އައްޔުބެ މެރުމުގައި ބައިވެރިވިކަން ސާބިތުވި "ކުއްޖާ" މިނިވަން ވެއްޖެ
އައްޔުބެ މެރުމުގައި ބައިވެރިވިކަން ސާބިތުވި "ކުއްޖާ" މިނިވަން ވެއްޖެ

ސިހުރު ހެދުމުގެ ތުހުމަތުކޮށް، ދ. ކުޑަހުުވަދޫގައި 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި އަލީ ހަސަން (އައްޔުބެ)ގެ މަރުގެ މައްސައިގައި ކުށް ސާބިތުވެފައިވާ ހަމައެކަނި މީހާ ދޫކޮށްލަން ޖުވެނައިލް ކޯޓުން ނިންމައިފި އެވެ.

ޖެނުއަރީ، 2012 ގައި އައްޔުބެއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ތިން ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމުން އޭގެ ތެރެއިން ދެ ކުއްޖަކަށް ކުށް ސާބިތުވާ ކަމަށް އެ އަހަރުގެ ޑިސެމްބަރު މަހު ޖުވެނައިލް ކޯޓުން ހުކުމް ކުރި އެވެ. އޭގެ ތެރެއިން އެކަކުގެ ހުކުމް 2017 ވަަނަ އަހަރު ހައި ކޯޓުން ބާތިލު ކުރުމުން އޭނާ ވަނީ މިނިވަންވެފަ އެވެ.

ދެވަނަ މީހާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ޖުވެނައިލް ކޯޓުގައި ސާބިތުވި ނަމަވެސް، އޭނާގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނޮވެމްބަރު 17ގައި ނިންމީ އޭނާގެ މައްޗަށް ސާބިތުވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ކަމަށެވެ. އެ ކުށަށް އަދަބު ކަނޑައަޅަން ހައި ކޯޓުން ޖުވެނައިލް ކޯޓަށް އަންގާފައި ވާއިރު، މިދިޔަ އަންގާރަ ދުވަހު އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލަން ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ.

އޭނާ ދޫކޮށްލި ސަބަބު ސާފުކޮށްދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު "މިހާރު"އަށް ވިދާޅުވީ، ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް ކަނޑައެޅޭނީ 10 އަހަރަށް ވުރެ ކުޑަ ޖަލު ހުކުމެއް ކަމަށެވެ.

އޭނާ ދޫކޮށްލީ، މި މައްސަލައިގައި މިހާރު އޭނާ 10 އަހަރަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވާތީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް މިހާރު އަދަބު ކަނޑައެޅިޔަސް، އޭނާ އިތުރަށް ތަންފީޒު ކުރަން ޖެހޭނެ އަދަބެއް ނޯންނާނެތީ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ޖުވެނައިލް ކޯޓުގައި ސާބިތުވި ނަމަވެސް، އޭރު ގިސާސް ހިފަން ހުކުމް ނުކުރީ އައްޔުބެގެ ވާރިސަކަށް 18 އަހަރު ނުފުރޭތީ އެވެ. އެންމެ ވާރިސަކު ދެކޮޅު ހެދިޔަސް ގިސާސް ނުހިފޭނެތީ އެ ވާރިސަށް 18 އަހަރު ފުރި، އޭނާގެ ބަސް ކޯޓަށް ނެގެންދެން ކޯޓުން ނިންމީ ތައުޒީރީ އަދަބެއްގެ ގޮތުން ޖަލަށްލާށެވެ.

ކުށް ސާބިތުވާ ކަމަށް އެންމެ ފުރަތަމަ ޖުވެނައިލް ކޯޓުން ހުކުމް ކުރި އިރު އައްޔުބެގެ ފަސް ވާރިސުން ބޭނުންވީ، މަރަށް މަރު ހިފާށެވެ. އަށާރަ އަހަރު ނުވާ ވާރިސުންގެ ބަސް ނުނެގެނީސް އެ ކުއްޖާ ވަނީ ގެނބިގެން މަރުވެފަ އެވެ.

ޖުވެނައިލް ކޯޓުގެ ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނޮވެމްބަރު 17 ވަނަ ދުވަހު ހުކުމް ކުރީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް، އެކަމުގައި ބައިރިވެރިވުމުގެ ކުށް ސާބިތުވާ މިންވަރަށް ހެކި ހުރި ކަމަށް ނިންމައި، ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް އަދަބު ކަނޑައަޅަން މައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވީ އެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުވާ ކުރި އެވެ. އެކަމަކު، އެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެފައެއް ނުވެ އެވެ. އެހެންކަމުން، އައްޔުބެގެ މަރުގެ މައްސަލައިގައި ހިމެނޭ އެންމެން މިހާރު ވަނީ މިނިވަންވެފަ އެވެ.