އެތައް އަހަރެއް ވަންދެން ގޮޅިން ނުނެރޭ މީހުން އެބަތިބި: އދ.
އެތައް އަހަރެއް ވަންދެން ގޮޅިން ނުނެރޭ މީހުން އެބަތިބި: އދ.

ރާއްޖޭގައި ޖަލުތަކުގައި ގައިދީން ތިބީ އިންސާނީ ވަރަށް ގިނަ ހައްގުތަކުން މަހުރޫމްވެފައި ކަމަށާއި ޖަލުތަކުގެ ހާލަތު ވަރަށް ގޯސް ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އިން މިއަދު ބުނެފި އެވެ.

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން މިހެން ބުނީ ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކޮށްފައި ތިބި އެހެން ތަންތަނުގެ ހާލަތު ބެލުމަށް 10 ދުވަހުގެ ތަހުގީގެއް ކުރުމަށް ފަހުގަ އެވެ. ޖަލުތަކާއި ކ. ގުރައިދޫ މަރުކަޒާއި ރީހެބިލިޓޭޝަން ސެންޓަރުތައް ހިމަނައިގެން 14 ފެސިލިޓީއެއް ބަލައި، 85 މީހަކާ މި ވަފްދުން ބައްދަލުކުރި އެވެ.

އެ ތަހުގީގުގެ ޕްރިލިމިނަރީ ހޯދުންތަކާ ބެހޭ ގޮތުން ބޭއްވި މީޑިއާ ބްރީފިންގައި، އެ މަސައްކަތުގައި އިސްކޮށް އުޅުއްވި އެލީނާ ސްޓެއިނާޓް ވިދާޅުވީ ޖަލުގައި ތިބި ގައިދީން މުޅި ދުވަހު ތިބެން ޖެހެނީ ގޮޅީގައި ބަންދުވެގެން ކަމަށާއި ކޯޓް ޔާޑަށް ނުކުމެލާނެ ފުރުސަތެއް އެ މީހުންނަށް ނުލިބޭ ކަމަށެވެ. އަދި ގޮޅިން ބޭރަށް ނުކުތުމުގެ ފުރުސަތު މަހަކު އެއް ފަހަރު އެންމެ ގަޑިއިރަކަށް ލިބޭ ގައިދީން ވެސް ތިބިކަން ފާހަގަ ކުރެވުނު ކަމަށް އެލީނާ ވިދާޅުވި އެވެ.

"މި ހޫނު މޫސުމުގައި މީހުން ތޮއްޖެހިފައިވާ ތަނެއްގައި ގޮޅިން ބޭރަށް ނުކުންނަން ފުރުސަތު ނުލިބި އެތައް އަހަރެއް ހޭދަ ކުރުމަށް ފަހު ގޮސް ޝަރީއަތެއްގައި ހުއްޓެން ޖެހެނީ. މިއީ އިންސާފުތޯ"،" އެލީނާ ސުވާލުކުރެއްވި އެވެ.

ޖަލުތައް ފުރި ބާރުވެފައިވާ މައްސަލަ އެ ކޮމިޓީގެ މެންބަރު ޕްރިޔާ ގޮޕަލާން ވެސް ތަކުރާރުކުރެއްވި އެވެ. ޖަލުގެ ޖާގައަށް ވުރެ އިތުރަށް މީހުން ބަންދުކޮށްފައި ތިބުމުގެ އިތުރުން ބައެއް ގޮޅިތަކުގައި އެއްވެސް އަލިކަމެއް ނެތް ކަމަށާއި ވެންޓިލޭޝަނެއް އަދި ފަންކާއެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައިދީން ނިދާނެ އެނދެއް ނުވަތަ ގޮދަޑިއެއް ވެސް ނުލިބޭ މީހުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ގޮޅިއެއްގެ ތެރޭގައި ގިނަ ބަޔަކު ތިބެން ޖެހޭތީ ނިދަން ޖެހެނީ ވަރަށް ކައިރިކައިރީގައި. އަދި ފައި ދަމާލާނެ ޖާގަ ވެސް ނުލިބޭ،" ޕްރިޔާ ވިދާޅުވި އެވެ.

ތަހުގީގު މަރުހަލާގައި ބަންދުކޮށްފައިވާ ގިނަ އަދަދެއްގެ މީހުން އެބަތިބި ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެލީނާ ވިދާޅުވި އެވެ. ޖަލު އާބާދީގެ 30 ޕަސަންޓަކީ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ސަރުކާރާ ހަވާލާދީ އެލީނާ ވިދާޅުވި ގޮތުގައި އެފަދަ މީހުން އެވްރޭޖްކޮށް ބަންދުގައި ތިބެނީ ދޮޅު އަހަރެވެ. ނަމަވެސް އދ. އިން ކުރި ތަހުގީގުން އެނގުނު ގޮތުގައި ބައެއް މީހުން ތިން ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްތަކެއް ވަންދެން ޝަރީއަތް ނުފެށި ޖަލުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ސަރުކާރަށް ގޮވާލަން މި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކުރަން." އެލީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖަލަށް ލާ މީހަކު ގާނޫނީ އެހީތެރިކަމަށް އެދެން އޮންނަ މަރުހަލާތަކާ މެދު ވެސް އދ. އިން ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި ދަރަނީގެ މައްސަލަތަކުގައި މީހުން ޖަލަށް ލުމާއި ޖަލުގެ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ރަނގަޅަށް ކުރިޔަށް ނުދާ ކަމަށް އދ.ގެ ޓީމުން ބުންޏެވެ.

މި ދަތުރަށް ފަހު ރާއްޖެއާ ބެހޭ ގޮތުން ފުލް ރިޕޯޓެއް އެކުލަވާލާނެ ކަމަށް އދ. އިން ބުންޏެވެ. އަދި އަންނަ އަހަރު އެ ރިޕޯޓް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެ އެވެ.