ކޮސްޓާ އަލުން ޗެލްސީ އެއް ވަނަ އަށް ގެންގޮސްދީފި
ކޮސްޓާ އަލުން ޗެލްސީ އެއް ވަނަ އަށް ގެންގޮސްދީފި

ލަންޑަން (ޑިސެމްބަރު 11) - ޑިއޭގޯ ކޮސްޓާގެ ހަމައެކަނި ލަނޑުން 1-0 އިން ވެސްޓް ބްރޮމް ބަލިކޮށް ޗެލްސީ އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

މިރޭގެ މެޗަށް ޗެލްސީ ނުކުތްއިރު ރޭ ސްޓޯކް ސިޓީގެ މައްޗަށް ކުރި ހޯދައިގެން ލީގުގެ އެއް ވަނައިގައި އޮތީ އާސެނަލް އެވެ. އެހެން ނަމަވެސް މިރޭގެ މޮޅާ އެކު ޗެލްސީ ވަނީ ލީގު އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ.

ޗެލްސީ އެއް ވަނައިގައި އޮތީ 15 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 15 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

މިރޭގެ މެޗުގައި ވެސްޓް ބްރޮމް އިން ރަނގަޅަށް ޑިފެންސްކޮށްގެން މޮޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ހާފްގައި ޗެލްސީގެ އެޑެން ހަޒާޑާއި ޕެޑްރޯ ރޮޑްރިގޭޒަށް ވެސްޓް ބްރޮމްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ. އަދި ކޮސްޓާ އަށް ރަނގަޅު ބޯޅަތަކެއް ވެސް ނުދެވުނެވެ.

މި ހާފުގައި ވެސްޓް ބްރޮމްގެ ފޯވާޑް ސޮލޮމަން ރޮންޑޮން ވަނީ ޗެލްސީގެ ޑިފެންސް ކުރިމަތީގައި ރަނގަޅަށް ކުޅެފަ އެވެ. އެހެން ނަމަވެސް އެ ޓީމުގެ އެޓޭކުގައި އޭނާއާ ބައިވެރިވާނެ ކުޅުންތެރިޔަކު ނެތުމުން މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ފުރަތަމަ ހާފުގައި ޗެލްސީން ވެސްޓް ބްރޮމް ގޯލާ ސީދާކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އަކީ ޑޭވިޑް ލުއިޒް ފޮނުވާލި ހިލޭ ޖެހުމެވެ.

ދެ ވަނަ ހާފް ފެށުމާ އެކު ޗެލްސީގެ ގޭމް އަވަސްކުރި އެވެ. ވެސްޓް ބްރޮމް ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެ ރަނގަޅު ހަމަލާތަކެއް ފޮނުވާލަން ފެށި އެވެ.

ޗެލްސީން ލަނޑު ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. ބަަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ސެސް ފަބްރެގަސް ފޮނުވާލި ބޯޅައެއް ވެސްޓް ބްރޮމްގެ ޑިފެންޑަރު ގަރެތު މެކައުލީ އަތުން ހޯދުމަށް ފަހު ކޮސްޓާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މިފަހަރު ލީގުގައި ކޮސްޓާ ޖެހި 12 ވަނަ ލަނޑެވެ.

މިއީ ލީގުގައި ޗެލްސީން ޖެހިޖެހިގެން ހޯދި ނުވަ ވަނަ މޮޅެވެ. މެޗަށް ފަހު ކޮސްޓާ ބުނީ ޗެލްސީ މިހާރު އޮތް ފޯމުގައި ކުރިއަށްދާނަމަ މިއީ ކާމިޔާބު ސީޒަނަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެން މިހުރީ ރަނގަޅު ފޯމެއްގައި. އެއަށް ވުރެން މުހިއްމު ކްލަބް މި އޮތް ފޯމު ދެމެހެއްޓުން. މި ގޮތަށް ކުރިއަށް ގޮސްފިނަމަ މިއީ ކާމިޔާބު އަހަރަކަށް ހެދޭނެ،" ކޮސްޓާ ބުންޏެވެ.