10 ޑިސެމްބަރ 2021 - 23:18

ލަންޑަން (ޑިސެމްބަރު 10) - އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް ފެތުރޭތީވެ، މިކަން ކޮންޓްރޯލް ކުރަން ކުއްލި ހާލަތަށް އައުމަށް ޕްރިމިއާ ލީގުގެ 20 ކުލަބަށް ލީގުގެ ބޯޑުން އެންގުމާ އެކު، ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ޕީސީއާރު ޓެސްޓުތަކުގެ ނަތީޖާއަށް އިންތިޒާރު ކުރާކަމަށް ނޯވިޗްގެ ކޯޗު ޑީން ސްމިތު ބުނެފި އެވެ.
މިދިޔަ ހަފުތާގައި ނޯވިޗުން ވަނީ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅެފަ އެވެ. ޓޮޓެންހަމްގެ ގިނަ ކުޅުންތެރިންތަކަކާއި ކޯޗިން ސްޓާފުންނަށް ކޮވިޑް ޖެހިފައިވާއިރު، އެންމެ ފަހުން ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެން އޮތް މެޗު ވަނީ ފަސް ކޮށްފަ އެވެ. އަދި ޕްރިމިއާ ލީގު ބޯޑާ މަޝްވަރާކޮށް، އެ ޓީމު ބްރައިޓަންއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅެން އޮތް މެޗު ވެސް ވަނީ ފަސް ކޮށްފަ އެވެ.
މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނޯވިޗް ނުކުންނައިރު، ޕޮޒިޓިވް ވެގެން ކުޅުންތެރިއަކު ބާކީވެދާވެތީވެ ނަފްސާނީ ގޮތުން ވެސް ދިގު އިންތިޒާރެއް ކުރަން ޖެހިފައިވާ ޑީން ސްމިތު ބުނީ، ކޮވިޑުގެ އިތުރުން އަނިޔާގެ ކުދިކުދި މައްސަލަ ވެސް ޓީމުގައި އެބަހުރި ކަމަށާއި، އިންތިޒާރު ކުރަނީ މާދަމާގެ ޕީސީއާރު ނަތީޖާތަކަށް ކަމަށެވެ.
"އަހަރެންނަށް ނަމެއް ނުބުނެވޭނެ، އެކަމަކު ކަންބޮޑުވާ ދެ ކުޅުންތެރިން އެބަތިބި، އެހެންވެ ޕީސީއާރު ޓެސްޓުތަކުގެ ނަތީޖާގެ އިންތިޒާރުގައި މިތިބީ،" މިއަދު އޮތް ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
މީގެ އިތުރުން، ޔޫރޮޕާ ލީގުގައި ލެސްޓާ ސިޓީން ބުރާސްފަތި ދުވަހުގެރޭ ނަޕޯލީއާ ދެކޮޅަށް ކުޅެން ލެސްޓާގެ ހަތް ކުޅުންތެރިއަކަށް ވަނީ ކޮވިޑު ޖެހިގެން ޓީމާއެކު އިޓަލީއަށް ދަތުރު ނުކުރެވިފަ އެވެ. ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލެސްޓާ ވަނީ ޔޫރޮޕާ ލީގުން ކަޓައި، ޔޫރޮޕާ ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅެން ޖެހިފަ އެވެ.
ޕްރިމިއާ ލީގުން ކޮވިޑް ޕްރޮޓޮކޯލްތަކަށް ރުޖޫއަވާން ކުލަބުތަކަށް އެންގީ، އެ ގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، އާ ގަވައިދުތަކަކަށް އަމަލު ކުރަން ލަފާ ދީފައި ވަނިކޮށެވެ.
އާ ގަވައިދާ އެކު، އެ ގައުމުގައި 10،000 އަށް ވުރެ ގިނަ މީހުން އެއްވެ އުޅޭ ކުޅިވަރު އިވެންޓްތަކަށް ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނީ، ޑަބަލް ވެކްސިނޭޝަން ކާޑު ނުވަތަ ނެގެޓިވް ޓެސްޓެއްގެ ނަތީޖާ ދައްކައިފަ އެވެ.