11 ޑިސެމްބަރ 2016 - 21:11

މެލޭޝިއާގައި ކުރިއަށްދާ ކުއިކްސިލްވާ ޗެރަޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ އަލީ ޚުސްރުވާން (ކުޑައައްޔަ) ހޯދިއިރު އޭނާގެ ފަހަތުން ދެ ވަނަ އަދި ތިން ވަނަ ހޯދީ ވެސް ދިވެހި ރާޅާއެޅުންތެރިންނެވެ.
ރާއްޖޭގެ އެންމެ ހުނަރުވެރި ބޮޑީބޯޑާ ކުޑައައްޔަ އެއް ވަނަ މަގާމް ހޯދިއިރު ދެ ވަނަ އަކީ އަސްވާން މުހައްމަދެވެ. މުބާރާތުގެ ތިން ވަނަ މަގާމް ރާއްޖޭގެ އަލީ ޖާވީދު (ޖާއްޓޭ) އެވެ. ހަތަރު އަށް ދިޔައީ މެލޭޝިއާގެ ރާޅާއެޅުންތެރިއެކެވެ.
ހަ ކެޓަގަރީއެއްގައި 110 ރާޅާއެޅުންތެރިން ވާދަކުރާ މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީގައި ރާއްޖޭން ދެން ވާދަކުރި މުހައްމަދު އިހުސާނާއި އަހުމަދު ފައުޒާން ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ. ޖަޖުންގެ ނިންމުމަކާ ގުޅިގެން އަލީ ޝާމް ރަފީއު ވަނީ ފުރަތަމަ ބުރުން ކަޓައިފަ އެވެ.
މި މުބާރާތުގެ ޝޯޓްބޯޑް ކެޓަގަރީގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ވާދަކޮށް ސެމީ ފައިނަލުން ވަނީ ފުރުސަތު ހޯދައިފަ އެވެެ.
ރާއްޖޭގެ ބޮޑީބޯޑިން އެތުލީޓުން ފަހަކަށް އައިސް އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. ހާއްސަ ގޮތެއްގައި ކުޑައައްޔަ އަންނަނީ އޭނާ ވާދަކުރާ ގިނަ މުބާރާތްތަކުން ވަނަ ހޯދަމުންނެވެ. ރާޅާއެޅުންތެރިން ކާމިޔާބީ ހޯދި ނަމަވެސް، މާލޭ ރާޅުގަނޑު ބޭނުންކުރުން މަނާކޮށްފައިވާތީ ފަރިތަކުރަން ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެތަން ބޭނުންކުރުން މަނާކޮށްފައިވަނީ މާލޭ-ހުޅުމާލޭ ބްރިޖް އަޅަމުން އަންނާތީ އެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ވަނީ މި މުބާރާތުގައި ބައިވެރިވުމަށް އެހީވެދިން ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ޝުކުރުއަދާކޮށްފަ އެވެ.