12 ޑިސެމްބަރ 2021 - 23:32

ރާއްޖޭގައި ހިންގާ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއު ފުވަމުލަކުގައި ފަށަން ނެދަލެންޑްސްގެ އެމްޓީ ހޯގާޑް ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

މި މަޝްރޫއަށް 300 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިރޭ މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތާ ހަމަޔަށް އާދެވުނީ 10 އަހަރުގެ ދަތުރަކަށް ފަހުގައި ކަމަށެވެ.
އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުން ޕްރޮޕޯސަލް ފޮނުވައިގެން ހިންގަން މަސައްކަތް ފެށި މަޝްރޫއެއް ކަމަށާއި ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މަސައްކަތް ކުރިޔަށް ނުދިޔަ ކަމަށް އަސްލަމް ވިދާޅުވިު އެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަހު އޮންނަ ގޮތާއި މިފަދަ ގިނަ ކަންކަން ޔޫރަޕުގެ ގައުމުތަކުން ކޮންސިޑާ ކުރޭ. 2012 ފެށިގެން ބަލައިނުގަންނަ ޒާތުގެ ކަންކަން ރާއްޖޭގައި ހިނގައި ދިޔުމުން ލަސްތަކެއްވި،" އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް މިހާރު އަލުން މި މަޝްރޫއު ފަށަން ސޮއިކޮށް، ކުރިޔަށް އޮތް 600 ދުވަސް ތެރޭގައި އެ މަސައްކަތް ނިންމަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މި މަޝްރޫގައި 2.6 ކިލޯމީޓަރުގެ ތޮށި އެ ރަށުގައި ލާނެ ކަމަށާއި އެހެންވެ މިއީ ރާއްޖޭގައި ހިންގާ އެފަދަ އެންމެ ބޮޑު މަޝްރޫއަށް ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި އަސްލަމް ވަނީ މި ސަރުކާރުން މިހާރު ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ އެހެން ހިސާބުތައް ވެސް ހިއްސާކުރައްވައިފަ އެވެ.
ފެނާއި ނަރުދަމާގެ 117 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 20 މަޝްރޫއެއް ކުރިޔަށް ގެންދާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 16 ރަށެއްގެ ބިން ހިއްކުމާއި ތިން އެއާޕޯޓް އެޅުމާއި 22 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް އެބަ ދެ އެވެ. އަދި 487 ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފުވަމުލަކުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިޔަށް އޮތްތަނުގައި ވެސް ހިންގާނެ އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިޔަށް ދާނެ އެވެ.