ކުޅުދުއްފުށީ ހޮސްޕިޓަލުން ތެލެސީމިއާ ޑީއެންއޭ ޓެސްޓްގެ ހިދުމަތް ފަށައިފި
ކުޅުދުއްފުށީ ހޮސްޕިޓަލުން ތެލެސީމިއާ ޑީއެންއޭ ޓެސްޓްގެ ހިދުމަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގުޅިގެން ތެލެސީމިއާ ޑީއެންއޭ ޓެސްޓުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ތެލެސީމިއާ ޑީއެންއޭ ޓެސްޓަކީ ތެލެސީމިއާ ސްކްރީން މެދުވެރިކޮށް ނަތީޖާ ޔަގީންނުވާ މީހުންނަށް ޝީގެ ފަރާތުން ދެމުން އަންނަ ހިދުމަތެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަަލުން ބުނި ގޮތުގައި އެ ޓެސްޓު ހެދުމަށް ބޭނުންވާ ސާމްޕަލް އެ ހޮސްޕިޓަލުގެ ލެބޯޓްރީ މެދުވެރިކޮށް ނަގައި މާލެ ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ. އެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާ އެކު މި ހިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.

"މިހާރު ތެލަސީމިޔާ ޑީއެންއޭ ޓެސްޓް ހެދުމަށް އެ ކުރާ ދަތުރަށް އެންމެ މަދުން ވެސް އާއިލާއަކަށް 10،000 އެއްހާ ރުފިޔާ ހަރަދު ކުރަން ޖެހޭނެ. އަދި އެކަމުގައި އެ ހޭދަ ކުރަންޖެހޭ ފައިސާގެ އިތުރަށް، އެ ކުރަން ޖެހޭ ދަތުރާއި، އެކަމަށް ހޭދަވާ ވަގުތަށް މިކަމުގެ ސަބަބުން ބޮޑު ލުއެއް ލިބިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގެ ލެބޯޓްރީން ނެހެދޭ ޓެސްޓްތައް، އެހެން ލެބޯޓްރީއަކާ ގުޅިގެން ހެދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެބަ މަސައްކަތް ކުރެ އެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މިކަން ކާމިޔާބު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.