13 ޑިސެމްބަރ 2016 - 06:20

ރިތިކް ރޯޝަންގެ "ގާބިލް" ޖެނުއަރީ 25 ގައި ރިލީޒްކުރާނެ އެވެ. ޝާހްރުކް ޚާންގެ "ރައީސް" ވެސް ރިލީޒްކުރަން އޮތީ އެ ދުވަހު އެވެ. ނަމަވެސް ރިތިކްގެ ފިލްމުގެ ފިލްމަށް "ރައީސް" ބަލިކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން، ޕްރޮޑިއުސަރުންނަށް އެބަ އޮތެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޖެނުއަރީ އަކީ މާޒީ އަށް ބަލާއިރު ރިތިކް އަށް 100 ޕަސެންޓް ކާމިޔާބު މަހަކަށް ވުމެވެ.
ޖެނުއަރީ މަހު ނެރުނު ރިތިކްގެ ހުރިހާ ފިލްމެއް ވެސް ވީ ބްލޮކްބަސްޓާއަށެވެ. އެހެންކަމުން މިފަހަރު ވެސް އެހެން ވާނެކަމުގެ އުންމީދު ބޮޑެވެ. ރިތިކްގެ ފުރަތަމަ ފިލްމު "ކަހޯނާ ޕިޔާރް ހޭ" ރިލީޒްކުރީ ޖެނުއަރީ 14، 2000 ގައެވެ. މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދިއިރު ގިނަ އެވޯޑުތަކެއް ވެސް ރިތިކް ގެންދިޔަ އެވެ.
އޭގެ 12 އަހަރު ފަހުން "އަގްނީޕަތު" ރިލީޒްކުރީ ވެސް ޖެނުއަރީ މަހެއްގަ އެވެ. އެއީ ވެސް ބްލޮކްބަސްޓާއެކެވެ.
"ގާބިލް" ގެ ޓްރެއިލާއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. ފެނުމުން މަހުރޫމްވެފައިވާ ބައެއްގެ ރޯލް ރިތިކް އާއި ބަތަލާ ޔާމީ ގޯތަމް ކުޅޭ މި ފިލްމަކީ އާއިލާތައް އެކުގައި ގޮސް ފޫހިފިލުވަން ރަނގަޅު ހޮވުމަކަށް ވެދާނެ ކަމަށް ވެސް ބެލެވެ އެވެ.
ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމު ބްލޮކްބަސްޓާއަކަށް ވާން ބޭނުން ގިނަ ރަހަތަކެއް ހުރީ ފުރިހަމަވެފަ އެވެ. އޭގެ ތެރޭގައި ލަވަތައް ހިމެނެ އެވެ. އެ ފިލްމުގެ ލަވަތައް ރީތިވެފައި ގިނަ ބައެއްގެ ހިތް ވަނީ ދަމައިގެންފަ އެވެ.
އަނެއްކޮޅުން ޝާހްރުކްގެ ފިލްމަކީ އެކްޝަން ފިލްމަކަށް ވުމުން އޯޑިއަންސް ވަރަށް ތަފާތެވެ. އެކަމަކު ފިލްމެއް ހިނގުމަކީ ވަރަށް ތަފާތު ކަމެކެވެ. އެހެންކަމުން ވަގުތު ވާހަކަ ދެއްކޭނީ ހީވާހީވުމެއްގެ މައްޗަށެވެ. ހަގީގަތް އެނގޭނީ ޖެނުއަރީ 25 ގަ އެވެ.