އޭސީސީގެ ޕާފޯމެންސް އޮޑިޓުން ފާހަގަވި ޕީޖީގެ މައްސަލަތަކެއް ވެސް ކޮމިޓީއަށް ފޮނުވައިފި
އޭސީސީގެ ޕާފޯމެންސް އޮޑިޓުން ފާހަގަވި ޕީޖީގެ މައްސަލަތަކެއް ވެސް ކޮމިޓީއަށް ފޮނުވައިފި

އެންޓިކޮރަޕްޝަން ކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ގޮތް ބަލަން، އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމެންސް އޮޑިޓްގެ ހޯދުންތައް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހުށަހެޅި އިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްސަލަތަކެއް ވެސް ހުރިކަން އެނގުމުން، އެކަން ބަލަން ކަމާ ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމައިފި އެވެ.

އޭސީސީގެ ޕާފޯމެންސް އޮޑިޓްގެ ހޯދުންތައް އޮޑިޓާ ޖެެނެރަލް ހުސައިން ނިޔާޒީ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭސީސީގެ ވަކިވަކި މެމްބަރުން މަސައްކަތް ކުރައްވާފައިވާ ގޮތުގެ ތަފްސީލް ހިމެނޭ އެ ހޯދުންތަައް ހުށަހެޅި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.

ޕީޖީގެ މައްސަލަތައް ބަލަން، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ފާސްކުރީ އޮޑިޓްގެ ހޯދުންތަކާ ބެހޭ ގޮތުން މިނިވަން މުއައްްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުގެ ބައެއްގެ ގޮތުގަ އެވެ.

އޮޑިޓްގެ ހޯދުންތަކާ ބެހޭ ގޮތުން ކޮމިޓީން މިއަދު ނިންމި ނިންމުގައި ޕީޖީގެ ބައި ހިމަނަން ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްﷲ އެވެ. މިއަދު ފާސްކުރި މައިގަނޑު ނިންމުމަކީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމެވެ. ޕީޖީގެ މައްސަލަތައް ބަލަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން އަހުމަދު އަބްދުﷲ ހުށަހެޅުއްވީ އޭސީސީއާ ބެހޭ ހުށަހަޅުމަށް ތާއީދުކުރައްވަމުން ދެއްކެވި ވާހަކައިގަ އެވެ.

"އަޅުގަނޑުމެންނަށް ދެންމެ މި ޕްރެސެންޓޭޝަނުގައި ވެސް [އޮޑިޓާ ޖެނެރަލްގެ ޕްރެސެންޓޭޝަނުގައި ވެސް] ފާހަގަވި ފަދައިން ޕީޖީން ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ވެސް ފާހަގަކުރެވިފައި ވާތީ، އެކަންތައްތައް ރަނގަޅުކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މިކޮމިޓީގެ ފަރާތުން އެދެން،" މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނިންމުން ފާސްކުރަން ވޯޓަށް އެއްސެވި އިރު، ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.

އޭސީސީގެ ޕާފޯމެންސް އޮޑިޓްގެ ހޯދުންތައް އަޑު އެއްސެވުމަށް ފަހު އެކޮމިޝަނުގެ މެމްބަރުން ވަކިކުރަން ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) އެވެ. އެ ހުށަހެޅުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.