އޮމިކްރޮންގެ ބިރު ކުޑަވުމުން ތެލުގެ އަގު މައްޗަށް
އޮމިކްރޮންގެ ބިރު ކުޑަވުމުން ތެލުގެ އަގު މައްޗަށް

ކޮވިޑް-19ގެ އާ ވޭރިއަންޓުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާ އަށް އަސަރު ނުކުރާނެ ކަމަށް ބަލައި ތެލުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ އެވެ.

ދެކުނު އެފްރިކާގެ ގައުމުތަކުން މިދިޔަ މަހު އޮމިކްރޮން ވޭރިއަންޓް ފެނުމާ ގުޅިގެން، ދަތުރުފަތުރުތައް ހުއްޓިދާނެ ކަމުގެ ބިރު އުފެދުނެވެ. އެއާއެކު އެ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ތެލުގެ އަގު ދަށްވާން ފެށި ނަމަވެސް އަލުން އަގު އުފުލެން ފެށީ ކުރިން ހީކުރި ވަރަށް އާ ވޭރިއަންޓުގެ ސަބަބުން ދަތުރުފަތުގެ ދާއިރާ އަށް އަސަރު ކުރާނެ ކަމަށް ނުބެލެވޭތީ އެވެ.

ތެލުގެ އަގުތަކުގެ މައުލޫމާތު ހާމަކުރާ ވެބްސައިޓުގައި ވާ ގޮތުން، އާ ވޭރިއަންޓާ ގުޅިގެން ޑިމާންޑަށް ބަދަލެއް ނާދެ އެވެ. އެކަމަކު، ކޮވިޑް-19އާ އެކު އައި ހީނަރުކަމުން އަދިވެސް އަރައި ނުގަނެވޭ ކަމަށާއި ތެލުގެ އަގު ހަމަޔަކަށް އެޅޭނީ ދަތުރުފަތުރުގެ ދާއިރާ ހަމައަކަށް އެޅިގެން ކަމަށް ބުންޏެވެ.

މިއަދުގެ މިހާތަނަށް ދުނިޔޭގައި ތެލުގެ އަގު ހުރީ ފީފާއެއް 76.25 ޑޮލަރު (1،175ރ.) ގަ އެވެ. އޮމިކްރޮންގެ ސަބަބުން މިދިޔަ މަހު ފީފާއެއްގެ އަގު 68.15 (1،050ރ.) އަށް ވެއްޓުނެވެ.

އޯޕެކްގެ ގައުމުތަކުން މި މަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުމުގައި ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް މަޝްވަރާ ކޮށްފަ އެވެ. އެގޮތުން އަންނަ މަހު ދުވާލަކު 400،000 ފީފާގެ ތެޔޮ އުފައްދަން އެ ބައްދަލުވުމުގައި ވާހަކަ ދައްކާފައި ވެ އެވެ.

ތެލުގެ އަގު ދަށް ކުރުމަށް އެމެރިކާ އިން ވެސް ވަނީ ތެޔޮ ވިއްކާ ވަރު އިތުރު ކުރުމަށް ނިންމައިފަ އެވެ. މި މަހުގެ 17 ގައި 18 މިލިއަން ފީފާގެ ތެޔޮ ވިއްކާނެ ކަމަށް އެ ގައުމުން ބުނެ އެވެ.