ވައްކަރު ރިސޯޓުގައި އަލިފާން ރޯވެއްޖެ
ވައްކަރު ރިސޯޓުގައި އަލިފާން ރޯވެއްޖެ

ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގެ ލެގޫން ބާ ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުން ފެންނަގޮތުން އެ ރިސޯޓުގެ ލެގޫން ބާގައި ވަނީ ވަރަށް ބޮޑަށް ހުޅު ހިފައިފަ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނީ ރިސޯޓު މުވައްޒަފުން އެތާނގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.