12 ޑިސެމްބަރ 2021 - 14:59

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި، ދެ އަހަރުގެ ފާތިމަތު ރާނިޔާ ތޯހާ އެންމެ ފުރަތަމަ ކޮރު ޖަހައިގެން ހިނގަން ފެށީ އެވެ. އެކަމަކު ރާނިޔާގެ މަންމަ އަށް އޭރު ބެލެވުނީ ދޮއްޓަށް ހުރި ހަ އަހަރުގެ ދަރިފުޅާ އެކު ކުޅެ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައި ވެއްޓި އަނިޔާއެއްވީ ކަމަށެވެ. މާ ބޮޑު ކަމަކަށް ނުހެދި ނަމަވެސް ވީ ގޮތެއް ބެލުމަށް އައްޑޫގައި ހުންނަ އެއިމް ކްލިނިކަށް ދެއްކި އެވެ.
އައްޑޫ ފޭދޫ އަށް އުފަން، ރާނިއާގެ މަންމަ، "މިހާރު" އަށް ކިޔައިދިން ގޮތުގައި މިދިޔަ އޮގަސްޓް މަހާ ހިސާބަށް ވެސް ދަރިފުޅުގެ ކިބައިން އެއްވެސް ބޮޑު ބައްޔެއްގެ އަލާމާތެއް ނުފެނެ އެވެ. މިއީ ސްކޭންތަކެއް ހަދައި ޓެސްޓްތަކެއް ހަދަން ވެސް ޖެހުނު ފުރަތަމަ ފަހަރެވެ.
"އަޅުގަނޑުގެ ހަ އަހަރުގެ ފިރިހެން ކުއްޖާއާ އެކު ތަންތަނަށް އަރައި ފުންމާ ހަދާނެ ވަރަށް. ދެން ކޮރު ޖަހައިގެން ހިނގަން ފެށީމަ ވެސް ފުރަތަމަ ހީކުރީ އޭނާއާ އެކީގަ ކުޅެނިކޮށް އަނިޔާއެއްވީއޭ. އެކަމަކު އަޅުގަނޑުމެން އެއިމްސް ކްލިނިކަށް ދެއްކީ. އޭނަ ރޯވަރުން ނުއެއް ހެދުނު ޓެސްޓްތަކެއް."
ހުން އައިސް ކަމެއްވާ ނަމަ އަނެއްކާ ވެސް ޑޮކްޓަރަށް ދައްކަން އެދެމުން އެ ދުވަހު ކްލިނިކުން ދިނީ ޕެރެސެޓެމޯލް ކަމަށް ރާނިއާގެ މަންމަ ބުންޏެވެ.
"އެ ދުވަސްކޮޅު ވަރަށް ގަދަޔަށް ދަރިފުޅު ނިދާ. ހަމަ ކުޅެން އިނދެފައި ވެސް ފެނިދާނެ ނިދާފައި އޮއްވާ، ހަމަ 24 ގަޑިއިރު ނިދަނީއޭ ބުންޏަސް ދޮގަކަށް ނުވާނެ،" ރާނިޔާގެ މަންމަ ބުންޏެވެ.
އެކަމަކު ދުވަސްކޮޅެއް ނުވެ ވަރަށް ގަދައަށް ހުން އަތުވެއްޖެ އެވެ. އެހެންވެ އަނެއްކާ ވެސް އެއިމްސް ކްލިނިކަށް ދެއްކުމުން އެތަނުން ވެސް ލޭގެ ޓެސްޓްތަކެއް ހެދި އެވެ. އޭގެ ނަތީޖާ ދެއްކި ގޮތުގައި ލޭގައި ހުންނަން ޖެހޭ މާއްދާތަކެއް ހުރީ ވަރަށް ދަށުގަ އެވެ. ރާނިއާގެ ހާލަތު ކުއްލިއަކަށް ގޯސްވާން ފެށުމުން، އެއިމްސް އިން ލަފާދިނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދެއްކުމަށެވެ.
"އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަސް. އެތަނަށް ދެއްކީމަ އެޑްމިޓްކުރީ. ދެން އެ ހޮސްޕިޓަލުން ހެދި ސްކޭނުން ވެސް ކިޑްނީ އާއި ލިވާ ކައިރީގަ ކެންސަރު ހުރި ކަމަށް ދެއްކީ."
އާއިލާ އަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ފުން ހިތާމައެކެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އޭރު ދިޔައީ އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ އެކު، އެކަމުގައި ދެން ހަދާނެ ގޮތެއްގެ މަޝްވަރާކުރަމުންނެވެ. ހުރިހާ ކަމެއް ހަމަޖައްސައި، އެތަނުން އާއިލާ އަށް އެންގީ އައިޖީއެމްއެޗަށް ދިއުމަށެވެ. އެހެންވެ، 16 ވަނަ ދުވަހު މާލެ އައިސް އައިޖީއެމްއެޗަށް ދެއްކުމުން، އެތަނުގައި ދަރިފުޅު އެޑްމިޓްކުރީ އެވެ. އޭރު ގޭތެރޭގައި ހެލިފެލިވެ މަޖާކޮށް ހަދަމުންދިޔަ ދަރިފުޅަށް އަމިއްލަ އަށް ނުވެސް ހިނގެ އެވެ.
އައިޖީއެމްއެޗުން ވެސް ރާނިއާގެ ސްކޭން ރިޕީޓްކުރި އެވެ. ނަތީޖާއަކަށް ބަދަލެއް ނައެވެ. އެއިން ވެސް ދެއްކީ ކިޑްނީ އާއި ލިވާ ކައިރިން ކެންސަރެވެ. އެކަމަކު އެހާ ކުޑަކުއްޖަކަށް ވާތީ އައިޖީއެމްއެޗުގެ ލަފަޔަކަށްވީ އިންޑިއާ އަށް ދިއުމެވެ.
"އަޅުގަނޑުމެން ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް އައީ ސެޕްޓެމްބަރު 21 ގައި. އައިއިރު ދަރިފުޅަށް ނުވެސް ހިނގޭ. ވަރަށް ހާލު ދަށްކޮށް އޮތީ،" ފަރުވާގައި ކޮޗިންގައި ހުރެ، ރާނިއާގެ މަންމަ ފޯނުން ކިޔައިދިނެވެ.
ރާނިއާ އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ އަމްރިތާ އިން ހެދި ޓެސްޓުތަކުންނެވެ. ރާނިއާގެ މަންމަ ބުނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އަންގަނީ އެތަނުގައި ހަ މަަސް ދުވަހު މަޑުކޮށް ފަރުވާ ހޯދުމަށް ކަމަށެވެ.
"އެހާ ގިނަ ދުވަހަށް މިކޮޅުގައި މަޑުކުރަން ވަރަށް ދަތިވާނެ ކަމަށް އަޅުގަނޑުމެން ބުނިން. ފިރިމީހާ ވެސް މިކޮޅުގަ އެހެރީ ނޯޕޭ ލީވްއެއްގައި. އެހެންވެ އާމްދަނީ ލިބޭނެ ގޮތެއް ނެތީމަ އެކަން ބުނީމަ ވެސް ޑޮކްޓަރުން ބުނީ ރާއްޖޭގައި މިހާ ކުޑަކުދިންނަށް ފަރުވާދޭނެ ވަސީލަތެއް ނެތޭ. މިތަނުގައި މަޑުކުރާށޭ ޖެހޭނީ،" ރާނިއާގެ ހާލަތު ކިޔައިދެމުން ބުންޏެވެ.
"މަޑުމަޑުން އެބަ ރަނގަޅުވޭ. މިހާރު ތަންތަނުގައި ހިފަހައްޓައިގެން ކުޑަކޮށް ހިނގޭ."
ހަގު އުމުރެއްގައި ރާނިއާ އަށް މިވަނީ ކީމޯގެ ވޭނާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. ދާދިފަހުން އޭނާގެ ހާލު ވަރަށް ބޮޑަށް ދެރަވެގެން އައިސީޔޫ އަށް ވެސް ލި އެވެ. އެކަމަކު އައިސީޔޫ އިން ނެރުނު ނަމަވެސް އިންފެކްޝަން މަތިވެގެން ރާނިއާ ބާއްވަން ޖެހުނީ އައިސޮލޭޝަން ރޫމެއްގަ އެވެ.
"އައިސޮލޭޝަން ރޫމް އާސަންދައިން ކަވާނުކުރާތީ އެންސްޕާ އިން ކަވާކޮށްދިން. ނޮވެމްބަރު މަހު ފައިސާގެ އެހީތެރިކަން ވެސް އެންސްޕާ އިން ދިން،" ރާނިއާގެ މަންމަ ބުންޏެވެ.
އެކަމަކު، އެތަނުގައި ތިބެން ޖެހުމާ ގުޅިގެން ކުރަން ޖެހޭ ވަރަށް ގިނަ އެހެނިހެން ހަރަދުތައް ވެސް އެބަހުރި ކަމަށް ރާނިއާގެ މަންމަ ބުންޏެވެ. އޭގެ ތެރޭގައި ތިބުމާއި ކެއިންބުއިން ވެސް ހިމެނެ އެވެ.
"ވަރަށް ގިނަ ދުވަހު މިކޮޅުގައި ތިބެން ޖެހޭ އަދިވެސް،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރާނިއާ އަށް ކެންސަރު ޖެހުނު ކަން އެނގިފައި ވަނީ ވެސް ބަލީގެ ވަރަށް ކުރީކޮޅެވެ. އެހެންވެ އެ ބަލިން ރާނިއާ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު އާއިލާ އަށް ޑޮކްޓަރުން ދެ އެވެ.
އެހެން ކުދިންނެކޭ އެއްގޮތަށް ރާނިއާ އަށް އޭނާގެ ކުޑައިރުގެ އުފާވެރި ހަޔާތް ހޯދައިދިނުމަށް އޭނާގެ މައިންބަފައިން ކުރަމުން މިދާ ދަތުރުގައި އޮތް އެންމެ ބޮޑު ހިތްދަތި ކަމަކީ ދޮށީ ދަރިފުޅާ ވެސް ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުންނަން ޖެހުމެވެ. އެ ކުއްޖާ ބަލަމުން އަންނަނީ އައްޑޫގައި ހުރި އެ ކުދިންގެ މާމަ އެވެ. އެކަމަކު މާޔޫސްކަމާ އެކު ވިޔަސް ހަގު ދަރިފުޅުގެ ހައްގުގައި އެ ނޫން ގޮތެއް މި ވަގުތަށް ނެތެވެ.
ނޯޓް: ރާނިއާ އަށް އެހީތެރިވުމަށް ގުޅުއްވާނީ؛ އޭނާގެ މަންމަ (ވައިބާ: 9800416)