12 ޑިސެމްބަރ 2021 - 07:24

ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ސަލާމަތްވެ ކުދި ކުށްތަކުގައި އަދަބު ލިބޭ ކޮންމެ ފަހަރަކު މިސާލަކަށް ދައްކާ "ރިހާކުރުފުޅި ވަގަށް ނެގި މީހާ" އަށް ވީ ކިހިނެއް ހެއްޔެވެ؟ މީގެ ހަތް އަހަރު ކުރިން ކްރިމިނަލް ކޯޓުން ކުރި މި ހުކުމް ކުރީ ކޮން ހަމަޔަކުން ކޮން ގޮތަކަށް ބަލާފައި ހެއްޔެވެ؟ އެ މީހާ އަށް ވަގަށް ނެގުނީ މާ މޮޅު، މާ އަގުހުރި ރިހާކުރަކީ ހެއްޔެވެ؟

ކުރު ޖަވާބަކީ އެއީ ހަމަ ގާނޫނުގައި އޮތް ގޮތޭ ބުނުމެވެ. ފަނޑިޔާރުން އަދަބު ކަނޑައަޅަނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށް ވާތީ މިއީ ވެސް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތް ގޮތަކަށް ކުރެއްވި ހުކުމެއް ނޫނެވެ.

މި އަދަބު އައި މީހާގެ ނަމާއި އޭނާއާ ބެހޭ މައުލޫމާތު މީގެ ކުރިން އާންމުވެފައި ވިޔަސް މި ރިޕޯޓްގައި އެ މައުލޫމާތު ނުހިމަނައި މި ގެނެސްދެނީ މި އަދަބު އައި ގޮތެވެ.
މިހާރު އުމުރުން 50 އަހަރު ވެފައިވާ މި މީހާ އެންމެ ފުރަތަމަ ކުށެއް ކޮށްފައިވަނީ މީގެ 32 އަހަރު ކުރިން 1989 ވަނަ އަހަރު އެވެ. ފުރަތަމަ ސާބިތުވި ކުށަކީ އަމުރަށް ނުކިޔަމަންތެރިވުމެވެ. އެފަހަރު 1 އަހަރާއި 11 މަސް ދުވަހަށް އަރުވާލަން ހުކުމްކޮށް އެ ހުކުމުގެ މުއްދަތު ހަމަވިފަހުން 1992 ވަނަ އަހަރު އަނެއްކާވެސް، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށެއް ސާބިތުވި އެވެ. މިފަހަރު ހުކުމްކުރީ ތިން މަސް ދުވަހަށް އަރުވާލާށެވެ.
އޭރު އަމަލުކުރަމުުން އައި ގާނޫނުލްއުގޫބާތުގައި "ވައްކަން، ޓެކުން، ހިޔާނާތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށް" އޮންނަނީ މި ކުށްތައް ތަކުރާރުވާ ނަމަ ހުކުމް ބޮޑުވަމުން އަންނަ ގޮތަށެވެ. އަދި ކުށް ކުރާ ގޮތާއި ވަގުތާއި ކުށް ކުރި ތަނުގެ ގޮތުން ވެސް އަދަބަށް ބަދަލު އަންނަ ގޮތަކަށެވެ.
ވައްކަމެއް ކޮށްގެން މި މީހާގެ މައްޗަށް ފުރަތަމަ ފަހަރަށް ކުށް ސާބިތުވީ 1998 ވަނަ އަހަރު އެވެ. އެ ކުށަށް އައީ ހަ މަސް ދުވަހަށް އަރުވާލުމުގެ ހުކުމެކެވެ. ދެ ވަނަ ފަހަރަށް 2002 ވަނަ އަހަރު ވައްކަމުގެ ކުށް ސާބިތުވެ އެފަހަރު އެއް އަހަރާއި ހަތަރު މަސް ދުވަހަށް އަރުވާލަން ހުކުމްކުރި އެވެ.
ޖަލަށް ލުމުގެ ހުކުމްތައް އަންނަން ފެށީ ފަސް ވަނަ ވަނަ ފަހަރަށް ކުށް ސާބިތުވި ހިސާބުންނެވެ. ފުރަތަމަ ޖަލު ހުކުމް 2006 ވަނަ އަހަރު އިއްވީ ދެ އަހަރާއި ހަ މަސް ދުވަހަށެވެ. އެފަހަރު ވައްކަންކޮށްފައިވަނީ ފުރާދުއްވާ އުޅަނދަކުންނެވެ. އެހެންވެ މިއީ ވެސް އަދަބު ބޮޑުވި ސަބަބެކެވެ.
މި ހުކުމުގެ މުއްދަތު ހަމަވި ފަހުން 2014 ވަނަ އަހަރު ވައްކަމުގެ ދެ ކުށެއް ސާބިތުވެ ދެ ހުކުމެއް އިއްވި އެވެ. އެއިން ކޮންމެ ހުކުމެއްގައި ވެސް އަދަބަކީ ފަސް އަހަރަށް ޖަލަށް ލުމެވެ.
މަޝްހޫރުވި ރިހާކުރު ވައްކަމާ ގުޅިގެން ހުކުމް އައީ ވެސް 2014 ވަނަ އަހަރު އެވެ. އެއީ ލޯކަލް މާރުކޭޓުން ތިން ފުޅި ރިހާކުރު ވަގަށް ނަގައިގެންނެވެ. އޭގެ އަގަކީ 250ރ. އެވެ. ސެޕްޓެމްބަރު 15، 2014 ގައި މި ހުކުމް އިއްވި އިރު އޮތީ މިހާރު މި އަމަލުކުރާ ގާނޫނުލްއުގޫބާތު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ. އެކަމަކު މިއަށް އަމަލުކުރަން ފެށީ 2015 ވަނަ އަހަރު އެވެ. އެހެންވެ އާ ގާނޫނުލްއުގޫބާތުގެ ލުއި ވެސް މި މީހާ އަށް ނުލިބުނީ އެވެ.
ކުރީގެ ގާނޫނުލްއުގޫބާތުގައި ވައްކަން، ޓެކުން، ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ އެ މީހަކު އެކުށްކުރި ފުރަތަމަ ފަހަރު ހަ މަސް ދުވަހުން ފެށިގެން އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމަށެވެ. އަދި ދެ ވަނަ ފަހަރު ނަމަ ދެ އަހަރަށް، ތިންވަނަ ފަހަރު ތިން އަހަރަށް، ހަތަރުވަނަ ފަހަރު ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް، ނުވަތަ ޖަލަށްލުމަށެވެ.
މިގޮތުން އިތުރުވާ ކޮންމެ ފަހަރަކު އެއް އަހަރު ދުވަހުގެ މުއްދަތު އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް އިތުރުވާނެ ކަމަށް ބަޔާންކޮށްފައި އޮވެ އެވެ. އަދި މީގެ އިތުރުން ވެސް ގާނޫނުގައި ބުނާ އެހެން ބައެއް ކަންކަމަށް ބަލައި ހުކުމަށް ބަދަލު ގެންނަން ޖެހެ އެވެ.
ވަގަށްނެގި ނުވަތަ ޓެކުނު ނުވަތަ ހިޔާނާތްތެރިވި ނުވަތަ މަކަރާއި ހީލަތްހެދި ނުވަތަ ފޭރުނު މުދަލުގެ އަގު 10،000ރ. އިން ފެށިގެން މަތީ އަދަދަކަށް ވެއްޖެ ނަމަ، ކޮންމެ 1،000ރ. އަކަށް 1 މަސްދުވަސް އަރުވާލުން ނުވަތަ ޖަލަށްލާންޖެހޭ މުއްދަތުގެ ތެރެއަށް އިތުރުކުރަން ޖެހެ އެވެ.
ޖަމާއަތް ހަދައިގެން ނުވަތަ އެކަކަށްވުރެ ގިނަމީހުން ބައިވެރިވެގެން ވައްކަން ކޮށްފި ނަމަ، ނުވަތަ ފޭރުނު ނަމަ އެކަމުގައި ބައިވެރިވި ކޮންމެ މީހެއްގެ މައްޗަށް އާންމު އަދަބުގެ އިތުރުން، ހަ މަސް ދުވަހާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް އިތުރުވާނެ އެވެ.
ތަނެއް ނުވަތަ އެއްޗެއް ހަލާކު ކޮށްގެން ވައްކަން ކޮށްފި ނަމަ ވެސް އަދަބު ބޮޑުވާނެ އެވެ.
މީހަކަށް ނުވަތަ ބަޔަކަށް އެއްވެސް ކަހަލަ ބިރެއް ދެއްކުމަކާނުލައި، އިމާރާތެއް ނުވަތަ އެއްޗެއް ހަލާކު ކޮށްލައިގެން ވައްކަން ކޮށްފި ނަމަ އިތުރަށް އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް އިތުރުވާނެ އެވެ.
މީހުން ދިރިއުޅޭ ގޯތިގެދޮރާއި ބަނޑަހަ ފަދަ ތަންތަނާއި، މީހުން ތިބޭ ގޮތަށް ހަމަޖެހިގެން މީހުން އުޅެމުންދާ ހޮޓާ، ފިހާރަ ފަދަ ތަންތަނަށް ވަދެގެން ނުވަތަ މީހުން ތިބި، ކަނޑުގައި ފުރާދުއްވާ އުޅަނދަކަށް އަރައިގެން ވައްކަން ކޮށްފި ނުވަތަ ފޭރި ހަދައިފި އިތުރަށް ހަ މަސް ދުވަހާއި ދެ އަހަރުގެ މުއްދަތެއް އިތުރުވެ އެވެ.
ވައްކަން ކުރުމުގައި، ތޫނު އެއްޗެއް، ނުވަތަ ހަތިޔާރެއްގެ ގޮތުގައި އެއެއްޗެއް ބޭނުން ކޮށްފި ނަމަ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް އަދި ކުށް ކުރި އިރު ތޫނު ހަތިޔާރެއް ބޭނުން ނުކުރި ކަމުގައި ވިޔަސް އަތުގައި އެފަދަ ހަތިޔާރެއް އޮތް ނަމަ 1-3 އަހަރުގެ މުއްދަތެއް ހުކުމް އިތުރުވެ އެވެ. މިފަދަ ކަންކަމާ ގުޅިގެން އާންމު ހުކުމުގެ އިތުރަށް 5-15 އަހަރު ވެސް އިތުރުވާ ކަންކަން ހުރެ އެވެ.
ވައްކަމާއި ފޭރުމުގެ ކުށް ހިންގާ އިރުއޮއްސި 6:00 އާއި ހެނދުނު 6:00 އާ ދެމެދުގައި ކަމަށްވާ ނަމަ އެއީ ވެސް އަދަބު ބޮޑުވާ ކަމެކެވެ.
ސަރުކާރުގެ މުދަލުން ވައްކަން ކުރުމާއި، ފޭރުމާއި ހިޔާނާތްތެރިވުމާއި އަދި ސަރުކާރަށް މަކަރާއިހީލަތްހެދުން އަދި މުދަލާ ހަވާލުވެ ހުންނަ މީހާ ވައްކަންކުރިޔަސް އެއީ އަދަބު ބޮޑުވާ ކަމެކެވެ.
ފުލުފުލުން ވައްކަމުގެ ކުށްތަކުގައި ބެދި އަދަބު ބޮޑުވަމުން ގޮސް "ރިހާކުރު ފުޅި ވަގަށް ނެގި މީހާ" ގެ ގޮތުގައި ނަން ހަރުވެފައިވެ މިސާލަކަށް ނަގާ މި މީހާ އަކީ މާލެއަށް އުފަން މާލޭ ރަށްވެއްސެކެވެ. އޭނާގެ ދާއިމީ އެޑްރެހަކަށް ވެސް އޮންނަނީ މާލޭގެ އެޑްރެހެކެވެ. އެކަމަކު އޭނާގެ ވަޒަނީ މާލޭގެ މަަގުމައްޗެވެ. ނިދަނީ ވެސް އާންމު އެކި ތަންތަނުގަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެކި ސަބަބުތަކާ ހެދި މަގުމަތިވެފައިވާ މީހުން މާލޭގެ މައިޒާންތަކާއި ފަޅު ތަންތަނުގައި ނިދާއިރު އެ މީހުންނާ އެކު މި މީހާ ވެސް ފެނެ އެވެ. ސަލާންޖަހާ މީހުންގެ ކިއޫތަކުގައި ވެސް ހުރެ އެވެ. އެނގިފައިވާ ގޮތުގައި މިހާރު ވެސް އެ މީހާ އުޅެނީ ކުށުގެ ވެށީގަ އެވެ. އޭނާއަށް 2014 ވަނަ އަހަރު ތިން މައްސަލައެއްގައި 16 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި އޮތަސް އެ ހުރީ މަގުމަތީގަ އެވެ.
އަދަބު ދިނުމަށް އިސްކަން ދީގެން ހަދައި އަމަލުކުރަމުން ދިޔަ ގާނޫނުތަކުން އެތައް ބަޔަކު މިގޮތަށް މަގުމަތިވެ ދިރިއުޅުން ގެއްލިފައިވާނެ އެވެ.