ވެކްސިން ނުޖެހުނީ ބިރާ ކުރިމަތި ނުލެވިގެން: ކިމިކް
ވެކްސިން ނުޖެހުނީ ބިރާ ކުރިމަތި ނުލެވިގެން: ކިމިކް

މިއުނިކް (ޑިސެމްބަރު 13) - ކޮވިޑް-19 ވެކްސިން ނުޖަހާ ދުވަސްތަކެއް ބޭކާރު ކުރެވުމުން މިހާރު އެކަމާ ދެރަވާ ކަމަށް، ބެޔާން މިއުނިކާއި ޖަރުމަންގެ މިޑްފީލްޑަރު ޖޯޝުއާ ކިމިކް ބުނެފި އެވެ.

މިދިޔަ މަހު ކޮވިޑު ޖެހިގެން އެޑްމިޓް ވެސް ކުރި ކިމިކް ކަރަންޓީނު މުއްދަތު ހަމަވެގެން އެނބުރި ޓީމާ ނުގުޅި ހުރީ، ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓްތަކުން އޭނާގެ ފުއްޕާމެއަށް ލިބުނު ގެއްލުން މުޅިން ރަނގަޅު ނުވާތީ އެވެ. އަދި އެކަމާ ގުޅިގެން ކިމިކަށް ވަނީ މި އަހަރުގެ ބާކީ ބައި އެއްކޮށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.

ޖަރުމަންގެ ޓީވީ ޗެނަލަކާ ވާހަކަ ދައްކަމުން ކިމިކް، 26، ބުނީ، އޭނާގެ ހާލު މިހާރު ރަނގަޅު ނަމަވެސް ފުއްޕާމޭގައި އަދިވެސް ކުޑަ އިންފިލްޓްރޭޝަނެއް އެބަހުރި ކަމަށެވެ. ޖަރުމަންގެ ވެކްސިން ކޮމިޝަނުން ލަފާ ދޭ ގޮތުގައި، ވެކްސިން ޖެހުމުގެ ކުރިން ކޮވިޑް ޖެހިއްޖެ ނަމަ ދެން ވެކްސިން ޖެހޭނީ ހަ މަސް ދުވަހަށް ފަހު އެވެ.

"ވެކްސިން ޖަހަން ވީމައި، ވަގުތު ޖެހުމުން އަހަރެން ވެކްސިން ޖަހާނަން،" މީގެ ކުރިން ވެކްސިން ޖަހަން ދެކޮޅު ހެދި މިޑްފީލްޑަރު ބުންޏެވެ.

ކިމިކް ވެކްސިން ޖަހަން ނިންމުމާ އެކު ޖަރުމަންގެ މިނިސްޓަރު އޮފް އެޑިއުކޭޝަން އެންޑް ރިސާޗް ބެޓީނާ ސްޓާކް-ވާޓްޒިންގާ ވަނީ އޭނާއަށް ތައުރީފް ކުރައްވައިފަ އެވެ.

"ވެކްސިން ޖަހަން ޖޯޝުއާ ކިމިކް އެ ނިންމީ ވަރަށް ރަނގަޅަށް. ފުޓްބޯޅަ ކުޅޭ މީހެއްގެ ހައިސިއްޔަތުން އޭނާ އަކީ ގިނަ ބަޔަކަށް ނަމޫނާއެއް. ވެކްސިން ޖަހާ މީހުން އިތުރު ކުރުމަކީ އެއީ މި ބަލިމަޑުކަމުން އަރައިގަތުމަށް އޮތް މަގު،" މިނިސްޓަރު ކުރެއްވި ޓުވީޓެއްގައިވެ އެވެ.

"އަހަރެންގެ ބިރާއި ކަންބޮޑުވުންތަކާ ކުރިމަތިލާން އުނދަގޫވި، އެހެންވެ މިހާ ގިނަ ދުވަހު އަހަރެން ގޮތެއް ނުނިންމައި ހުރީ،" ކިމިކް ބުންޏެވެ.

"އަހަރެން ހީކުރީ ގަވާއިދުތަކަށް އަމަލުކޮށް ގަވާއިދުން ޓެސްޓް ކުރަންޏާ ވައިރަހުން ސަލާމަތް ހޯދޭނެ ކަމަށް."

މީގެ އިތުރުން ކިމިކް ބުނީ، އޭނާ ކޮވިޑަށް ޕޮޒިޓިވްވީ، ވެކްސިން ޖަހަން އެޕޮއިންޓްމެންޓް ވެސް ހައްދައިފައި ވަނިކޮށް ކަމަށެވެ.