12 ޑިސެމްބަރ 2021 - 01:02

ނޯވިޗް (ޑިސެމްބަރު 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުގައި އޮތް ނޯވިޗް ސިޓީއާ ވާދަކޮށް، 1-0 އިން މެޗު ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ފަސްވަނައަށް ޖެހިލައިފި އެވެ.
ޔުނައިޓެޑުން މެޗު ކާމިޔާބުކޮށް، ފަސްވަނައިގައި އޮތީ، އެއް މެޗު މަދުން ކުޅެގެން، ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރަށް، 27 ޕޮއިންޓް ހޯދައިގެންނެވެ. އެއާ އެކު 26 ޕޮއިންޓާ އެކު އޮތް އާސެނަލް ވަނީ ޓޭބަލްގެ ހަވަނައަށް ވެއްޓިފަ އެވެ. ދެ މެޗު މަދުން ކުޅެގެން 25 ޕޮއިންޓާ އެކު ހަތްވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ.
ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ މެޗު ނިމެން 15 މިނިޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުންނެވެ. މި ޕެނަލްޓީ ލިބުނީ ނޯވިޗްގެ ޑިފެންޑަރު މެކްސް އާރޮންސް ރޮނާލްޑޯ އަށް ކުރި ފައުލަކުންނެވެ.
ޔުނައިޓެޑުގެ އާ ކޯޗު ރާލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރީ 1-0 އިންނެވެ. ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މި މެޗުގައި ނޯވިޗުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗަށް ފަހު ކޯޗު ރަންގްނިކް ވަނީ ނޯވިޗުގެ ކުޅުމަށް ވެސް ތައުރީފް ކޮށްފަ އެވެ. ރަންގްނިކް ބުނީ ނޯވިޗް ކުޅުނީ ފުލުގައި އޮންނަ ކުލަބުތަކަށް ވުރެ މާ މަތީ ފެންވަރެއްގެ ފުޓުބޯޅައެއް ކަމަށެވެ. އަދި ޔުނައިޓެޑު މޮޅުވީ ޑެހެއާގެ މޮޅު ސޭވްތަކާ އެކު، ނަސީބު ވެސް އެހީ ވެގެން ކަން ރަންގްނިކް ފާހަގަކުރި އެވެ.
މި މެޗުގެ ކުރިން ލީގުގެ ގަދަ ތިނެއްގައި އޮތް މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި ލިވަޕޫލް ވެސް މޮޅުވީ މެޗުތަކުގައި ޕެނަލްޓީތަކުންނެވެ.
މާދަމާ ބްރައިޓަން އާއި ޓޮޓެންހަމް ބައްދަލުކުރަން ހަމަޖެހިފައިވާ މެޗު ފަސްކޮށްފައިވާއިރު، ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާ ވެސްޓް ހޭމުން މާދަމާ ރޭ ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.