ސީރިއާގެ ގަދީމީ ސިޓީ އަލުން އައިއެސްގެ ބާރުގެ ދަށަށް
ސީރިއާގެ ގަދީމީ ސިޓީ އަލުން އައިއެސްގެ ބާރުގެ ދަށަށް

ދިމިޝްގު (ޑިސެމްބަރު 12) - ސީރިއާގެ ތާރީޚީ ސިޓީ ތަދުމުރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެ އަނެއްކާވެސް ހިފައިފި އެވެ.

އައިއެސްގެ ބާރުގެ ދަށަށް ތަދުމުރު ގެންދިޔައީ އެ ސިޓީގެ ކުރިއެރުން ރަޝިޔާ އިން ދިން ވައިގެ ހަމަލާތަކުގައި އިއްޔެ ހުއްޓުމަކަށް ގެނެސްފައި ވަނިކޮށެވެ. ތަދުމުރު ހިމެނޭ ހިމްސް ޕްރޮވިންސްގެ ގަވަރުނަރު ތަލާލް ބަރާޒީ ވިދާޅުވީ ތަދުމަރު އަނބުރާ ހޯދުމަށް ސަރުކާރު ސިފައިން އެ ސިޓީގެ ބޭރުގައި ތިބެ ހަމަލާއަކަށް ތައްޔާރުވަމުންދާ ކަމަށެވެ. އައިއެސް އިން މިދިޔަ އަހަރުގެ މެއި މަހު ވަނީ ތަދުމުރު ހިފައިފަ އެވެ. ނަމަވެސް މި އަހަރުގެ މާޗު މަހު އެ ސިޓީން އައިއެސް ވަނީ ނެރެލައިފަ އެވެ. އެ މުއްދަތުގައި އައިއެސް އިން ވަނީ ޔުނެސްކޯގެ ހެރިޓޭޖް ލިސްޓުގައި ހިމެނޭ ގަދީމީ ސިޓީގެ ތާރީޚީ ތަކެތި ސުންނާފަތި ކޮށްލައިފަ އެވެ. އޭގެ ތެރޭގައި 2،000 އަހަރުވީ ތަންތަން ވެސް ހިމެނެ އެވެ. އަދި އެ ސިޓީގެ އާކިއޮލޮޖިކަލް ޑިރެކްޓަރު ވަނީ މަރާލައިފަ އެވެ. އައިއެސް އިން ބުނެފައި ވަނީ ތަދުމުރުގެ ގަދީމީ ތަކެއްޗަކީ ބުދު ކަމަށެވެ.

ތަޖްރިބާކާރުން ބުނަނީ ތަދުމުރު އަނބުރާ އައިއެސް އަށް ހިފަން ފަސޭހަވެފައި ވަނީ ސަރުކާރު ސިފައިންގެ ސަމާލުކަން މި ދުވަސްވަރު ހަލަބު ސިޓީ އަށް ހުއްޓިފައިވާތީ ކަމަށެވެ. އެކްޓިވިސްޓުން ބުނާ ގޮތުގައި ތަދުމުރުގައި އައިއެސް އިން މިހާރު ދަނީ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންގެ އެކަކު ވެސް ހުރިތޯ ބެލުމަށް ފަހަރަކު ގެއަކަށް ވަދެ ބަލާ ފާސް ކުރަމުންނެވެ.

ހަފުތާއެއްހާ ދުވަހުގެ ހަމަލާތަކަށް ފަހު އައިއެސް އިން ހޮނިހިރު ދުވަހު ވަނީ ތަދުމުރަށް ވަދެފަ އެވެ. ނަމަވެސް ރަޝިޔާ ސިފައިންގެ ވައިގެ ހަމަލާތަކާ ގުޅިގެން އައިއެސްގެ ކުރިއެރުން އިއްޔެ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނެފައި ވަނީ އައިއެސްއާ ދެކޮޅަށް 64 ވައިގެ ހަމަލާދީފައިވާ ކަމަށާ އަދި އައިއެސްގެ 300 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

ތަދުމުރަކީ އައިއެސް އަށް މުހިންމު ސިޓީއެކެވެ. ސަބަބަކީ އެ ސިޓީ އޮންނަނީ ތެޔޮ ނަގާ ސަރަހައްދުތަކާ ކައިރީގައި ކަމަށްވާތީ އެވެ.