ގަންގާނަ
ގަންގާނަ

ބުދަ ދުވަހުގެ ނޫހާ ގުޅޭ

"ފުރާލާ! އަހަރެން ފޯމުލައިދޭނަން." މަލްސާ އެދުނެވެ.

ވިލްދާނަކީ، ކަމެއްވުމުން އެ ކަން ނުވާކަމަކަށް ހަދަން ކުޅަދާނަ މާހިރެކެވެ. ކުރިން ވެސް ކަންކަން ހިނގައިފައި ހުރީ އެހެންނެވެ. ވިލްދާންގެ ނަޒަރުގައި އެ ގޮތަށް ކަންތައްކުރުމުން ކިތަންމެ ބޮޑު މައްސަލައެއް ވިޔަސް ހިންދައިލެވޭނެއެވެ. މަލްސާއަށް އެ ވަރު ވިސްނިގެން ދުރާލައި ތައްޔާރުވެދާނެކަމަކަށް ވިލްދާން ހިޔެއްނުކުރެއެވެ.

"މަލްސާ ތި ހީކުރަނީ ތިހާ ފަސޭހައިން ވަރިވެވޭނެކަމަށް؟" އިންޒާރުގެ ރާގެއްގައި ވިލްދާން އެހިއެވެ. "މަލްސާއަށް އެނގޭތަ ތި ލަންކާމީހަކީ ކާކުކަން؟ އޭނަ މަލްސާއަކާ ނީންނާނެ."

"ފޯމު ފުރާލާ!" މަލްސާ އެދުނެވެ.

"ދަރިފުޅު ވެސް އަތުލާނަން އިނގޭ!" ވިލްދާން ބިރުދެއްކިއެވެ. "އެކޮޅަށް ދާތަނާ އެ މީހުން މަލްސާ ކިޑްނެޕް ވެސް ކޮށްފާނެ. ނޫސް ނުކިޔަންތަ؟"

މަލްސާ ވަތްގަނޑު ހުޅުވައިލައި ގަލަން ނަަގައި ދިއްކޮށްލިއެވެ.

"ފޯމު ފުރާލާ!" މަލްސާ އެދުނެވެ.

މަލްސާގެ ހިޔާލު ބަދަލުނުވާނެކަން ވިލްދާނަށް ކަށަވަރުވިއެވެ. ފޯމާއި ގަލަން ޖަހައިގަތެވެ. ފޯމު ވީދައިލައިފައި ގަލަން ހޫރައިލައިފައި ކޮޓަރިން ނުކުތެވެ. ވަރަށް ބާރަށް ދޮރުޖެހިއެވެ. މަލްސާ ހީކުރީ ނާހިދު ހޭލާނެކަމަށެވެ. ނަސީބަކުން ނެހޭލިއެވެ. އެ ރޭ ވިލްދާން ކޮޓަރިއަކަށް ނުވަދެއެވެ. އޭނަ އޮތީ ސޯފާގައެވެ. މަލްސާ އެނދުގައި އެކަނި އޮވެގެން ވިސްނިއެވެ. ހިތަށްއެރިއެވެ. އަދޭޝްގެ ގޮތެއް އޭނަގެ މިޒާޖެއް މަލްސާ އަކަށް ނޭނގެއެވެ. ލަންކާއަށް ދާތަނާ ކޮންމެ ފަދަ ލަނޑެއް ވެސް ލިބިދާނެއެވެ. އެހެންވިޔަސް މަލްސާގެ ނިންމުން ދެނެއް ބަދަލެއް ނުވާނެއެވެ. ކޮންމެ ދުވަހަކު އެއް ފަހަރު މަރުވުމަށް ވުރެ، އެއް ފަހަރުން މަރުވުން މަލްސާއަށް މާ ރަނގަޅެވެ. މަލްސާ ދެރަވީ ކުރިން އެ ނިންމުން ނުނިންމުނީމައެވެ. އެ ހިތްވަރު ނުލިބުނީމައެވެ. އެނދު ހުރަހަށް އޮށޯވެގެން، އެތައް އިރަކު މަލްސާ ވިސްނިއެވެ.

ރައްޓެހިވެގެން އުޅުނު އިރު ވިލްދާނަކީ މުޅީން އެހެން މީހެކެވެ. ފިރިމީހާގެ މިޒާޖުގައި ހުންނަން މަލްސާ ބޭނުންވި ހުރިހައި ސިފައެއް ހުރެފައި، އިތުރު ސިފަތައް ވެސް ވިލްދާންގެ ހުއްޓެވެ. ވިލްދާންގެ ލޯތްބަކީ، އެކުވެރިންގެ ތެރޭގައި މަލްސާ މިސާލުޖަހައި އުޅުނު ނަމޫނާ ލޯތްބެކެެވެ. އެއީ ގިރިޓީލޯބިކަން އެނގުނީ ފަހުންނެވެ. ގޯސްހެދުނީ މަލްސާއަށެވެ. ފިރިހެނެއްގެ ކިބައިގައި ހުންނަން މަލްސާ އެންމެ ބޭނުންވާ ސިފަތައް ވިލްދާނަށް ކިޔައިދެވުނީތީއެވެ. އެހެން ހެދުމުން ވިލްދާން ސިފަބަދަލުކޮށްލީއެވެ. ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށް މަލްސާއަށް ކެހިދިނީއެވެ.

ހަޔާތުގެ ވަރަށް ކުރީކޮޅުގައި މަލްސާ ވަރިވާން ހިތަށްއެރިއެވެ. އެހެނަސް، ކުއްޖަކު ލިބުމުން މަލްސާ ވިސްނުން ބަދަލުކުރީއެވެ. ދަރިފުޅަށް ޓަކައި މަލްސާގެ އުފާތައް ފަހަތަށް ޖައްސައިލީއެވެ. މަލްސާ ދަންނަ އެތައް ބަޔަކު އެހެން އުޅެއެވެ. އެ މީހުންގެ ވާހަކައިން މަލްސާ ހީކުރީ، އެއީ ވެސް ދިރިއުޅުމެއްކަމަށެވެ. ކިހާ ހިތްދަތިކަމެއްކަން މަލްސާއަށް އެނގުނީ އެ ކަމާ ކުރިމަތިލާންޖެހުނީމައެވެ.

މަލްސާ އޮފީހަށް ދަނީ ހިނގައިފައެވެ. ތަނަކަށް ދާންޖެހުނަސް ދަނީ ރައްޓެއްސަކާ އެކުގައެވެ. ނުވަތަ އެކަންޏެވެ. މަލްސާ ގަބޫލުކުރި ގޮތުގައި، ވިލްދާނަކީ މަލްސާ އަމިއްލައަށް އިހުތިޔާރުކުރި މީހެކެވެ. އިންނަން އެންމެ ބޭނުންވި މީހާއެވެ. އެހެން މީހަކު މަލްސާ އަކަށް މަޖުބޫރެއް ނުކުރެއެވެ. ވީމާ، ޝަކުވާކުރުމާއި ބަހަނާދެއްކުމުގެ ހައްގު ވެސް މަލްސާ ދޫކޮށްލީއެވެ. މަލްސާ ހަނދާނުގައި ބަހައްޓަން މަސައްކަތްކުރީ ލިބިފައިވާ ނިއުމަތްތަކާއި ނަސީބެވެ. ތަނަވަސްކަމާއި މިނިވަންކަމެވެ. މަލްސާ ދަންނަ އެތަކެއް އަނބިންނެއް ތިބެނީ ހާލަތުގެ ހުރަގެއެއްގައި ހައްޔަރުވެފައެވެ. ފިރިމީހާ ދޫކޮށްލައިފައި ގޮސް ވަންނާނެ ތަނެއް ނެތެވެ. ދަރިން ގެންގުޅެވޭނެ ތަނަވަސްކަމެއް ނެތެވެ. އާމުދަނީ ލިބޭނެ މަގެއް ނެތެވެ. އެކަމަކު މަލްސާއަކަށް އެއްވެސް ހުރަހެއް ނެތެވެ. އެހެންކަމުން، ނާހިދަށް އަށާރަ ފުރެންދެން މަލްސާ މަޑުކޮށްލައިގެން ހުރީއެވެ.

މަލްސާ އުޅުނީ ފުދިގެންނެވެ. ބޭނުން ކޮންމެ އެއްޗެއް، އަމިއްލަ ފައިސާއިން ގަނެގެންނެވެ. ފައިސާ ބޭނުންވެގެން ދުވަހަކު ވެސް ވިލްދާން ގާތަކު ނުބުނެއެވެ. އަނބިމީހާއާއި ދަރިފުޅަށް ހަރަދުކުރަން ޖެހޭނީ ފިރިމީހާއޭ ބުނާ އަޑު މަލްސާ އަހައެވެ. ބޯހިޔާކުރާނެ ފުރާޅަކާއި، އައުރަ ނިވާކުރާނެ އަންނައުނާއި، ބަނޑުފުރާނަ މުއްތިކުރާނެ ކާއެތިކޮޅު ހޯދައިދިނުމަކީ ފިރިމީހާގެ ޒިންމާއެކޭ ބުނާ އަޑު ވެސް މަލްސާއަށް އިވެއެވެ. އެކަމަކު އެ ހުރިހައި ކަމެއް ކުރަންޖެހުނީ މަލްސާއަށެވެ. ކަންތައް ހިނގަމުންދިޔައީ ދިމާ އިދިކޮޅަށެވެ. އެ ވަރުން ވެސް ވިލްދާންގެ މުސާރައަކީ ކިހާ ވަރެއްތޯ މަލްސާ ނާހައެވެ. ހުރިހާ ޒިންމާއެއް ނެގީ މަލްސާއެވެ. އެކަނިވެރިކަން އިންތިހާއަށް ބޮޑުވެގެންދާ ވަގުތު، އަމިއްލަ ނަފުސާ މުހާތަބުކޮށް މަލްސާ ބުނެލައެވެ. ވިލްދާނާ އިނުމަކީ މަލްސާ އަމިއްލައަށް ނިންމި ނުބައި ނިންމުމެކެވެ. މަލްސާ ހީކުރި ކަހަލަ ފިރިޔަކަށް ވިލްދާނެއް ނުވިއެވެ.

އެހެން ފިރިން އެ މީހުންގެ އަނބިން ގޮވައިގެން އުޅޭ ގޮތް މަލްސާއަށް ފެނެއެވެ. ފެންނަކަމަށް ނެހެދެނީއެވެ. ފިރިމީހާގެ ގޯސް ވާހަކަދައްކަމަކުން ވެސް މަލްސާ ނުހިނގައެވެ. އެންމެންގެ ހުރިހާ ސުވާލަކަށް މަލްސާ ދެނީ އެއް ޖަވާބެކެވެ. އެއީ ލުއި ހިނިތުންވުމެކެވެ. ކަށިޖަންގަލި ތެރޭގައި ފައިތިލަ ޖައްސައިލަން ލިބުނު ތަންތަންކޮޅުން ކޮރަމުން، ފުންމަމުން، ވެއްޓެމުން މަލްސާ ކުރިޔަށް ދިޔައީއެވެ. އެ ހާލުގައި އުޅެނިކޮށް މަލްސާގެ އަތުގައި ހިފީ އަދޭޝްއެވެ. ހިލޭފިރިހެނެކެވެ. ދިވެއްސެއް ވެސް ނޫނެވެ. ފޮޅުވަތަކަށް ކުރުކޮށްފައި ބުނާ ނަމަ، ކަން ހިނގައިދިޔަ ގޮތަކީ އެއީއެވެ.

މަލްސާއާއި ވިލްދާންގެ ދެމެދުގައި ހިނގި އަރާރުމަށް ފަހު ވިލްދާން އެ ވާހަކައެއް ނުދައްކައެވެ. ވީމާ މަލްސާ ވެސް އެ ވާހަކައެއް ނުދައްކައެވެ. އެއް ފުރާޅު ދަށުގައި ދެ ބީރައްޓެހިންހެން އުޅުނީއެވެ. ދަރިފުޅަށް ދައްކަނީ އެހެން މަންޒަރެކެވެ. ދެމަފިރިން އެކަނި ވެއްޖެއްޔާ އެއީ ނުދަންނަ ދެމީހުންނެވެ. ފޯނުން މަލްސާ ވާހަކަދައްކަނީ ކާކާކަން ވިލްދާނަށް އެނގެއެވެ. ދެ ބައްރުގައި ތިބެގެން މަލްސާ އެ ގުޅުން ކުރިޔަށް ގެންދިޔައެވެ. ގޭތެރޭގައި ހިނގާ ހުރިހައި ކަމެއް އަދޭޝްއަށް ކިޔައިދެއެވެ. އަދޭޝް ހުރީ ހުރިހައި ވަލެއް އެއް ވަލަކަށް ބަނދެގެންނެވެ. މަލްސާގެ ކައިވެނި ރުޅޭ އިރަށް އަދޭޝް ވެސް ކައިވެނި ރޫޅާލާނެއެވެ. މަލްސާ ބަލައި ރާއްޖެއަށް އަންނާނެއެވެ. އެ ވާހަކަތައް މަލްސާ ގަބޫލުކުރިއެވެ. އެއްވެސް ހެއްކެއް ނެތިއެވެ.

އޮފީހުގައި އިންނަ އިރު ވެސް މަލްސާ އިންނަނީ އެހެން ދުނިޔެއެއްގައެވެ. އެއީ ކުރިން މަލްސާ އުޅުނު ގޮތެއް ނޫނެވެ. އެކުވެރި ސީމާއަށް އެ ކަން ފާހަގަކުރެވުނެވެ. ސުވާލުކުރިއެވެ. މަލްސާގެ ޖަވާބަކީ ލުއި ހިނިތުންވުމެކެވެ. އެއްދުވަހަކު މާލެއިން އިންޓަނެޓުގެ ހިދުމަތް މެދުކެނޑުނެވެ. މަލްސާ ހީވީ މޮޔަވިހެންނެވެ. ފޯނަށް ނެޓު ލިބޭތޯ ބެލުން ނޫން ކަމެއް މަލްސާއަކަށް ނުކުރެވެއެވެ. ސީމާ ގަޑިބަލައިގެން ގުނިއެވެ. މިނެޓަކު ހައެއްކަ ފަހަރު މަލްސާ ފޯނު ބަލައެވެ.

"މި ފަހަރު ޖެހޭނީ ތި ވާހަކަ ކިޔައިދޭން،" ސީމާ އެދުނެވެ. "ކާކާ ތި ވާހަކަދައްކަނީ؟ ޔަގީން ވިލްދާނަކާ ނޫންކަން."

މަލްސާ ހިތަށްއެރިއެވެ. ތެދު ބުނަން ޖެހިލުންވާންވީ ކީއްވެ ހެއްޔެވެ؟ ފޮރުވައިގެން އުޅެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

"އެނގޭތަ؟ ފުރަތަމަ ފަހަރަށް އަހަންނަށް މީހެއް ދެކެ ލޯބިވެވިއްޖެ!" ވަރަށް އުފާވެފައި މަލްސާ ބުންޏެވެ.

ސީމާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. މަލްސާއަކީ ވިލްދާންގެ އަނބިމީހާއެވެ. ވީ އިރު، ފުރަތަމަ ފަހަރަށް މީހެއް ދެކެ ލޯބިވެވޭނީ ކިހިނެއް ހެއްޔެވެ؟

"ބަލަ ތީ މީހަކާ އިނދެގެން އުޅޭ މީހެއް ނޫންތަ؟" ސީމާ ބުންޏެވެ.

"އާނ! ފިރިއެއް ހުންނާނެ. ދަރިއެއް ވެސް ހުންނާނެ،" ޖަވާބުގައި މަލްސާ ބުންޏެވެ. "ވަރަށް ލޯބިން މެރީކުރީ ވެސް. އެކަމަކު މިހާރު އަހަންނަށް މި އެނގުނީ އަދި ކިރިޔާކަން ލޯބިވާ މީހަކާ މި ދިމާވީ."

"އޭނ؟ ކާކާ ދިމާވީ؟" ސީމާގެ ސުވާލު ހުހެއްނުވިއެވެ. "އޮފީސް މީހެއް ދޯ؟ އަހަންނަށް ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖޭ!"

"ލަންކާގަ އަހަރުމެން ތިބި ހޮޓަލުގެ މެނޭޖަރ އަދޭޝް،" ވަރަށް އުފަލާ އެކުގައި މަލްސާ ބުންޏެވެ. "ވަަރަށް ލޯބި މީހެއް. ވަރަށް ވަރަށް ކެއަރކުރޭ! އަހަރެން މިހާރު ބޭނުމެއް ނޫން ރާއްޖޭގަ އުޅޭކަށް. ހިތަށްއަރާ ޓިކެޓެއް ނަގައިގެން ފުރަންވީއޭ! އަހަރެން ޓިކެޓުނަގައިފިއްޔާ ދާނަންތަ؟"

އެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ސީމާ ނިކަން ގަޔާވެފައި މަލްސާ ކައިރިއަށް ގޮނޑި ދުއްވައިލިއެވެ.

"ލަންކާއަށް ދިޔައީ ވިލްދާނާ، ދަރިފުޅާ އެއްކޮށް. ދެތިން ދުވަސް ކަންނޭނގެ ވީ. ދެން ކިހިނެއް މީހަކާ ހިތާވީ؟" ސީމާ އެހިއެވެ. "ކޮން ވަގުތެއްގަ ތި ކަމެއް ކުރީ؟"

"ބަލަ ވިލްދާން ރޭގަނޑު ނިދާނެތާ! ދަރި ގޮވައިގެން ތަންތަނަށް ވެސް ދާނެތާ!" މަލްސާ ކިޔައިދިނެވެ. "މަށެއް ނުދަމޭ! މިހާރު ހުރިހާ ވެސް އެއްޗަކީ ފޯނެއްނު. އެއް ރޭ އަހަރެން އިރުއަރަންދެން ޗެޓުކުރަން އިނިން. އަދޭޝް ދެކެ އަހަރެން ވަރަށް ލޯބިވޭ! ދެން ސީމާ އަހަންނަށް ލެކްޗަރު ނުދޭތި! ޕްލީޒް!"

ސީމާ އުޅުނީ އިބުރަތްތެރި ނަސޭހަތެއް ދޭށެވެ. އެކަމަކު މަލްސާ ބުނި އެއްޗަކުން އެ ވިސްނުން ބަދަލުކުރިއެވެ.

"ލޯބިވާ މީހަކު ފެނިއްޖެއްޔާ ޑިވޯސްވީމަ ނިމުނީ. ލޯބިނުވާ މީހަކާ އިނދެގެން އުޅޭނެކަމެއް ނެތް،" ސީމާ ވާހަކަދެއްކީ މަލްސާ އަޑުއަހަން ބޭނުންވާ ގޮތަށެވެ. "އެކަމަކު ވިލްދާންގެ މައްސަލައަކީ ކޮބާ؟ އަހަރެން ހީކޮށްގެން މިހިރީ ވިލްދާނަކީ ޕާފެކްޓް ހަސްބަންޑް ކަމަށް. މަލްސާ އެހެން ބުނި ހަނދާނެއް ވޭ!"

ސީމާ ބުނީ ތެދެކެވެ. މަލްސާއަށް އެހެން ބުނެވުނެވެ. ވިލްދާނާ ކައިވެނިކުރިތާ ކައިރީގައެވެ. ފިރިމީހާގެ ހަގީގަތް ނޭނގޭ އިރުއެވެ. ދެން ވީ ގޮތް މަލްސާ އެކަކަށް ވެސް ކިޔައެއްނުދެއެވެ. ހަޔާތުގެ ހިތާމަތަށް ކިޔައިދީގެން މީހުންގެ މުނިފޫހިފިލުވައިދިނުމުގެ ބޭނުމެއް މަލްސާއަކަށް ނުވިސްނެއެވެ. އެ ހާލަތު ބަދަލުވެއްޖެއެވެ. މިލައިފައިވާ ކުރިތައް ފޯދި، ގަހުގައި މާއަޅައި ބަރާވެއްޖެއެވެ. ލޯބީގެ ރީތި ވާހަކައަކަށް ދިރިއުޅުން ބަދަލުވެއްޖެއެވެ. އާއިލީ ސިއްރު، ފުރަތަމަ ފަހަރަށް މަލްސާ އެހެން މީހަކާ ހިއްސާކުރީ އެހެންވެއެވެ. ސީމާ ވަރަށް ޝައުގުވެރިކަމާ އެކު އަޑުއަހަން އިނެވެ.

"ވާއޮ!" މަލްސާގެ ވާހަކަ ނިމުމުން ސީމާއަށް ބުނެވުނެވެ. "ހާދަ ރޮމޭންޓިކޭ! ދެން ކިހިނެއް ހަދަނީ؟"

ސީމާ އެ ސުވާލުކުރި ވަގުތު މަލްސާގެ ފޯނަށް މެސެޖެއް އައެވެ. މަލްސާ ފޯނަށް ބަލައިލިއެވެ.

"އަހަރެން ބޭނުން މިއަދު ގޮތެއް ނިންމަން!" ވިލްދާންގެ މެސެޖުގައި އޮތެވެ. "މި ދަނީ ބަލާ!"

-ނުނިމޭ-