08 ޑިސެމްބަރ 2021 - 16:12

މީހަކު އޭނާގެ އަނބިމީހާ ބްލެކްމެއިލް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާގެ ފޯނު ހުޅުވަން އެންގުމުގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.
ބ. އަތޮޅުގެ ރަށެއްގައި ފިރިހެނަކު ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ ބޭނުންކޮށްގެން އަނބިމީހާ ބްލެކްމެއިލް ކުރާ ކަމަށް ބުނެ ފުލުހުންނަށް އަނބިމީހާ އެ މައްސަލަ ހުށަހެޅުމުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ފިރިހެން މީހާ ދިރިއުޅުނު ގެ ފާސްކޮށްފަ އެވެ. އަދި އެ ފިރިހެން މީހާގެ ފޯނު ހިފެހެއްޓުމަށް ފަހު ކޯޓުގައި ފުލުހުން ދެވަނަ އަމުރަކަށް އެދުނީ އެ މައްސަލައިގެ ތަހުގީގަށް އެކަށީގެންވާ މުއްދަތަކަށް ފޯނު ހިިފެހެއްޓުމަށާ އަދި އެ ފޯނު ހުޅުވަން ފިރިމީހާގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ.
އެކަމަކު ދަށު ކޯޓުން ނިންމީ އެ އަމުރު ނުދިނުމަށެވެ. ސަބަބެއްގެ ގޮތުގައިި ދަށު ކޯޓުން ދެއްކީ ފިރިމީހާގެ ފަރާތުން އަނބިމީހާއާށް ބިރުދައްކައި، ބްލެކްމެއިލް ކުރިކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ފުލުހުންނަށް ނުދެއްކޭތީ އެވެ.
އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބަރަހަނާ ފޮޓޯތަކެއް އަނބިމީހާއަށް ފޮނުވުމަށް ފަހު އޭނާ ވަރިވެއްޖެ ނަމަ، އެ ފޮޓޯތައް ލީކުކުރާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ މެސެޖްތަކެއް ފޮނުވި ކަމަށް އަނބިމީހާ ބުނެފައި އޮތަސް، ދައުލަތުން ހުށަހެޅި ހެކިތަކުގައި އެފަދަ މެސެޖެއް ނެތް ކަމަށެވެ. އަދި ފަހުން އެހެން ހެކިތަކެއް ލިބިފައިވާ ކަމަށް ދައުލަތުން ބުންޏަސް، އެއީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް ނުވާތީ އިސްތިއުނާފް މަރުހަލާގައި އެ ހެކިތަކަށް ރިއާޔަތް ނުކުރެވޭނެ ކަމަށް އެ ހުކުމުގައިިވެ އެވެ.
މީގެ އިތުރުން ދަށު ކޯޓަށް އޭރު ހުށަހެޅި ހެކިތަކަށް އެ ކޯޓުން ވެސް ރަނގަޅަށް ރިއާޔަތް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އޭރު ހުރި ހެކިތަކަށް ވުރެ ހަރުދަނާ ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށް ދައުލަތުން ބުނާތީ އެ މައްސަލަ އަލުން ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުން ނިންމުން ބާތިލް ކުރުމާ އެކު، ފޯނު ހިފެހެއްޓުމުގެ އަމުރާ މެދު އަލުން ގޮތެއް ނިންމަން އެ ކޯޓަށް އަންގާ ކަމަށެވެ. އަދި އަލުން ގޮތެއް ނިންމާއިރު، އާ ހެކި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.