އަގު އެނގެން ޖެހޭނީ ހަމައެކަނި އޭނާ އަށް ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައިކަންގަނާ ފިލްމު ކުޅެދޭ އަގު 150 މިލިއަނަށް ހަދައިފި ނަމަ އެއީ މިހާރު ހިންދީ ފިލްމު ކުޅޭ އެންމެ އަގުބޮޑު ބަތަލާއަށް ވާނެ އެވެ. ކުރިން އެ މަގާމު އޮތީ މިހާރު ކަންގަނާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށް ބެލެވޭ ދީޕިކާ ޕަދުކޯން އަތުގަ އެވެ.

"ޕަދްމާވަތީ" ކުޅެން ދީޕިކާ ވަނީ 120 މިލިއަން ރުޕީސްގެ އަގެއް ކިޔާފައި ކަމަށްވެ އެވެ.

މިވަގުތު ކަންގަނާ ގެންދަނީ ތިން ފިލްމެއް ކުޅެމުންނެވެ. އެއީ ވިޝާލް ބަރްދްވާޖްގެ "ރަންގޫން" އާއި ހަންސަލް މެހެތާގެ "ސިމްރަން" އަދި ކޭތަން މެހެތާގެ "ރާނީ ލަކްޝްމީ ބާއީ" އެވެ.