ޒެނިތުން ފަހު ވަގުތު ޗެމްޕިއަން ޗެލްސީ ހިފަހައްޓައިފި
ޒެނިތުން ފަހު ވަގުތު ޗެމްޕިއަން ޗެލްސީ ހިފަހައްޓައިފި

ސެއިންޓް ޕީޓެސްބާގް (ޑިސެމްބަރު 9) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓެސްބާގުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ޒެނިތުން ޗެލްސީއާ އެއްވަރުކުރީ އަމިއްލަ ދަނޑުގައި ކުޅެ، 3-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޗެލްސީންނެވެ. މެޗު ފަށައިގެން ދެވަނަ މިނިޓުގައި މި ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ޓިމޯ ވާނާ އެވެ.

ޗެލްސީން ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގާތް ގާތުގައި ޖެހި ދެ ލަނޑާ އެކު ޒެނިތުން ވަނީ ޗެލްސީ މައްޗަށް ކުރި ހޯދައުފަ އެވެ. އެއްވަރު ކޮށްދިން ލަނޑު 38 ވަނަ މިނިޓުގައި ކްލައުޑީނިއޯ ކާމިޔާބު ކޮށްދިން އިރު، ލީޑު ނެގީ 41 ވަނަ މިނިޓުގައި އެ ޓީމަށް ކުޅޭ އިރާނުގެ ފޯވަޑް ސަރުދާރު އަޒުމޫން ޖަހައިދިން ލަނޑުންނެވެ.

ދެވަނަ ހާފުގައި ޗެލްސީން އެއްވަރު ކުރީ 62 ވަނަ މިނިޓުގައި ރޮމެލޫ ލުކާކޫ ޖަހައިދިން ލަނޑުންނެވެ. އަދި ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ވާނާ ވަނީ ޗެލްސީއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ. ލުކާކޫ ޗެލްސީއަށް އެއްވަރު ކޮށްދިން ލަނޑު ޖަހަން މަގުފަހިކޮށްދިނީ ވެސް ވާނާ އެވެ.

ޒެނިތުން އެއްވަރު ކުރީ، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި ޒެނިތަށް މި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި މަގޯމެޑް އޮޒްޑޭވް އެވެ.

މި ނަތީޖާއާ އެކު ޗެލްސީން ގުރޫޕް ސްޓޭޖު ނިންމާލީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެއްވަނައިގައި ނިންމީ އިޓަލީގެ ޔުވެންޓަސް އެވެ. ޔުވެންޓަސް ވަނީ ސްވިޑެންގެ މަލްމޯ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗް 1-0 އިން ކާމިޔާބު ކޮށްފަ އެވެ. ޔުވެންޓަސްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 18 ވަނަ މިނިޓުގައި ޖަހައިދިނީ މޮއީސް ކީން އެވެ.

ގުރޫޕުގެ ތިންވަނައިގައި ނިންމި ޒެނިތު ވާދަ ކުރާނީ ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގަ އެވެ.