އޮމިކްރޯން އިން ރައްކާތެރިވުމަށް ތިން ވަނަ ޑޯޒެއް މުހިންމު
އޮމިކްރޯން އިން ރައްކާތެރިވުމަށް ތިން ވަނަ ޑޯޒެއް މުހިންމު

ކޮވިޑް-19 ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ކިޔާ ބާވަތުގެ ވައިރަހުން ދިފާއުވުމަށްޓަކައި، ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް، ނުވަތަ ބޫސްޓާ ޑޯޒެއް ޖެހުން މުހިންމު ކަމަށްކަމުގެ ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި މިހާރު ވެސް އެންމެ ހަލުވިކަމާ އެކު ކޮވިޑް ފެތެރެމުން ދަނީ، އިންޑިޔާ އިން ފެނުނު ޑެލްޓާ ކިޔާ ބާވަތުގެ ކޮވިޑް ވައިރަހުންނެވެ. ނަމަވެސް، ދެކުނު އެފްރިކާ އިން ފެނިފައިވާ އޮމިކްރޯން ކިޔާ ބާވަތުގެ ކޮވިޑް ވައިރަސް ވެސް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި ފެތުރެން ފަށާފައިވާތީ، އެ ގައުމުތަކުގެ ކަންބޮޑުވުން އަންނަނީ އިތުރުވަމުންނެވެ.

އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހާ ބެހޭ ގޮތުން މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުން، ކޮވިޑް ޖެހިގެން ހާލު ބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭނެ އެވެ.

ވިލާތުގެ ގައުމުތަކުގައި އެންމެ މަގުބޫލު ކޮވިޑް ވެކްސިން ކަމަށްވާ ފައިޒާ ވެކްސިން އުފެއްދި ފައިޒާ-ބަޔޯއެންޓެކް އިން ބުނި ގޮތުގައި، ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުން، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުން ދިފާއުވުމުގެ ބާރު ހަށިގަނޑުގައި އިތުރުކޮށްދޭނެ އެވެ. ވެކްސިންގެ ފުރަތަމަ ދެ ޑޯޒް އެކަނި ޖަހައިގެން ތިބި މީހުންގެ ހަށިގަނޑުގައި، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް އެކަށީގެންވާ ދިފާއެއް އުފައްދައިދޭނެ ކަމަށް ނުބެލެވޭތީ، ތިން ވަނަ ޑޯޒެއް ޖެހުން މުހިންމު ކަމަށް ފައިޒާ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ވައިރަހަކީ، ކޮވިޑް ވެކްސިނުން ލިބިދޭ ރައްކާތެރިކަމުގެ މައްޗަށް ގަދަވެގަތުމުގެ ބާރު، އެހެން ބާވަތްތަކުގެ ކޮވިޑް ވައިރަސްތަކަށް ވުރެ ބޮޑަށް ލިބިފައިވާ ބާވަތެކެވެ. ނަމަވެސް، ހަށިގަނޑުގެ ދިފާއީ ބާރުން ރެކިގަނެގެން ހަށިގަނޑުގެ ތެރެއަށް ފެތުރިގަތުމުގެ ގާބިލްކަން އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަށް ލިބިގެންވާ މިންވަރު އަދި މުޅިން ސާފު ނުވާ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.

ފައިޒާ ކުންފުނިން ބުނީ ލެބޯޓެރީގައި ކުރި ތަހުލީލުތަކުން އެނގުނު ގޮތުގައި، ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުން، އޮމިކްރޯން ބާވަތުގެ ވައިރަހުގެ މައްޗަށް ގަދަވެގަތުމުގެ ގާބިލްކަން އިތުރުކޮށްދެ އެވެ.