15 ޑިސެމްބަރ 2016 - 06:31

ލައިބީރިއާއަށް އުފަން، އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅޭ 27 އަހަރުގެ މޮޑެލް ޑެޑެ ހޮވާޑް އިންޓަނެޓް ތަރިއަކަށް ވެއްޖެ އެވެ. ޑެޑެ އަކީ މޮޑެލިން ދާއިރާގައި އާ މޫނަކަށް ވެދާނެ އެވެ. ނަމަވެސް އޭނާގެ 'ބްލެކް މިރާ' ފޮޓޯ ސީރީޒްގެ ސަބަބުން މަޝްހޫރު އެކި މަޖައްލާތަކުގަ އާއި ސޯޝަލް މީޑިއާ ސައިޓުތަކުގައި އޭނާގެ ފޮޓޯތައް ފެންނަން ފަށައިފި އެވެ.

'ބްލެކް މިރާ' ފޮޓޯ ސީރީޒްގައި މަޝްހޫރު އަދި ބޮޑު ފެޝަން ބްރޭންޑްތަކަށް އޭނާ މޮޑެލް ކޮށްދީފައިވެ އެވެ. އެކަމަކު އެހެން މޮޑެލުންގެ ފޮޓޯތަކާ އެއްފަދަ ފެނިލުމަކުންނެވެ. އެގޮތުން ބްރެޒިލްގެ ވިވާރާ ބްރޭންޑަށް ޖިޒޭލް މޮޑެލް ކޮށްފައިވާ ފޮޓޯ ނުވަތަ ވިކްޓޯރިއާ ސިކްރެޓްގައި ކެންޑީސް މޮޑެލް ކުރި ގޮތް ނަކަލުކުރި އެވެ. މީގެ އިތުރުން، ޝެނެލް، ލުއީ ވުޓަން އަދި ކެލްވިން ކްލެއިން ފަދަ ފެޝަން އިސްތިހާރުތައް ވެސް 'ބްލެކް މިރާ'ގަ ދައްކާލި އެވެ.
ފެޝަން ދާއިރާގެ އެކި އިސްތިހާރުތަކުގަ އާއި ފެޝަން ޝޯތަކުގައި ކަޅު މޮޑެލުން ފެންނަލެއް މަދު ކަމަށް ޑެޑެ ބުންޏެވެ. އޭނާގެ އުމުރުން 18 އަހަރުގައި ފުރަތަމަ ފަހަރަށް ފެޝަން ޝޯއެއްްގައި ހިނގާލި ނަމަވެސް އެއަށް ފަހު އޭނާގެ މޮޑެލިން ހަޔާތް ދިޔައީ ފަނޑުވަމުންނެވެ. މޮޑެލް ކާސްޓިން އޭޖެންސީތަކުން، އޭނާ އަކީ ރީތި މޮޑެލެއް ކަމަށް ބުނެ އެވެ. ނަމަވެސް އެމީހުންގެ ޝޯ ނުވަތަ ފޮޓޯތަކުގައި މޮޑެލް ކުރަން ފުރުސަތެއް ނުދެ އެވެ. މިއީ ކަޅު، ހިސްޕެނިކް އަދި އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މޮޑެލުންނަށް މި ދާއިރާގައި ކުރިމަތިލާން ޖެހޭ ބޮޑު ގޮންޖެހުމެކެވެ.
ކޮންމެ ކުލައެއްގެ މޮޑެލަކަށް ވެސް އެކި ފެޝަން ބްރޭންޑުތަކަށް މޮޑެލް ކުރެވޭނެކަން ޑެޑެގެ 'ބްލެކް މިރާ' ފޮޓޯ ސީރީޒުން ސާބިތުކޮށްދޭން އޭނާ ބޭނުންވި އެވެ. އަދި އެއީ ޖިޖީ ހަދިދް، ކެންޑަލް އަދި ޖިޒެލް ފަދަ މަޝްހޫރު މޮޑެލުންނަށް ގޮންޖަހަން ނުވަތަ މަލާމާތްކުރަން ކުރި ކަމެއް ނޫންކަމަށް ވެސް ބުންޏެވެ.
ހެލްތު ސައިންސްގެ ދާއިރާ އިން ކިޔަވަމުން އަންނަ ޑެޑެ މި ފޮޓޯތައް ނެގީ ބަންދު ދުވަސްތަކުގަ އާއި ރޭގަނޑު ވަގުތުތަކުގައި ފޮޓޯގްރާފަރު ރަފަޔަލްއާ އެކުގަ އެވެ. ޑެޑެގެ ބްލޮގްގައި ފުރަތަމަ ޝާއިއުކުރި ފޮޓޯތަކަށް؛ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބުނެވެ. ޑެޑެގެ ފޮޓޯ ސީރީޒްގެ ސަބަބުން ފެޝަން ދާއިރާ އިތުރަށް ހޭލުންތެރި ވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.