12 ޑިސެމްބަރ 2016 - 10:04

ޓިއުރިން (ޑިސެމްބަރު 12) – ގޮންޒާލޯ ހިގައިން ޖެހި ދެ ލަނޑާ އެކު ވާދަވެރި ޓޮރިނޯ އަތުން 3-1 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ޗެމްޕިއަން ޔުވެންޓަސް އިން ނަގައިފި އެވެ.
އެކަމަކު ލީގުގައި މިރޭ އޭއެސް ރޯމާ އާއި އޭސީ މިލާން ކުޅޭ މެޗުން ކޮންމެވެސް އެއް ޓީމެއް މޮޅުވެއްޖެ ނަމަ ޔުވެންޓަސްގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ. މިރޭގެ މެޗު އެއްވަރުވެއްޖެ ނަމަ ޔުވެންޓަސްގެ ލީޑު ހަ ޕޮއިންޓަށް ކުޑަވާނެ އެވެ. ރޯމާ އާއި މިލާނަށް ވަނީ 32 ޕޮއިންޓް ލިބިފަ އެވެ.
ޓޮރިނޯގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ އިޓަލީގެ އެންމެ އުއްމީދީ ފޯވާޑް އަންދްރޭ ބެލޮއްޓީގެ ލަނޑުން ފުރަތަމަ ހާފުގައި ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފުގައި ޓޮރިނޯގެ އިންގްލެންޑް ގޯލްކީޕަރު ޖޯ ހާޓް ވަނީ ރަނގަޅު ސޭވްތަކެއްކޮށްފަ އެވެ. އެކަމަކު 28 ވަނަ މިނެޓުގައި ހިގައިން ވަނީ ޔުވެންޓަސް އަށް އެއްވަރުކޮށްދީފަ އެވެ. އޭނާ މި ގޯލް ޖެހީ މާރިއޯ މަންޒުކިޗް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ޔުވެންޓަސް އަށް ހިގައިން ލީޑު ނަގައިދިނީ 82 ވަނަ މިނެޓުގަ އެވެ. ބަދަލު ކުޅުންތެރިޔާ ޕައޮލޯ ޑިބާލާ އުފެއްދި ފުރުސަތެއްގައި ހިގައިން މި ގޯލް ޖެހީ ޖިއޯޖިއޯ ކިއެލީނީ ދިން ޕާހަކުންނެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ މިރެލަމް ޕިޔަނިޗެވެ.
ލީގުގައި ރޭ އިންޓަ މިލާން ވަނީ ޖެނޯއާ އަތުން 2-0 އިން މޮޅުވެ ހަމަޖެހުމެއް ހޯދައިފަ އެވެ. މާސެލޯ ބްރޮޒޮވިޗްގެ ލަނޑުތަކުން މޮޅުވި އިންޓަ އޮތީ 24 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.