09 ޑިސެމްބަރ 2021 - 14:59

މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާކުރަން ފަށައިފި އެވެ.

މިކަމުގައި އިސްކޮށް އުޅުއްވާ ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝާހީން މިއަދު "މިހާރު" އަށް ވިދާޅުވީ އެ އަތޮޅުގެ އަތޮޅު ފިހާރައާ އެކު، އެ ސަރަހައްދުގައި ހުރި އެހެން އަތޮޅުތަކުގެ ފިހާރަތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްދިނުމަށް އެދި މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައިފައިވާ ކަމަށެވެ.
ޝާހީން ވިދާޅުވި ގޮތުގައި، މި ފިހާރަތަކުން ލިބޭ އާމްދަނީ ކުރިން އަތޮޅުތަކަށް ސީދާ ފައިދާ ކުރި ނަމަވެސް، މިހާރު އެ މަގު ވަނީ ބަންދުވެފަ އެވެ. އެހެންވެ، ކޮންމެ ފިހާރައެއް ނިސްބަތްވާ އަތޮޅަކަށް މާލީ ފައިދާ ވާނެ ގޮތަށް، މި ތަންތަނުގެ ރަޖިސްޓްރީ ބަދަލުކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ކަމަށް ޝާހީން ވިދާޅުވި އެވެ.
"މި ފިހާރަތައް އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް އަދި މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް ވެސް ކުރެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ދެންނެވި،" އޭނާ ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ ގއ. އަތޮޅު ކައުންސިލުން އިސްނައިގެން ކުރަން އުޅޭ މި މަސައްކަތުގައި ބައިވެރިވުމަށް ށ. އަތޮޅު ކައުންސިލުން ވެސް މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ހުރިހާ އަތޮޅު ކައުންސިލްތަކުން ވެސް މި ކަމަށް އެއްބާރުލުން ދިނުމެވެ.
އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ފެށިއިރު، މާލެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި ވަނީ މި އަތޮޅު ފިހާރަ ބަރި ބުޓީކް ޝޮޕްތަކަކަށް ބަދަލުކުރާށެވެ.