09 ޑިސެމްބަރ 2021 - 21:11

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ވަގުތީ މިސްކިތް މިއަދު ހުޅުވައިފި އެވެ.
ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި މިސްކިތް ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އެވެ.
ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހެދި މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ ތަނެކެވެ. މިސްކިތުގެ މަސައްކަތް ހަވާލުކުރީ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ދެވަނަ ފިޔަވަހީގައި ވަގުތީ ތިން މިސްކިތެއް އަޅަން ރާވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. މިހާތަނަށް މަސައްކަތް ނިންމައި ހުޅުވި މިއީ ފުރަތަމަ ވަގުތީ މިސްކިތެވެ.
ދެވަނަ ފިޔަވަހީގައި މިވަގުތު ހުރި ހަމައެކަނި މިސްކިތަކީ ދެވަނަ ފިޔަވައްސަށް އަރަން އޮންނަ ބްރިޖު ކައިރީ ހުރި ތަނެކެވެ. އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ 650 އެއްހާ މީހުންގެ ޖާގައިގެ "މަސްޖިދުލް އަމީލް ޖަލީލް" ވެސް ހުރީ ފްލެޓްތަކާ އެހާ ކައިރީގައެއް ނޫނެވެ.
ހިޔާ ފްލެޓުތަކުގައި ގިނަ ބަޔަކު އުޅެން ފަށާފައިވާއިރު އެތަނުގެ ކައިރީގައި މިސްކިތެއް ނެތުމުން ދަތިވާ ކަމުގެ ޝަކުވާ ކުރެ އެވެ.