ގައުމީ ކްރިކެޓް މުބާރާތް ސީބީއެލް ސްޕޯޓްސް ކާމިޔާބުކޮށްފި
ގައުމީ ކްރިކެޓް މުބާރާތް ސީބީއެލް ސްޕޯޓްސް ކާމިޔާބުކޮށްފި

ގައުމީ 52 ވަނަ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް މިއަދު ހޯދައިފި އެވެ.

އެ ޓީމު ތަށި ހޯދީ ޓްރެކް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މާލޭ ސްޕޯޓްސް އަތުން 173 ލަނޑުން މޮޅުވެގެންނެވެެ.

ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުޅުނު މެޗުގައި ސީބީއެލްގެ ފުރަތަމަ އިނިންގްސްގައި 48.3 އޯވަރުގެ ތެރޭގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 145 ލަނޑެވެ. ސީބީއެލްގެ އާދަމް ނާސިފް އުމަރު 61 ލަނޑު ހެދިއިރު މުހައްމަދު މަހަފޫޒް ވަނީ 46 ލަނޑު ހަދައިފަ އެވެ.

މާލޭ ސްޕޯޓްސްގެ ފުރަތަމަ އިނިންގްސްގައި 18.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 39 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 15 ލަނޑު ހެދި މުހައްމަދު ރިސްވާނެވެ.

ސީބީއެލް އިން އެ ޓީމުގެ ދެ ވަނަ އިނިންގްސްގައި 30.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 142 ލަނޑު ހެދި އެވެ. މާލޭ ސްޕޯޓްސް ދެ ވަނަ އިނިންގްސް އަށް ނުކުތްއިރު މެޗު ކާމިޔާބުކުރުމަށް 249 ލަނޑު ހަދަން ޖެހެ އެވެ. އެކަމަކު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 31 އޯވަރުގެ ތެރޭގައި 75 ލަނޑެވެ. އެއާ އެކު 173 ލަނޑުން ސީބީއެލް ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާލޭ ސްޕޯޓްސްގެ މުހައްމަދު މަހަފޫޒެވެ. އޭނާ ވަނީ އެންމެ މޮޅު އުކުންތެރިޔާގެ މަގާމް ވެސް ހާސިލްކޮށްފަ އެވެ. އެންމެ މޮޅު ބެޓްސްމަނަކަށް އަދި އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ސީބީއެލްގެ އާދަމް ނަސިފް އުމަރު ހޮވުނުއިރު އެންމެ މޮޅު ހޮވުންތެރިޔަކީ އެ ޓީމުގެ ހަސަން ހާޒިގް ރަޝީދެވެ.

މި މުބާރާތުން ހޮވާލެވޭ ކުޅުންތެރިންގެ މައްޗަށް ހިމެނޭ ޓީމަކުން މި މަހުގެ 28 އިން އަންނަ މަހުގެ 8 ގެ ނިޔަލަށް މެލޭޝިއާ އަށް ޓުއާއެއްގައި ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުގައި ޖުމްލަ ހަތް މެޗު ކުޅޭނެ އެވެ.