ދައުލަތުގެ އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ 51 ޕަސެންޓް އިތުރުވެއްޖެ
ދައުލަތުގެ އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ 51 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރިވަރަށް ވުރެން އާމްދަނީ 51.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

މީރާއިން ނެރުނު ތަފާސްހިސާބު ދައްކާ ގޮތުގައި މިދިޔަ މަހު އެ އިދާރާ އިން ވަނީ އާމްދަނީގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ބަލައިގެންފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެން 168.4 ޕަސެންޓުގެ އިތުރު އާމްދަނީއެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ އިންކަމް ޓެކްސް އާއި ޓޫރިޒަމް ބިމު ކުއްޔާއި ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން މިދިޔަ މަހު ލީސް އެކްސްޓެންޝަން ފީ ވެސް މީރާއަށް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ އިދާރާއަށް ނުލިބޭ ފީއެކެވެ.

ގްރީން ޓެކްސް އާއި އެއާޕޯޓް ޓެކްސް އިތުރުވީ މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް މީރާއިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ ހަތް ގުނަ އިތުރުވެފަ އެވެ.

މީރާގެ ތަފާސްހިސާބު ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެއީ 773.23 މިލިއަން ރުފިޔާ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 80.99 މިލިއަން ރުފިޔާ ލިބުނު އިރު، ލީސް އެކްސްޓެންޝަންގެ ގޮތުގައި 76.60 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 51.31 މިލިއަން ޑޮލަރު ހިމެނެ އެވެ.