ޗެލްސީގެ ޕޮއިންޓް އުނިކުރާ ވާހަކަ އަކީ ޖޯކެއް: ކޮންޓޭ
ޗެލްސީގެ ޕޮއިންޓް އުނިކުރާ ވާހަކަ އަކީ ޖޯކެއް: ކޮންޓޭ

ލަންޑަން (ޑިސެމްބަރު 12) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އަތުން ޕޮއިންޓް އުނިކުރަން އިނގިރޭސި އެފްއޭ އިން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ޖޯކެއް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު 15 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.

ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީ އަތުން 3-1 އިން ޗެލްސީ މޮޅުވި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ޗެލްސީގެ ޕޮއިންޓު އުނިކޮށްފާނެ ކަމަށް ބެލެވެން ފެށީ އިނގިރޭސި އެފްއޭގެ ގަވާއިދުގައިވާ ގޮތުން ދެ އަހަރު ތެރޭގައި އެ ކްލަބަކަށް ނޫނީ އެ ކްލަބެއްގެ ކުޅުންތެރިންނަށް އަހުލާގީ ފަސް މައްސަލައެއްގައި އަދަބުދީފި ނަމަ އެ ޓީމެއްގެ އަތުން ޕޮއިންޓު އުނިކުރުމުގެ އިހުތިޔާރު ލިބޭތީ އެވެ.

ސިޓީ މެޗުގައި ހިނގައިދިޔަ ކަންތައްތަކުގެ މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭ އިން ވަނީ ދެ ޓީމަށް ވެސް އަދަބު ދޭން ނިންމައިފަ އެވެ. މިއީ ފާއިތުވި 19 މަސް ދުވަހުގެ ތެރޭގައި އެފްއޭ އިން ބަލާ ޗެލްސީގެ ފަސް ވަނަ ޑިސިޕްލިނަރީ މައްސަލަ ކަމަށްވުމުން އެ ޓީމުގެ ޕޮއިންޓް އުނިކުރުމުގެ ފުރުސަތު ބޮޑެވެ.

ވެސްޓް ބްރޮމް އަތުން ރޭ 1-0 އިން ޗެލްސީ މޮޅުވި މެޗަަށް ފަހު ކޮންޓޭ ބުނީ ޗެލްސީގެ ޕޮއިންޓް އުނިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ސިޓީ މެޗުގައި ޗެލްސީ ކުޅުންތެރިން ހަމަނުޖެހުމެއް ނުހިންގާ. ޗެލްސީ ކުޅުންތެރިން ބެލީ މައްސަލަ ހައްލުކުރެވޭތޯ. ހަމައެކަނި ޗެލްސީގެ ޕޮއިންޓް އުނިކުރާކަމަށް ދައްކާ ވާހަކަތަކަކީ ޖޯކެއް. އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ އޭނާ ޗެލްސީއާ ހަވާލުވުމުގެ ކުރިން އެ ޓީމުގެ ޑިސިޕްލިނަރީ ރެކޯޑް ދަށް ކަމަށެވެ.

"އަހަރެން މި ޓީމާ ހަވާލުވިއިރު މި ޓީމުގެ ޑިސިޕްލިނަރީ ރެކޯޑް އޮތީ ވަރަށް ގޯސްކޮށް. އެކަމަކު އަހަރެން ހަވާލުވި ފަހުން އެ ކަހަލަ ކަންތައްތަކެއް ނުހިނގާ. ޑިއޭގޯ (ކޮސްޓާ) އަކީ އެންމެ ގިން މި ފަދަ މައްސަލަތަކުގައި އަދަބުދޭ ކުޅުންތެރިޔެއް. އެކަމަކު މިހާރު އޭނާގެ ފަރާތުން ވެސް އެ ފަދަ ކަމެއް ނުފެނޭ،" ކޮންޓޭ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގައި ޓޮޓެންހަމާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމަށް ފަހު އިނގިރޭސި އެފްއޭ އިން ވަނީ ދެން އެ ފަދަ އަހުލާގީ މައްސަލައެއް ކުރިމަތިވެއްޖެނަމަ ޗެލްސީގެ ޕޮއިންޓް އުނިކުރާނެ ކަމުގެ އިންޒާރުދީފަ އެވެ.

އިނގިރޭސި ލީގުގައި އެންމެ ފަހުން ޓީމެއްގެ އަތުން ޕޮއިންޓް އުނިކުރީ 1990 ވަަނަ އަހަރު އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ. އާސެނަލާއި ޔުނައިޓެޑް އަތުން ޕޮއިންޓް އުނިކުރީ އެ ދެ ޓީމު ކުޅުނު މެޗެއްގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ.

އެ ފަހަރު އާސެނަލް އަތުން ދެ ޕޮއިންޓް އަދި ޔުނައިޓެޑް އަތުން އެއް ޕޮއިންޓް އުނިކުރި އެވެ. މި ފަހަރު ޗެލްސީގެ މައްސަލައިގައި ޕޮއިންޓް އުނިކުރަން އެފްއޭ އިން ނިންމައިފިނަމަ ބެލެވޭ ގޮތުގައި އެ ޓީމު އަތުން ވެސް ގިނަވެގެން އުނިކުރާނީ ދެ ޕޮއިންޓް ނޫނީ ތިން ޕޮއިންޓެވެ.