އެސްޓީއޯ އިން މިނިމަމް ވޭޖަށް އަމަލުކުރަން ފަށައިފި؛ އަހަރު 14 މިލިއަން ހަރަދުވާނެ
އެސްޓީއޯ އިން މިނިމަމް ވޭޖަށް އަމަލުކުރަން ފަށައިފި؛ އަހަރު 14 މިލިއަން ހަރަދުވާނެ

މިނިމަމް ވޭޖު ދޭން އަހަރަކު 14 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މި މަހުން ފެށިގެން މުވައްޒަފުންނަށް މުސާރަ ދޭނީ މިނިމަމް ވޭޖްގެ މިންގަނޑަށް ފެތޭ ގޮތަށް ކަމަށެވެ. މިނިމަމް ވޭޖަށް އަމަލުކުރަން ޖެހޭނީ އަންނަ ޖެނުއަރީން ފެށިގެންނެވެ. އެހެންވެ އެސްޓީއޯ އަކީ މިނިމަމް ވޭޖަށް އަމަލު ކުރަން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏެވެ.

ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ސިވިލް ސާވިސް އެވެ.

- ކުދި ވިޔަފާރިތަކަށް، މަހަކު 4،500ރ.

- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7،000ރ.

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8،000ރ.

- ސިވިލް ސާވިސް، މަހަކު 7،000ރ.

ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް ގެންގުޅޭ، 20 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކަށެވެ. އެހެންވެ، އެސްޓީއޯ ހިމެނޭނީ މީގެ ތެރެއިން ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީގަ އެވެ.