ލެބަނަންގެ ޖަނާޒާއެއްގެ ތެރޭ ބަޑިޖެހުމުން ހަތަރު މީހަކު މަރުވެއްޖެ
ލެބަނަންގެ ޖަނާޒާއެއްގެ ތެރޭ ބަޑިޖެހުމުން ހަތަރު މީހަކު މަރުވެއްޖެ

ލެބަނަންގެ ދެކުނުގައި ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ ފޭލިގެ އަވަށެއްގައި ހިނގި އެއްޗެއް ގޮވުމުގެ ހާދިސާގައި މަރުވި ހަމާސްގެ މެމްބަރެއްގެ ޖަނާޒާ އިއްޔެ ކުރިއަށް ދިޔަ ވަގުތު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި، ބަޑި ޖެހުމުގެ ސަބަބުން ހަމާސް ޖަމާއަތުގެ ތިން މެމްބަރަކާއި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހަމާސް ޖަމާއަތުގެ އިސް ބޭފުޅެއް ކަމަށްވާ ރައުފަތުލް މުއްރާ ވިދާޅުވި ގޮތުގައި، އިއްޔެގެ ޖަނާޒާގައި ހަމާސްގެ ތިން މެމްބަރަކު މަރުވީ ވާދަވެރި ފަތަހް ޖަމާއަތުގެ ހަނގުރާމަވެރިން ބަޑި ޖެހުމުގެ ސަބަބުންނެވެ. އިއްޔެގެ ޖަނާޒާއަކީ މިދިޔަ ހުކުރު ދުވަހު، ބުރުޖުއް ޝިމާލީ ރެފިއުޖީ ފޭލިގެ އަވަށުގައި ހުރި އޮކްސިޖަން ރައްކާކުރާ ގުދަނެއްގައި ކަރަންޓު ޝޯޓްވެގެން އޮކްސިޖަން ފުޅިތަކެއް ގޮވި ހާދިސާގައި މަރުވި، ހަމާސް ޖަމާއަތުގެ މެމްބަރެއްގެ ޖަނާޒާ އެވެ.

މި ޖަނާޒާގައި ހަމާސްގެ އިސް ބައެއް ވެރިންނާއި ހިޒްބުﷲ ޖަމާއަތާއި އަމަލް ޖަމާއަތުގެ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ. ނަމަވެސް ފަތަހް ޖަމާއަތުގެ އިސް ވެރިން މި ޖަނާޒާ އިން ނުފެންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިއްޔެގެ ބަޑި ޖެހުމުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ މެމްބަރެއް ކަމަށްވާ ޒަހްރާން ޖަބާރައިން ހިމެނެ އެވެ.

ކަމުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އިއްޔެގެ ޖަނާޒާގެ ކަންތައް ފެށުމުގެ ކުރިން، ހަމާސް ޖަމާއަތާއި ފަތަހް ޖަމާއަތާ ދެމެދު ފޯނުގެ ޒަރީއާއިން މަޝްވަރާތަކެއް ކުރި އެވެ. އެއީ ޖަނާޒާގެ ވަގުތުގައި އެއްވެސް ކަހަލަ މައްސަލައެއް ނުވަތަ ކުރިމަތިލުމެއް ހިނގިޔަ ނުދިނުމުގެ ގޮތުންނެވެ.

އެހެން ނަމަވެސް މަޝްވަރާތައް ނިމުނު ފަހުން، ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާ އިރު، ފޭލިގެ އަވަށުގައި ހުންނަ ފަތަހް ޖަމާއަތުގެ އޮފީސް ކުރިމަތިން ޖަނާޒާގެ ބައިވެރިން ދަތުރު ނުކުރުމަށް، ފަތަހް ޖަމާއަތުގެ ކޮންމެވެސް މެދުވެރިއެއްގެ ޒަރީއާ އިން ހަމާސް ޖަމާއަތަށް އެންގި ކަމަށްވެ އެވެ.

އެ ގޮތަށް ފަތަހް ޖަމާއަތުން އަންގާފައި އޮތަސް، ޖަނާޒާގެ ކަންތައް ކުރިއަށް ދިޔައީ، ފަތަހް ޖަމާއަތުގެ އޮފީސް ކުރިމަތިން ލައިފަ އެވެ. ޖަނާޒާގެ ކަންތައް އެ ސަރަހައްދުން ކުރިއަށް ދިޔަ އިރު، ޖަނާޒާގެ ބައިވެރިންގެ ތެރެއަށް ބަޑިޖެހީ ފަތަހް ޖަމާއަތުގެ ބަޔަކު ކަމަށް، ހަމާސް އިން ބުނެ އެވެ.

މީހުން ވަޅުލާ ގަބުރުސްތާނާ ކައިރީގައި ހުންނަ ފަތަހް ޖަމާއަތުގެ އޮފީހާ ކައިރި އަށް، ޖަނާޒާގެ ބައިވެރިން ދިޔައިރު، އެ އޮފީސް ކައިރީގައި ފަތަހްގެ ހަނގުރާމަވެރިން ހަތިޔާރު އަޅައިގެން ތިބި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.