ޕްރައިމަރީ ހެލްތު ކެއާ ވަރުގަދަކޮށް، ޑޮކްޓަރުން ހޯދުމަށް ކިއުބާއާ އެކު ސޮއިކޮށްފި
ޕްރައިމަރީ ހެލްތު ކެއާ ވަރުގަދަކޮށް، ޑޮކްޓަރުން ހޯދުމަށް ކިއުބާއާ އެކު ސޮއިކޮށްފި

ރާއްޖޭގެ ޕަބްލިކް ހެލްތުގެ ދާއިރާ ވަރުގަދަކުރުމަށާއި ޑޮކްޓަރުން ހޯދުމަށް ކިއުބާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ގައުމުގެ ވެރިރަށް، ހަވާނާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު އަދި ކިއުބާގެ ޕަބްލިކް ހެލްތު މިނިސްޓަރު ޑރ. ޖޯސް އެންޖަލް ޕޯޓަލް މިރަންޑާ އެވެ.

އެ އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ކިއުބާއިން ސްޕެޝަލިސްޓު ޑޮކްޓަރުން ފޮނުވާނެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ބޮޑެތި ބަލިތަކަށް ކުރާ ހޭދަ ކުޑަކުރުމަށް އަންނަ އަހަރުން ފެށިގެން ޕަބްލިކް ހެލްތަށް ބޮޑު އިސްކަމެއްދޭށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިދިޔަ މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ 2004 ވަނަ އަހަރު ފަހުން ރާއްޖޭގައި ޕަބްލިކް ހެލްތަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ.

"ރާއްޖެއަކީ އޭރު ޕްރައިމަރީ ހެލްތު ކެއާގެ ކަންކަން އެންމެ ރަނގަޅަށް މި ސަރަހައްދުގައި ހިނގި ގައުމު. ޑަބްލިއުއެޗްއޯގެ ކިތަންމެ ޕްރެސްއަކާ ކިތަންމެ ވާހަކައެއް އަޅުގަނޑުމެންނަށް އަމާޒުކޮށް ދައްކާފައި އެބަހުރި. އެއްވެސް ސަބަބެއް ނެތް އަޅުގަނޑުމެންނަށް މިކަންތައް ނުކުރެވޭނެ،" ނަސީމް ވިދާޅުވި އެވެ.

އޭރު އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މި ސަރަހައްދުން ވެސް ހާއްސަ ޑޮކްޓަރުން ލިބުމުގައި ބޮޑެތި ދަތިކަތެއް ކުރިމަތިވެފައިވާތީ އެކަން ހައްލުކުރަން ކިއުބާ އިން ޑޮކްޓަރުން ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ ގައުމުގެ ޑޮކްޓަރުންނަކީ ޕަބްލިކް ހެލްތަށް މޮޅު ބަޔަކަށް ވުމުން، އެ މަސައްކަތް ކުރިއަށްގެންދަން ވެސް ފަސޭހަވާނެ ކަމަށް ނަސީމް އޭރު ވިދާޅުވި އެވެ.

"އަގު ހެޔޮވާނެ. ތަޖުރިބާ ވެސް އެބަހުރި ކިއުބާގެ މީހުންގެ. އަނެއްކާ ވަރަށް މޮޅުވާނެ. ހާއްސަކޮށް ޕަބްލިކް ހެލްތު ދާއިރާ އަށް ވަރަށް މޮޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ވަގުތީ ގޮތުން ތިން މަސް ދުވަހަށް ގެންނަ ޑޮކްޓަރުންނަށް ދޭން ނިންމާފައި ވަނީ 4،000-5،000 ޑޮލަރުގެ މުސާރައެއް ކަމަށެވެ. އެ މީހުން އެސެސްކޮށް ތިން މަސް ދުވަހަށް ފަހު، ދާއިމީ ކުރަން ޖެހޭ ނަމަ އެ ކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުނދަގުލުން ސަލާމަތް ވާން ޖެހޭ ނޫންތޯ؟ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން މި ކަންތައް ހައްލު ކުރުމަށްޓަކައި [ސްޕެޝަލިސްޓް ޑޮކްޓަރުން ނުލިބޭ މައްސަލަ] ގެންނަ ބައެއް މިއީ. [ތިން މަސް ވާން ވާއިރަށް] އަޅުގަނޑުމެން ޖެހޭ މީހުން ހަމަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.