12 ޑިސެމްބަރ 2016 - 06:35

މެންޗެސްޓާ (ޑިސެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 1-0 އިން ޓޮޓެންހަމް އަތުން މެންޗެސްޓާ ޔުނައިޓެޑް މުހިއްމު މޮޅެއް ހޯދިއިރު، ވެސްޓް ހޭމް ޔުނައިޓެޑާ 2-2 އިން އެއްވަރުކޮށް ލިވަޕޫލުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ރޭގެ މޮޅާ އެކު ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 15 މެޗުން 24 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ލީގުގެ ތިން ވަނައިގައި އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 33 ޕޮއިންޓެވެ.
ޓޮޓެންހަމް ލީގުގައި ދެ ވަނަ ފަހަރަށް ބަލިވިއިރު، މިއީ މިދިޔަ ސެޕްޓެމްބަރު މަހު 24 އަށް ފަހު ޔުނައިޓެޑް ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އެވެ.
ދެ ވަނަ ލަނޑެއް ޖަހަން ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން ޕޮގްބާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އަނެއް ހަމަލާ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ. އަދި ޔުނައިޓެޑްގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ފޮނުވާލި ހަމަލާ ވެސް ލޮރީސް ވަނީ މަތަކޮށްފަ އެވެ.
ޓޮޓެންހަމުން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ކްރިސްޓިއަން އެރިކްސަން އެވެ. ލިބުނު ހިލޭ ޖެހުމަކުން އެރިކްސަން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ޔުނައިޓެޑަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓޮޓެންހަމްގެ ޑެނީ ރޯސް ކުރި ފައުލަކުން މިކިތާރްޔަން އަށް އަނިޔާވެގެން ބާލަން ޖެހުމެވެ. ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ދެ މެޗު މިކިތާރްޔަން އަށް ގެއްލޭނެ އެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ މިރޭގެ މޮޅު އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު މަރުއާން ފެލައިނީ އަށް ހާއްސަކޮށްފަ އެވެ.
"މި މޮޅަ ހާއްސަ ކުރަނީ ފެލައިނީ އަށް. އޭނާ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއް. އޭނާ އަށް ކުރިމަތިވާ ފާޑުކިޔުންތަކާ ދެކޮޅަށް އޭނާ ދައްކާ ކުޅުމަށް ތައުރީފް ހައްގު،" ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
މިދިޔަ ހަފްތާގައި ފަހު 15 މިނިޓް ތެރޭ ބޯންމައުތު ވައްދާލި ތިން ގޯލާ އެކު އެ ޓީމު އަތުން ބަލިވުމުން ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމްއާ ދެކޮޅަށް ނުކުތީ ތިން ޕޮއިންޓަށް ޓާގެޓް ކޮށްގެންނެވެ.
މެޗުގެ ފަސް ވަނަ މިނިޓްގައި އެޑަމް ލަލާނާ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސްޓް ހޭމް އިން ވަނީ އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.
ވެސްޓް ހޭމް އަށް އެއްވަރުކޮށްދިނީ މެޗުގެ 27 ވަނަ މިނިޓްގައި ޑިިމިޓްރީ ޕަޔެޓް އެވެ. ލިބުނު ހިލޭ ޖެހުމަކުން ޕަޔެޓް ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވަނީ ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް އަތުގައި ޖެހިފަ އެވެ.
ވެސްޓް ހޭމް އިން ލީޑުނެގީ ލިވަޕޫލްގެ ކީޕަރު ކާރިއަސް އާއި ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މި ލަނޑު ކާމިޔާބުކުރީ މިކައިލް އެންޓޯނިއޯ އެވެ. އެންޓޯނިއޯ ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލިއިރު އެ ބޯޅަ ދިފާއުކުރަން ކާރިއަސް އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ޑިވޮކް އޮރީގީ އެވެ. ލިވަޕޫލްގެ ސަޑިއޯ މާނޭ ނަގައިދިން ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ވެސްޓް ހޭމްގެ ކީޕަރު ޑަރެން އަތުން ދޫވުމުން އޮރީގީ ވަނީ ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލައިފަ އެވެ.
މެޗު މޮޅުވާން ލިވަޕޫލުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އިތުރު ލަނޑެއް ޖެހޭގޮތެއްނުވި އެވެ. އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އޭރިއާ ބޭރުން ހެންޑަސަން ފޮނުވާލި ބޯޅަ ކީޕަރު ރަންޑޮލްފް ވަނީ މަތަކޮށްފަ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކީ ވެސްޓް ހޭމް ވަނީ ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފަ އެވެ. ކުޅުނު 15 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ވެސްޓް ހޭމް އޮތީ ލީގުގެ 17 ވަނައިގަ އެވެ. މި ނަތީޖާއާ އެކު ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗަށް ވަނީ ހަމަނޭވައެއް ލެވިފަ އެވެ. މި ސީޒަނުގައި މިހާތަނަށް ވެސްޓް ހޭމްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ބިލިޗްގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ.