ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި ދުރަކަށް ނުދާނަން: މުއިއްޒު
ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި ދުރަކަށް ނުދާނަން: މުއިއްޒު

ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވައި ދުރަށް ވަޑައިނުގަންނަވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އެކަމަކު، ގާނޫނީ އިމުގެ ތެރެއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ މުނިސިޕަލް ހިދުމަތާއި އާއްމު ހިދުމަތްތައް ދިނުމަކީ ގާނޫނު އޮތްގޮތުން ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. އެކަމަކު، އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުނުކޮށް ލަސްވެގެން ދިއުމުން އެ ކައުންސިލުން އެންމެ ފަހުން ވަނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ އިއްޔެ ބާތިލްކޮށްފަ އެވެ.

ޓީޖެޓީ ހިންގުން ކައުންސިލާ ހަވާލުކުރަން އެންގުމުން އެކަމާ ވެސް ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އެ ޖެޓީ ހަވާލުކުރަން އެމްޕީއެލަށް ދިން 90 ދުވަހުގެ މުއްދަތު އަންނަ އާދިއްތަ ދުވަހު ހަމަވުމުން އެ ތަނާ ކައުންސިލުން ހަވާލުވާން ވަނީ ނިންމައިފަ އެވެ.

މޭޔަރު ވިދާޅުވިގޮތުގއި، އެކަމާ ދެކޮޅު ހަދާ ފަރާތްތަކަކީ ޣައިރު ގާނޫނީ ކަންތައްތަކެއް ކުރާ ބައެކެވެ.

"މާލެ ރައްޔިތުންގެ ހައްގުގައި ޓީ ޖެޓީ އަޅުގަނޑުމެން ހިންގަން ފަށާނަން. އެ ތަނުން ލިބޭ ފައިސާ ރައްޔިތުންނަށް ހިދުމަތް ކުރަން ހޭދަކުރާނަން. އަޅުގަނޑުމެން ދެނެއް ކުޑަކަކޫ ޖަހައި، ފަހަތަށް ޖެހި ދުރަކަށް ނުދާނަން،" އިދިކޮޅު ޕީޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒު ވިދާޅުވި އެވެ.

"އިސްކަންދޭނީ ގާނޫނަށް. އިސްކަންދޭނީ މާލޭގެ ރައްޔިތުންނަށް."

މޭޔަރު ވިދާޅުވީ، މާލޭގެ މީހުންނާ މެދު ނިކަމެތިކޮށް ހިތާ ތަން ބައްލަވަން އަބަދު ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. ބޭނުންވަނީ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައި، ގާނޫނު އިސްކުރަންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދޭ. ހަ މަސް މިވީ. މާލެ ރައްޔިތުންނަށް އިހުލާސްތެރި ވެވޭނީ އެހާ ވަރަކަށް."

ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކައުންސިލުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށާއި އެ ބޭފުޅުން ތިއްބެވީ ވަރުގަދަ އަޒުމުގައި، ހުވައާ އެއްގޮތަށް މަސައްކަތް ކުރައްވަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.