09 ޑިސެމްބަރ 2021 - 20:49

ސިފައިންގޭގައި 37 އަހަރު ހިދުމަތްކުރެއްވުމަށް ފަހު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު ޝަރަފުވެެރިކަމާ އެކު މަގާމުން ރިޓަޔާކުރައްވައިިފި އެވެ.

އެމްއެންޑީއެފުން ބުނީ ޒަކަރިއްޔާ މަންސޫރު ރިޓަޔާކުރެއްވީ ބަންޑާރަކޮށީގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ޒަކަރިއްޔާ މަންސޫރުގެ އާއިލާގެ ބޭފުޅުންނާއި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވެސް ބައިވެރިވި އެވެ.
ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވުމާ ގުޅިގެން ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، އޭނާ އާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީ އާއި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޝަމާލް އެވެ. ޒަކަރިއްޔާ މަންސޫރުގެ ރިޓަޔަމަންޓްގެ ރަމްޒީ ކާޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 13 މާޗް، 1984 ގަ އެވެ. އެމްްއެންޑީއެފުން ބުނިި ގޮތުގައި ސިފައިންގޭގައި ހޭދަކުރެއްވި މި ދިގު މުއްދަތުގައި އޭނާ ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ހިދުމަތްދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.
އޭނާ އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވީ ކޯސްޓްގާޑުގަ އެވެ. ކޯސްޓްގާޑުގައި އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމާއި ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމު ހިމެނެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމުގައި ޒަކަރިއްޔާ މަންސޫރު ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.
ކޯސްޓްގާޑްގެ އިތުރުން ސިފައިންގެ އެހެން ދާއިރާތަކުގައި އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުކަމާއި ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއަމަންކަމާއި ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި ކައްދޫ އެއަޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ހިމެނެ އެވެ.
ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަކުރެއްވި އިރު އޭނާ ހުންނެވީ ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.