13 ޑިސެމްބަރ 2021 - 06:58

ގޯއްޗަށާއި އިމާރާތަށް ބިމާބެހޭ އިދާރާއަކުން ހަދައިދީފައިވާ ރަޖިސްޓަރީއެއް ބާތިލުކުރެވޭނީ ކަމާބެހޭ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ބިނާކޮށްގެން ކަމަށް ބުނާ ސުޕްރީމް ކޯޓުގެ ހުކުމެއް އޮތުމުން، ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލް ބާތިލްކުރި ނިންމުމުގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން، އިހްތިސާސްގެ ދެބަސްވުމުގެ ތެރޭގައި ބާތިލްކޮށްފައި ވާއިރު މިދިޔަ ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ބުނަނީ "ގޯއްޗަށާއި އިމާރާތަށް ބިމާބެހޭ އިދާރާއަކުން ހަދައިދީފައިވާ ރަޖިސްޓަރީއެއް ބިމާބެހޭ އިދާރާއަކުން ބާތިލުކުރެވޭނީ ނުވަތަ އެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ގޯއްޗާއި އިމާރާތުގެ މިލްކުވެރިކަމަށް ބަދަލުއަންނަ އެއްވެސް ކަމެއް ކުރަންވާނީ ކަމާބެހޭ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ބިނާކޮށްގެން" ކަމަށެވެ.
ހުކުމުގައި މިހެން އޮތް ނަމަވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު އެޗްޑީސީއަށް ދެއްވި ރަޖިސްޓްރީގައި މިދިޔަ ހަފްތާގައި ކައުންސިލުން ބާތިލްކުރީ ޝަރުއީ މަރުހަލާ އަށް ނުގޮސް ކައުންސިލްގެ ބައްދަލުވުމަކުން ނިންމައިގެންނެވެ. ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުން މިގޮތަށް ނިންމީ ހުޅުމާލޭގައި ޕީޕީއެމްގެ ޖަލްސާއެއް ބާއްވަން އެޗްޑީސީގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ބުނުމުން އެ މައްސަލަ ހޫނުވުމަށް ފަހުގަ އެވެ.
ހުޅުމާލެ އަކީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާ ތަނަކަށް ވާއިރު، ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށިއިރު އެކި ފަރާތްތަކަށް ރަޖިސްޓްރީކޮށްދީފައިވާ ތަންތަނުގެ އިހްތިސާސް އެ ފަރާތަކަށް އޮންނާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި އޮވެ އެވެ.
ބަންޑާރަ ގޯއްޗެއްގެ ރަޖިސްޓަރީ އޮތް މީހަކު މަރުވެފައި ވަނިކޮށް ވާރިސުންގެ މެދުގައި ތަރިކަ ނުބަހަނީސް ޝަރީއަތް މެދުވެރިނުކޮށް ރަށު އޮފީހުން ގޯތީގެ ބައެއް ވަކިކޮށް ވާރިސުންގެ ތެރޭގައި ހިމެނޭ މީހަކަށް އެ ބައި ދީ، ވަކި ގޯއްޗެއްގެ ގޮތުގައި އޭނާގެ ނަމުގައި ރަޖިސްޓަރީކުރުމުން ބެލި މި މައްސަލާގައި ހުކުމް ކުރައްވާފައި ވަނީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ތާއީދުކުރައްވަ އެވެ.
ހުކުމުގައި ބުނެފައިވަނީ ބިމާބެހޭ ގާނޫނު ގެ 13 ވަނަ މާއްދާ އާއި 23 ވަނަ މާއްދާގައިވާ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި ގޯތީގައިވާ އިމާރާތްތައް ހުންނަންވާނީ ބިމާބެހޭ އޮފީހުގައި ރަޖިސްޓަރީކޮށްފައި ކަމަށެވެ.
"ގާނޫނުން ނުވަތަ ޝަރީއަތުން ގަބޫލުކުރާ އިސްތިސްނާ ހާލަތެއް ނެތް ނަމަ، ގޯތީގެ ރަޖިސްޓަރީ އަކީ
އެ ގޯއްޗެއްގެ މިލްކުވެރިކަމާއި އެ ގޯތީގެ މައްޗަށް މީސްމީހުންނަށް ލިބިގެންވާ ހައްގުތަކާއި
މަސްލަހަތުތައް ސާބިތުކޮށްދޭ އެންމެ ފަހު ބަހެވެ." ހުކުމުގައިވެ އެވެ.
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމުން އެކަމާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުން ހައި ކޯޓުގެ ހުކުމް ދަމަހައްޓައި ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި ގޯތީގެ ބިމުގެ މިލްކުވެރިކަމާއި ބިމާ ގުޅިގެން އެކި ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި މަސްލަހަތުތައް ބިމުގެ ރަޖިސްޓަރީއިން ފެންނަން އޮންނާނެ އެވެ.
މި ކަންކަމުގެ އިތުރުން، ބިމުގެ މިލްކުވެރިޔަކީ ކާކުކަމާއި ބިން ހަވާލުކުރެވިފައިވަނީ ކާކަށް ކަމާއި ބިމުގެ ބާވަތާއި ބިމުގެ ބޮޑުމިނާއި ބިމުގެ މިލްކުވެރިކަމުގެ ބާވަތާއި ބިމުގެ މިލްކުވެރިކަމާ ބެހޭގޮތުން އެއްވެސް ހުދޫދުތަކެއް ކަނޑައެޅިފައިވާ ނަމަ އެކަމަކާއި ބިމުގެ މައްޗަށް ރަހުނެއް އޮތް ނަމަ އެކަމަކާއި އެހެން ކަންކަން ވެސް ގޯތީގެ ރަޖިސްޓަރީން އެނގޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
"ކުރުކޮށް ބުނާނަމަ، ބިމުގެ ރަޖިސްޓަރީ އަކީ އެ ބިމެއްގެ ދުސްތޫރެވެ. އެބިމެއްގެ މޫނުބަލާ ލޯގަނޑެވެ. ސަބަބަކީ އެބިމުގެ އިމާއި، ސިފަ އާއި ބާވަތާއި އަދި މިނޫން ވެސް، އެ ބިމެއް ގަންނަން ނުވަތަ އެ ބިމާ ގުޅޭގޮތުން މުއާމަލާތެއް ކުރަން ބޭނުންވާ މީހަކު އެ ބިމާ ބެހޭގޮތުން ދެނެގަންނަން ބޭނު ންވާނޭ އެންމެހައި މައުލޫމާތު ގޯތީގެ ރަޖިސްޓަރީއިން އެނގޭނެތީ އެވެ." ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ލިޔުއްވާފައިވެ އެވެ.
ބިމުގެ ރަޖިސްޓަރީ އަކީ އެ ބިމާބެހޭ ފަހުބަސް ކަމަށްވާތީ، ބިން ގަންނަ ފަރާތް ނުވަތަ އެ ބިމާ ގުޅިގެން މުއާމަލާތެއް ކުރާ ފަރާތަށް އެ ރަޖިސްޓަރީގައިވާ މައުލޫމާތުތަކަށް އިތުބާރު ކުރެވޭނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ޝަރުއީ ހުކުމެއްގެ ދަށުން ގޯތީގެ މިން ބަދަލުވެއްޖެކަން އެނގޭނޭ ގޮތަށް ހުކުމްކޮށް، އެގޮތަށް ރަޖިސްޓަރީ ބަދަލުކޮށްގެން މެނުވީ އެ ގޯތިން ބައެއް ވަކިކޮށް އެގޮތުން ވަކިކުރެވުނު ބައި އެހެން މީހަކަށް ރަޖިސްޓަރީކޮށް ދިނުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.