ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް ހިޔާނާތެއް ނުވާނަން: ރައީސް
ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް ހިޔާނާތެއް ނުވާނަން: ރައީސް

ވެރިކަމުގެ މަސްއޫލިއްޔަތުތައް ހަނދާން ނެތިގެން ނުދާ ކަމަށާއި ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް ހިޔާނާތެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކ. ގާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދައްޗާއި ތުރާލާއި އުނދަގުލުގެ ތެރޭގައި ވެސް ވެރިކަމުގެ މަސްއޫލިއްޔަތާއި ޒިންމާގެ ބޮޑުކަމާއި މަތިވެރިކަން ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކަށްވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކޮށްގެން، އޭގެ މަންފާ ހޯދުމުގެ ބަދަލުގައި މަސް ގަތުމަށްފަހު ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ދީ ހަލާސް ކުރުމެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ހުރުމުން އޭރު އެންމެ ބޮޑު އިސްކަމެއް ދިނީ މަސްވެރިންނަށް ނުދީ ހުރި އެ މީހުންގެ ހައްގު، ހަލާލު ފައިސާ އެއްކޮށް ދިނުމަށް ކަަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވީތީ އެކަންވަނީ ކުރެވިފައި. ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިޔާނާތެއް ނުވާނަން،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިނުވާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް އެ މަނިކުފާނު ގެންދެވި ކަމުގެ ތުހުމަތު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވާފައިވެ އެވެ.

ޖިންސީގޯނާ އާއި ރޭޕްގެ ތުހުމަތުގައި ދަައުވާ އުފުލާފައި ވަނިކޮށް ފިއްލަވައިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން ގެންދަވާ އަލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވާޗުއަލްކޮށް ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ތެރޭގައި، އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ތުހުމަތުތައް ރައީސް އޮފީހުން އޭރު ދޮގުކުރި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަލީ ދެއްކެވީ ތޯތޯ ވާހަކަތަކެއް ކަމަށެވެ. އެކަމަށް މީގެ ކުރިން ރައީސް ވެސް ޖަވާބުދެއްވާފައިވެ އެވެ.

ރައީސް އޮފީހުގައި ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ކޮމްޕްރޮމައިޒްވާ ފަދަ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި ހުރި ކަމަށް ވިދާޅުވާ ބޭފުޅުން އެ އެއްޗެއް އާއްމު ކުރަންވީ ކަމަށެވެ.