އާންމުވެގެން އުޅޭ ލިޔުމުގައި ފުލުހުންގެ ސިއްކަ ވެސް ދިމާނުވޭ؛ މައްސަލަ ތަހުގީގުކުރަނީ
އާންމުވެގެން އުޅޭ ލިޔުމުގައި ފުލުހުންގެ ސިއްކަ ވެސް ދިމާނުވޭ؛ މައްސަލަ ތަހުގީގުކުރަނީ

މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ތެރޭގައި ގާނޫނާ ހިލާފަށް އެތައް ކަމެއް ހިނގާފައިވާ ކަމަށް އޮތް، ފުލުހުންގެ ތަހުގީގު ރިޕޯޓެއް ކަމަށް ބުނާ ލިޔުމުގައި އޮތް ފުލުހުންގެ ސިއްކަ ވެސް ދިމާނުވާ ކަމަށާއި އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ދައުރުވަމުންދާ ލިއުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި އޭގައިވާ ސްޓޭމްޕް ވެސް ދިމާނުވާ ކަމަށެވެ.

އާންމުވެގެން އުޅޭ ލިޔުމުގައި ޖަހާފައިވާ ސްޓޭމްޕުގައި އޮންނަނީ "ދިވެހި ފުލުހުންގެ ހިދުމަތް" ނަމަވެސް ހާދިސާ ހިނގި ކަމަށް ބުނާ ދުވަސްވަރު ބޭނުންކުރި ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" އެވެ. ދިވެހި ފުލުހުންގެ ހިދުމަތަށް ނަން ބަދަލުވީ މި އަހަރު ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށުމާ އެކުގަ އެވެ. އެ ލިޔުމުގައި މިނިވަން 50 ގެ ލޯގޯ ވެސް އިނދެ އެވެ. އެ ލޯގޯ ޖެހި ދުވަސްވަރު "ދިވެހި ފުލުހުންގެ ހިދުމަތް" އެއީ ބޭނުންކުރި ނަމެއް ވެސް ނޫނެވެ.

"މިއީ ދިވެހި ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއްކަމުގައި މި ހިދުމަތުން ދެކެމެވެ. އަދި އެ ލިޔުމަކީ ގަވައިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ މި ހިދުމަތުން ތަހުގީގުކުރާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

އާންމުވެގެން އުޅެނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން އޭރު ހިންގި ތަހުގީގަކަށް ނަގާފައިވާ ބަޔާންތަކުން ފާހަގަ ކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް އެ މުއައްސަސާއިން ތައްޔާރު ކުރި ކަމަށް ބުނާ ލިޔުމެކެވެ. އެ ލިޔުމުގައި، ވޯޓު ލާ މަރުކަޒުތަކުގެ ބައެއް އޮފިޝަލުން މަސްތުގެ ހާލަތުގައި ތިބި ކަމަށާއި ސައްހަ ވޯޓުތައް ވަކި ކެންޑިޑޭޓަކަށް ބާތިލްކުރިކަމަށާއި އަދި މި ނޫނަސް އެތައް ކަމެއް ފާހަގަކޮށްފައި ހުއްޓެވެ.

މި ލިޔުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ ލިޔުން އާންމުވިތާ 24 ގަޑިއިރު ވީއިރު ވެސް ފުލުހުން އެކަމާ އެއްޗެއް ނުބުނުމަކީ އެއީ އަސްލު އެއްޗެއްކަން ހާމަވުން ކަމަށެވެ. އަދި ވޯޓު އޮޅުވާލުމުގައި ފުލުހުން ބައިވެރިވާ ކަމަށް ވެސް ތުހުމަތުކުރި އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފަށް ވެސް ބޮޑެތި ތުހުމަތުތައް ކޮށް އޭނާ ހައްޔަރުކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދުރޭ ވިދާޅުވީ ޝަރީފަކީ އިންތިހާބު އޮޅުވާލުމުގައި އެންމެ އިސްކޮށް ހުރި ފަރާތް ކަމަށެވެ.

އިންތިހާބާ މެދު ސުވާލު އުފައްދައި ޕީޕީއެމުން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ކޯޓުން ނިންމީ އިންތިހާބު ބާތިލްކުރާނެ ސަބަބެއް ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކަންކަމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ކޮމާންޑަރަކަށް ހުންނެވީ އޭރުގެ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ. އިންތިހާބަށް ފަހު އޭރުގެ ރައީސް ޔާމީން ވަނީ ޕޮލިސް ކޮމިޝަނަރު ކަމަށް ހަމްދޫން އައްޔަންކުރައްވައިފަ އެވެ. އޭނާ މަގާމުން ވަކިކުރީ މި ސަރުކާރު އައުމާ އެކުގަ އެވެ.