10 ޑިސެމްބަރ 2021 - 21:40

ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުުހުމަތުކުރެވޭ ހަތަރު ބިދޭސީއަކު ޑީޕޯޓްކޮށްލައިފި އެވެ.
ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ ބަންގްލަދޭޝްގެ 29 އަހަރުގެ ރޮބީއުﷲ އާއި 31 އަހަރުގެ މުހައްމަދު ފިރުދައުސް ނަމަކަށް ކިޔާ ދެ މީހުންނެވެ. އެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދިނީ މިދިޔަ މަހުގެ 28 ގަ އެވެ.
ރޮބީއުﷲ ބަންދުގައި ބަަހައްޓަން ކޯޓުން ކުރި އަމުރުގައިވާ ގޮތުން އޭނާއާ ދެކޮޅަށް ފުލުހުން ކުރި ތުހުމަތަކީ ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައި ވެ އެވެ. އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ވެސް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެކަމުގައި ވަރަށް އިސްކޮށް އުޅޭ މީހެއް ކަމަށް އޭނާއަށް ތުހުމަތުކުރާއިރު އޭރު އޭނާ ބަންދުގައި ބަހައްޓައިދޭން ފުލުހުން އެދުނީ ފިލައިގެން ގޮސްދާނެތީ އެވެ.
ފިރުދައުސް އަކީ ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި އޭނާއަކީ ޖަމާއަތް ހަދއިގެން "ނެޓްވޯކެއް"ގެ ގޮތުގައި އެކުށް ކުރާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އޭނާ ރާއްޖޭން ބޭރަށް ފައިސާ ފޮނުވަނީ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ގެ ވަސީލަތްް މެދުވެރިކޮށްގެނެވެ.
އޭގެ ފަހުން ފުލުހުން އާންމުކުރީ ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ މުހައްމަދު އިގްބާލު ހޮސައިން އާއި ޝޮހެލް ނަމަކަށް ކިޔައި މީހެއްގެ ފޮޓޯ އާންމުކޮށް އެމީހުން ހޯދުމަށެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުމުގެ އިތުރުން އެމީހުންގެ މައްޗަށް ކުރަނީ ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ތުހުމަތެވެ.
އެކަމަކު ފޮޓޯ އާންމުކުރިތާ 24 ގަޑިއިރު ނުވަނީސް އެމީހުން ވަނީ އަމިއްލަ އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފަ އެވެ. އެތަނުން އެމީހުން ހައްޔަރުކުރިއިރު ދުވަހަކު ވެސް ރާއްޖެ ނާދެވޭ ގޮތަށް މި ހަތަރު މީހުން ޑާކާއަށް ފޮނުވާލީ މިއަދު ކަމަށް އެނގިފައިވެ އެވެ.
ޑޮލަރުގެ ކަޅު ވިޔަފާރި ކުރާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅޭކަމުގެ ތުހުމަތުކުރެވު ނަމަވެސް އެމީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަނީ ވަރަށް މަދުންނެވެ.