އެކްޓަރު ރިތޭޝް ޑައިރެކްޝަނަށް
އެކްޓަރު ރިތޭޝް ޑައިރެކްޝަނަށް

އާންމުކޮށް ކޮމެޑީ ރޯލްތައް ކުޅޭ ބޮލީވުޑްގެ އެކްޓަރު ރިތޭޝް ދޭޝްމުކް ފިލްމު ޑައިރެކްޓްކުރަން ނިންމައި، އޭނަގެ ފުރަތަމަ ފިލްމު އިއުލާންކޮށްފި އެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ މިހާރު 20 އަހަރުވީ 42 އަހަރުގެ އެކްޓަރު ޑައިރެކްޝަނަށް ނުކުންނަނީ މަރާޓީ ބަހުން ހަދާ ފިލްމު "ވެދު" އިންނެވެ. އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަ ގޮތަށް ހަދާ މި ފިލްމު ޑައިރެކްޓްކުރުމުގެ އިތުރަށް މީގެ ބަތަލުގެ ރޯލު ވެސް ރިތޭޝް ކުޅޭނެ އެވެ. އަދި ފިލްމުގެ ބަތަލާ އަކީ އޭނަގެ އަންހެނުން ޖެނެލިއާ ޑި ސޫޒާ އެވެ.

ދެމަފިރިންނަކީ އެކީގައި ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ. މިހާރު ދެ ކުދިން ވެސް ތިބި ރިތޭޝް އާއި ޖެނެލިއާ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 2003 ގެ "ތުޖޭ މޭރީ ގަސަމް" އާއި 2012 ގެ "ތެރެ ނާލް ލަވް ހޯގަޔާ" ހިމެނެ އެވެ.

"ވެދު" ގެ ކާސްޓްގައި ރިތޭޝްގެ ދެމަފިރިންނާ އެކު ޖިޔާ ޝަންކަރް ވެސް މުހިއްމު ރޯލެއް ކުޅޭނެ އެވެ. މި ފިލްމުގެ މިއުޒިކާ ހަވާލުވެފައި ވަނީ އެތައް ފިލްމަކަށް މިއުޒިކް ހަދާދީފައިވާ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ އަޖޭ-އަތުލް އެވެ.

މަރާޓީ ބަހުން ހަދާ ފިލްމަކުން ރިތޭޝް ޑައިރެކްޝަނަށް ނުކުންނަން ނިންމި އިރު، އޭނާ އަކީ މަރާޓީ ފިލްމުތަކެއް ކުރިން ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި 2014 ގެ "ލައި ބާރީ" ހިމެނެ އެވެ.

"ހައުސްފުލް" ފްރެންޗައިޒްގެ ކާސްޓްގައި ވެސް ހިމެނޭ ރިތޭޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކުރީގެ އެކްޓަރު ފަރުދީން ޚާން އެނބުރި އަންނަ ފިލްމު "ވިސްފޮޓް" އާއި ސޮނާކްޝީ ސިންހާގެ "ކަކުޑާ" އަދި ނެޓްފްލިކްސްގެ "ޕްލޭން އޭ ޕްލޭ ބީ" ހިމެނެ އެވެ.