އަރަބިއްޔާ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ބެލެނިވެރިން ދެކޮޅު
އަރަބިއްޔާ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ބެލެނިވެރިން ދެކޮޅު

އަރަބިއްޔާ ސްކޫލްގެ ތަނބުތަކުގައި ރެނދުލައި، ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ އެތަނުގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރާތީ އެކަމާ ދެކޮޅަށް ބެލެނިވެރިން ނުކުމެއްޖެ އެވެ.

އަރަބިއްޔާ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ބެލެނިވެރިން ދެކޮޅު
އަރަބިއްޔާ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ބެލެނިވެރިން ދެކޮޅު

އަރަބިއްޔާގެ ޕީޓީއޭގެ ކުރީގެ ނައިބު ރައީސް ޔޫސުފް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ރޭ ސްކޫލުގެ ޕީޓީއޭ އިން ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ބެލެނިވެރިން ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލުކުރުމާ ދެކޮޅަށް ވާހަކަ ދައްކާފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެޑިއުކޭޝަނުގެ ވިސްނުމަކީ އަންނަ ޓާމުގައި ކިޔެވުން ފަށާއިރު އަރަބިއްޔާގެ ކިޔެވުން އްޒުއްދީން ސްކޫލަށް ބަދަަލުކުރުމަށެވެ.

ގާތްގަނޑަކަށް 1،000 އެއްހާ ކުދިން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލްގެ ހަތް ބުރީގެ އިމާރާތުގައި 46 ކްލާސްރޫމުން ހުންނައިރު އެތަނުގައި ވެސް ޖާގައިގެ ދަތިކަން އޮވެ އެވެ.

އިއްޒުއްދީނަކީ ހަތަރު ބުރީގެ އިމާރާތެއްގައި ހިންގާ، އެންމެ 20 ކްލާސްރޫމު ހުރި ތަނަކަށް ވާތީ އެތަނުގައި ދެ ސްކޫލުގެ ކުދިންނަށް ރަނގަޅަށް ކިޔަވައިދެވިދާނެ ކަމަށް ބެލެނިވެރިން ގަބޫލެއް ނުކުރެ އެވެ.

"އިއްޒުއްދީނުގައި ވެސް 200 އެއްހާ ކުދިން ކިޔަވަމުން އަންނައިރު އަރަބިއްޔާ އެތަނަށް ބަދަލުކޮށްގެން 1،000 އިން މައްޗަށް އެބަ އަރާ ދަރިވަރުންގެ އަދަދު. މިނިސްޓްރީން މަސައްކަތް ކުރަނީ އިއްޒުއްދީންގެ ސައިންސް ލެބާއި ލައިބްރަރީ ވެސް އެތަނުން ނަގައި ހުސްކޮށްފައި އެތަނުގައި ޕާޓިޝަން ޖަހައިގެން ކިޔަވައިދޭން،" އޭނާ ވިދާޅުވި އެވެ.

ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ އިއްޒުއްދީނަކީ އިންގްލިޝް މީޑިއަމް ސްކޫލަކަށްވާއިރު އެތަނަށް އަރަބި މީޑިއަމްގެ ކުދިންތަކެއް ބަދަލުކުރަން މަސައްކަތް ކުރުމެވެ. އެ ކުދިން އެތަނަށް ބަދަލުކުރަނީ މި ދެ ސްކޫލުގެ ކުދިން އެއްކޮށްލަައިގެން ކިޔަވައިދޭ ގޮތަށް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެގޮތަށް އެއްކޮށްގެން ކިޔަވައިދޭ ނަމަ، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސްރު ޓީޗަރުން އަރަބި މާއްދާތައް މި ކިޔަވައިދެނީ. އެތަން މިކްސްކޮށް ކިހިނެއްތޯ ކިިޔަވައިދޭނީ އެގޮތަށް އޮންނައިރު،" ނުރުހުން ފާޅުކުރަމުން ވިިދާޅުވި އެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި އިއްޒުއްްދީނަކީ ވެސް ޖާގައިގެ ގޮތުން އެހާ ތަނަވަސް ތަނަކަށް ނުވާތީ އެތަނުގައި ދެ މެނޭޖްމަންޓުގެ ހުރިހާ ޓީޗަރުންނާއި ސްޓާފުންނަށް ބޭނުންވާނެ ޖާގަ ހޯދުމުގައި ވެސް ދަތިވާނެ އެވެ.

އިއްޒުއްދީނަކީ ގްރޭޑް 6 އާ ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެއް ނަމަވެސް އަރަބިއްޔާ ސްކޫލުގައި ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެ އެވެ. ބެލެނިވެރިންގެ ކަންބޮޑުވުމަކީ އަރަބިއްޔާ ދަރިވަރުން ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން އެތަނުގެ ސައިންސް ލެބް ވެސް ނަގައި ޕާޓިޝަން ޖަހާއިރު އެ ސްކޫލުގައި ސައިންސް ކިޔަވަމުން އަންނަ ދަރިވަރުންގެ ލެބްގައި ކުރަންޖެހޭ މަސައްކަތްތަަކަށް ދެން ވާނެ ގޮތެއް ވެސް ނޭނގޭތީ އެވެ.

"ކިހިނެއްތޯ އިނގެނީ މި ސްކޫލުގައި ދަރިވަރުން ކިހާ މުއްދަތެއް ހޭދަކުރަން ޖެހޭނެ ކަމެއް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި މި ޗުއްޓީ ފެށޭއިރަށް އިއްޒުއްދީނަށް އަރަބިއްޔާގެ އެއްޗެހިތައް ވެސް ބަދަލުކުރަން އުޅެނީ،"

މިހާރު އަރަބިއްޔާ ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުންކުރެވޭނެ ގޮތަށް މަރާމާތުކުރާށެވެ.

އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެކަމަކު އެކަމުގައި ވެސް ބެލެނިވެރިންގެ ވިސްނުން ތަފާތެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި އެތަން މަރާމާތުކުރުމަށް ވެސް 4 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އިރުއިރުކޮޅާ އެތަނުގައި ރެނދުލުމުން މަރާމާތުކުރުމަށް ބޮޑެތި ހަރަދުކުރުމަށް ވުރެ ސްކޫލަށް ނާދީ ބިން ދީގެން އެތަނުގައި ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަން ޖެހެ އެވެ.

މިކަމުގައި ބެލެނިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު އެކަމާ ގުޅޭ މަޝްވަރާކުރުމަށް ބެލެނިވެރިން ވަނީ ރައީސްއާ ބައްދަލުކުރެއްވުމަށް އެެޕޮއިންޓްމަންޓަކަށް ވެސް އެދިފަ އެވެ.

އެ އިމާރާތުގެ މައްސަލަ މީގެ ކުރިން ފެންމަތިވުމުން އެޑިއުކޭޝަން މިނިސްޓްރީން ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ވިޝުއަލް އިންސްޕެކްޝަނެއް ވެސް ހެދި އެވެ. އެ އިންސްޕެކްޝަނުން ދެއްކީ އިމާރާތުގައި ވަގުތުން ވަގުތަށް ކުރަންޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިގެންނެވެ.

އިމާރާތުގައި ރެނދުލައި، އެ ތަން ވަރަށް ބޮޑަށް ބާވެފައިވާތީ ދަރިވަރުންގެ ސަލާމަތްތެރިކަމާ މެދު ބެލެނިވެރިން ކަންބޮޑުވެ އެވެ. ދަރިވަރުން ބުނާ ގޮތުގައި އެތަނުގެ ތަޅުމުގައި ވެސް ވަރަށް ބޮޑަށް ރެނދުލާފައިވެ އެވެ.